ވައިގަދަވެ، ކެމްޕޭން ބިލްބޯޑުތައް ވެއްޓޭތީ ސަމާލުވާން އަންގައިފި

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ބައެއް ކެމްޕޭން ބިލްބޯޑުތައް ވެއްޓެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން މިރޭ ބުނީ، މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ބިލްބޯޑުތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެ ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް މުޅި މާލޭގެ އެކި ސަރަހައްދުގައި ވަނީ އެ ތަކެއް ކެމްޕޭން ޕޯސްޓަރުތައް ހަރުކޮށް، ދިދަފަތިތައް ދަމައި، އަދި ބިލްބޯޑުތައް ވެސް ބަހައްޓާފައެވެ.

ކެމްޕޭން ޕޯސްޓަރުތައް ހަރުކުރާއިރު، މާލެ ސަރަހައްދުގެ ކަރަންޓު ވިޔުގައިގެ ކޭބަލްތަކަށް ގެއްލުންވެދާނެ ކަމަށް ބުނެ، ސްޓެލްކޯއިން ވެސް މީގެ ކުރިން އިންޒާރެއްދިނެވެ.

ސްޓެލްކޯއިން ބުނީ، މާލެ ސަރަހައްދުގެ ގުޅިފައިވާ ކަރަންޓުގެ ވިއުގައަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައިފި ނަމަ، އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މާލޭގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރަން ހުއްދަތައް ދެނީ ސިޓީ ކައުންސިލުންނެވެ. އެކައުންސިލުން ވަނީ ޕޯސްޓަރު ހަރުކުރަން ޖެހޭ ގޮތްތަކާ ޚިލާފަށް ހަރުކުރާނަމަ ޕޯސްޓަރުތައް ނަގާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.

އިންތިޚާބުތަކާ ދިމާކޮށް ކެމްޕޭން ޕޯސްޓަރުތަކާއި ދިދަފަތިތަކާއި އަދި އެ ނޫން ވެސް ތަކެތި ހަރުކުރުމުގައި އާންމުންނަށް ދަތިނުވާނެހެން އަދި އޮންނަ ގަވާއިދުގެ ތެރެއިން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވެއެވެ.

މަގުތަކުގައި ހަރުކޮށްފައި ހުންނަ ބައެއް ކެމްޕޭން ސާމާނުތަކުގެ ސަބަބުން އާންމުންނާއި، އަދި ކުއްލި ހާލަތްތަކުގައި ދަތިތައް ދިމާވެއެވެ.

އެ ގޮތުން މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް މާވެޔޮމަގުގައި ކެމްޕޭން ދިދަފަތިތަކެއް ދަމާފައި ހުއްޓައި، އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އަލިފާން ނިއްވާ ޓްރަކަށް އެ މަގަށް ނުވަދެވި ގިނައިރުތަކެއް ނެގިއެވެ.

comment ކޮމެންޓް