އީރާނުގެ 9 މިސައިލެއް އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި އަމާޒާށް ވާސިލްވި، ގެއްލުން ވެސް ލިބުނު

އީރާނުގެ މިސައިލެއް ފޮނުވާލަނީ

ވޮޝިންޓަން (15 އެޕްރީލް 2024) : އިސްރާއީލަށް ރައްދު ދިނުމަށް ޓަކައި މިދިޔަ އާދީއްތަ ދުވަހު އީރާނުން ދިން ހަމަލާތަކުގައި ބޭނުންކުރި ބައެއް މިސައިލްތައް އިސްރާއީލުގެ ދިފާއީ ތިން ނިޒާމު ފޫއަޅުވާލުމަށްފަހު އިސްރާއީލުގެ އަސްކަރީ ދެބޭސް އަކަށް އަރާފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު އެމެރިކާގެ "އޭބީސީ ނިއުސް" ނެޓްވާކަށް ދެއްވި މައުލޫމާތެއްގައިވާ ގޮތުން އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން ނުވަ މިސައިލެއް އިސްރާއީލުގެ އަސްކަރީ ދެ ބޭހަކަށް އެރުމުގެ ސަބަބުން އެ ދެ ތަނަށް މާއްދީ ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އިސްރާއީލުވަނީ އީރާނުގެ އެންމެ ބެލިސްޓިކް މިސައިލެއް ނޫނީ އިސްރާއީލަށް ނަރާކަމަށް ބުނެ ހަގީގަތް އޮޅުވާލަން މަސައްކަތްކޮށްފައެވެ.

ކުވައިތު ހަނގުރާމައިގެ ދުވަސްވަރު އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން އިސްރާއީލަށް ފޮނުވާލި ސްކަޑް މިސައިލްތަކަކުން ވެސް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް އެދުވަސްވަރު އިސްރާއީލުން ބުނެފައިވެއެވެ. ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި އެ މިސައިލްތަކުން އިސްރާއީލުގެ 80 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ "އޭބީސީ ނިއުސް" ދެއްވި މައުލޫމާތުގައިވާގޮތުން އިސްރާއީލުގައި ތިން ބާވަތެއްގެ ދިފާއީ ނިޒާމުތައް ވެއެވެ. އެއީ "އަޔަންޑޯމް" "އާރޯ" އަދި "ޑޭވިޑްސް ސްލިން" އެވެ. އީރާނުގެ މި ނުވަ މިސައިލް އިސްރާއީލުގެ އަސްކަރީ ދެ ބޭސް އަކާ ހަމައަށް ވާސިލްވީ މި ތިން ނިޒާމުވެސް ފޫއަޅުވާލުމަށްފަހުގައި ކަމަށާ މިމައްސަލަ އިސްރާއީލުގެ ކަމާބެހޭ އިންޖިނޭރުން ބަލައި ދިރާސާކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ މިތިން ނިޒާމަކީ މިސައިލާއި ރޮކެޓް އަދި ޖެޓް ފައިޓަރުން ދޭ ހަމަލާތައްވެސް މަތަކުރުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމުތަކެކެވެ. ނަމަވެސް ދުރުރާސްތާގެ ބައެއް ބާވަތްތަކުގެ މިސައިލްތައް ޚާއްސަކޮށް ހައިޓެކް މިސައިލްތައް މިތިން ނިޒާމުންވެސް ނުހުއްޓުވޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ގައިވާ ރިޕޯޓެއް ބުނާގޮތުން އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ވައްޓާލުމަށް އިސްރާއީލުން 1.2 ބިލިޔަން ޑޮލަރުގެ ޚަރަދު ކުރަންޖެހުނެވެ. އެއީ އެތަކެތި ވައްޓާލުމަށް ބޭނުންކުރާ ބާރުގަދަ ރޮކެޓްތަކަކީ އިންތިހާއަށް އަގުބޮޑު ރޮކެޓްތަކެއްކަމަށްވާތީއެވެ.

އަސްކަރީ ޓެކްނޮލޮޖީއާ ބެހޭ ރިޕޯޓްތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާއާއި ޔޫރަޕާ އަދި އިސްރާއީލު ފަދަ ހުޅަނގަށް ބަރޯސާވާ ގައުމުތަކުގައި އުފައްދާ ހަތިޔާރު ރަޝިއާ، ޗައިނާ، އީރާން ފަދަ ގައުމުތަކުގައި އުފައްދާ ހަތިޔާރަށްވުރެ އެތަށް ގުނައެއް އަގުބޮޑެވެ.

އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރި 300 ވަރަކަށް މިސައިލާއި ޑްރޯންތައް ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެމެރިކާއާއި އިނގިރޭސިވިލާތެވެ. އެންމެ ގިނަ ޑްރޯންއާއި މިސައިލް ވައްޓާލީ އެދެގައުމުންނެވެ.

އިސްރާއީލު އެކަންޏަށް މިހުރިހާ މިސައިލާއި ޑްރޯންތައް ވައްޓާ ނުލެވުނީސްކަމަށާ އެމެރިކާއާއި އިނގިރޭސީންގެ އެހީ ނުލިބުނުނަމަ އިސްރާއީލަށް ބޮޑު ގެއްލުމެއް ވީސްކަމަށް އޭނާ ވިދާޅުވިއެވެ. މީގެތެރެއިން ގިނަ ތަކެތި ވައްޓާލާފައިވަނީ އުރުދުންގެ މަތިންނެވެ. އުރުދުންވަނީ އުރުދުންވަނީ އީރާނުގެ މިސައިލާއި ޑްރޯންތައް ވައްޓާލުމުގައި އިސްރާއީލާއި އެމެރިކަ އަދި އިސްރާއީލަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު