އއ. އުކުޅަހުގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ގަލަގިލި ހިމަނައި، ހއ. ތުރާކުނުގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ވަނގާރު މިއަދު ހިމަނައިފިއެވެ.
އެ ދެ ސަރަހައްދު އެ ދެ ރަށަށްދޭން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. ދެ ގަރާރު ވެސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވަނގާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރިސޯޓެއް ތަރައްގީކުރަން ނިންމި ރަށެކެވެ. އެކަމަކު، މިދިޔަ ސަރުކާރުގައި ތުރާކުނު ކައުންސިލްގެ އެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ރިސޯޓެއް ތަރައްގީނުކޮށް، އެ ރަށް ތުރާކުނުގެ ރައްޔިތުންނަށް ހަވާލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގާތްގަނޑަކަށް 11 ހެކްޓަރުގެ ވަނގާރު އޮންނަނީ ތުރާކުނާ 300 އެއްހައި މީޓަރު ދުރުގައެވެ.
އުކުޅަހަށް ގަލަގިލި އަދި ތުރާކުނަށް ވަނގާރު ދިންއިރު ރައީސް އިއްޔެ ވަނީ އދ. މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު މާފަރުފަޅު ވެސް ހިމަނައިދެއްވައިފައެވެ.
ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އެ ރަށްތަކުގެ އިހުތިސާސްގެ ތެރޭގައި އެ ސަރަހައްދުތައް ހިމަނައިދެއްވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.