ރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް މިދިޔަ އަހަރު ހަވަލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އެޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.
މިއީ 90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން އެެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކޮށް މަގުތަކުގައި މަގު ބައްތި ޖަހަން ވަނީ ހަމަޖެހިފައެވެ.
މިފަދަ ގިނަ މަޝްރޫއުތަކެއް މިދިޔަ ސަރުކާރުން ކުންފުނިތަކާ ހަވާލުކުރުމަށް ފަހު ހުއްޓިފައިވާކަމަށް މި ސަރުކާރުން ތުހުމަތު ކުރެއެވެ.
އަދި އެ މަޝްރޫއުތައް މި ސަރުކާރުން ފަށަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.