އީރާނުން އިސްރާއީލަށް ހަމަލާދީ އުފެއްދީ ޓިޓް ފޯ ޓެޓްގެ އައު ދިފާއީ އީކުއޭޝަނެއް

އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ރޭ ދިން ހަމަލާތަކަކީ ސްޓްރެޓީޖިކް ގޮތުން މެދުއިރުމަތީގައި އީރާނުން އުފެއްދި މުޅިން އައު ޑިޓަރެންސް އީކުއޭޝަނެއް ކަމަށް އަލްޖަޒީރާގެ އަސްކަރީ މުހައްލިލް އަދި އުރުދުންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވެއްޖެއެވެ.

އައްދުވައިރީ ވިދާޅުވިގޮތުގައި އީރާން ފުނޑުފުނޑުކޮށްލީ, އިސްރާއީލަކީ ސަރަހައްދުގެ ހުރިހާ ގައުމުތަކަކަށް ވުރެ މާބާރުގަދަ އަދި ކޮންމެ ޖަރީމާއެއް ހިންގިޔަސް އެއްވެސް ގައުމަކަށް ރައްދު ދޭން ނުކެރޭނެ އަދި އުންޑައެއްވެސް ނާރާނެ ބާރުގަދަ ގައުމެއްކަމަށް ދައްކަން ޒަމާނުއްސުރެ އިސްރާއީލާއި ހުޅަނގުން ބިނާކޮށްފައިވާ ބިރުވެރިކަމުގެ ފާރެވެ.

އައްދުވައިރީ ވިދާޅުވިގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމުގެ މައި ލަނޑުދަނޑިއަކީ މިހަމަލާތަކުން އިސްރާއީލަށް ބޮޑުގެއްލުމެއް ދިނުމެއް ނޫނެވެ. އީރާނުގެ ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުން ފަލަސްތީނު ހިފައި ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.އަށް ގޮންޖަހައި މުޅި ސަރަހައްދުގައި ބުލީކޮށް ގައުމުތަކަށް ހަމަލާދީ ބިރުދައްކަމުން ގެންދާއިރުވެސް އިސްރާއީލަށް ސީދާގޮތެއްގައި ހަމަލާދޭން އެއްވެސް ގައުމަކަށް ނުކެރޭނެކަމަށް ޒަމާނުއްސުރެ އިސްރާއީލާއި ހުޅަނގުން ބިނާކޮށްފައިވާ ޑިޓަރެންސް ގެ ފާރު ފުނޑާލުމެވެ.

އިސްރާއީލަށް ހަމަލާދޭން ކެރޭނެކަމާއި އިސްރާއީލަކީ ހަމަލާނުދެވޭވަރުގެ ބާރުގަދަ ގައުމެއް ނޫންކަން މިހަމަލާތަކުން އީރާން ދައްކައިފިކަމަށާއި ހަމަލާދީފައި ނުފިލޭނެކަމުގެ މެސެޖްވެސް އީރާނުން އިސްރާއީލަށް ދީފިކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިސްރާއީލަށް ވަރަށް ވޭންދެނިވި މެސެެޖެއްކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއި އެމެރިކާ އަރަބި ގައުމުތަކަށް ދެއްކީ އިސްރާއީލު ސިފައިންނަކީ ދުވަހަކުވެސް ބަލިނުކުރެވޭނެ އިންވިންސިބްލް އާމީ އެއްކަމުގެ ޕްރޮޕަގެންޑާއެވެ. ނަމަވެސް ހަ މަސްވީއިރުވެސް ހަމާސް ޖަމާއަތް ބަލިނުކުރެވުމުންނާއި ހަމާސްއިން އޮކްޓޯބަރު ހަތެއްގައި ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިން ކުއްލި ގޮތަކަށް އިނދަޖެހުމުން އިސްރާއީލު ސިފައިންގެ ހަގީގީ ބަލިކަށިކަން އީރާނަށްވެސް ފެނިގެންދިޔައެވެ.

އެމެރިކާ ދީފައިވާ ބޮންއަޅާ ޖެޓްތައް އިސްރާއީލަށް ލިބިފައިނުވާނަމަ ހަމާސްއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޓެލްއަވީވަށް އަރައި އިސްރާއީލު ހިފާނެކަން މިކުރިމަތިލުންތަކުން ހާމަވެފައިވުމަކީ އިސްރާއީލު ސިފައިންގެ ބަލިކަށިކަން ހާމަވެގެންދިޔަކަމެއް ކަމަށް އައްދުވައިރީ ވިދާޅުވިއެވެ.

އަލްޖަޒީރާގެ ތަހުލީލީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައްދުވައިރީ ވިދާޅުވީ އިސްރާއީލު ގެންދިޔައީ އަރަބި ގައުމަކުން ބާރުވެރިކަން ހޯދުމަށް ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރިޔަސް އެތަނެއް އޭގެ ޅަފަތުގައި ބޮންއަޅައި ހަލާކުކޮށްލުމުގެ ސިޔާސަތެވެ. އަރަބި ގައުމެއްގައި ނިއުކްލިޔާ ސައެންސްވެރިއަކު އުފެދޭއިރަށް އެމީހަކު މަރާލުމުގެ ސިޔާސަތެވެ.

އެމެރިކާއާއި ޔޫރަޕްގެ އެހީގައި ތަންފީޒު ކުރި މިސިޔާސަތުގެ ދަށުން އިސްރާއީލުވަނީ 1982 ވަނަ އަހަރު އިރާގުގެ ނިއުކްލިޔާ މަރުކަޒަށް ހަމަލާދީ އޭގެ ޅަފަތުގައި އެތަން ހަލާކުކޮށްލާފައެވެ. އަދި 2007 ވަނަ އަހަރު އިސްރާއީލުވަނީ ސޫރިޔާގެ ނިއުކްލިޔާ ސައިޓްތަކަށް ބޮންއަޅައި އެތަންތަން ފުނޑާލާފައެވެ. އަދި ލީބިޔާގެ ނިއުކްލިޔާ ޕްރޮގްރާމްވެސް އެމެރިކާ މެދުވެރިކޮށްގެން ހުއްޓުވައި ރޫޅާލުމަށްފަހު ނޭޓޯގެ އެހީގައި ލީބިޔާގެ ޒައީމް ކާނަލް ގައްޒާފީވެސްވަނީ އަވަހާރަކޮށްލާފައެވެ.

މިސްރު އޮތީ ބިރުދައްކައިގެން އިސްރާއީލަށް އަމާންދީފައެވެ. 2003 ގައި އެމެރިކާ އިރާގަށް އަރައިގަތުމާއެކު އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދް އިންވަނީ އިރާގުގެ އެތަށް ސަތޭކަ ސައެންސްވެރިން އެކި ގޮތްގޮތަށް މަރާލާފައެވެ.

މިއާއެކު އިސްރާއީލު ކަށަވަރުކުރީ އިސްރާއީލަށް ހަމަލާއެއް ނުވަތަ ބިރެއް ދެއްކޭނެ ބާރެއް އަރަބި އެއްވެސް ގައުމެއްގައި ދެން ނޯންނާނެކަމެވެ. އެއީ މިނޫންގޮތަކަށް ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލަށް އަމާންކަމުގައި ނޯވެވޭނެތީއެވެ.

އަލްޖަޒީރާގެ އަސްކަރީ އެނަލިސްޓް ޖެނެރަލް ރިޓަޔަޑް ފާއިޒް އައްދުވައިރީ

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އީރާނުގެ މިހަމަލާއާ ގުޅިގެންވެސް އިސްރާއީލުގެ އެތަށް ހާސްބަޔަކު އެގައުމު ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރި ދާނެއެވެ. އަދި އީރާނުގައި ނިއުކްލިޔާ ހުރިކަން އެގައުމުން ރަސްމީކޮށް އިއުލާނުކޮށްފިނަމަ އިސްރާއީލަށް ހިޖުރަކޮށްގެންއުޅޭ ޔަހޫދީންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުން އެގައުމު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް ދާނެއެވެ.

7 އޮކްޓޯބަރުގައި ހަމާސް ދިން ކުއްލި ހަމަލާތަކަށްފަހުވެސް 4 ލައްކައެއްހާ ޔަހޫދީން އިސްރާއީލު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އިސްރާއީލުގައި އަމާންކަން ނެތުމުންނެވެ. އިސްރާއީލަކީ ދުނިޔޭގެ އެކި ގައުމުތަކުން ޔަހޫދީން ގެނަސް އިސްތިއުމާރީ އުސޫލުން އުފައްދާފައިވާ ތަބީއީ ގައުމަކަށް ނުވާތީ އަމާންކަން ނެތިއްޔާ އިސްރާއީލު ދެމިއެއް ނޯންނާނެއެވެ.

ފަލަސްތީނު ބިންތައް ހިފައިގެން އަމާންކަމާއެކު އެބިމުގައި ދެމިއޮތުމަކީ އިސްރާއީލުގެ އެންމެ ސްޓްރެޓީޖިކް މަގްސަދެކެވެ. އެހެންކަމުން އިސްރާއީލު އެންމެ ކަންބޮޑުވާ ހައްސާސް މައްސަލައަކީވެސް އަމާންކަމުގެ މައްސަލައެވެ. އަރަބި ނޫނީ އިސްލާމީ ގައުމަކުން ބިރެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުމެވެ.

އިރާގު ހަލާކުކޮށްލުމަށްފަހު އެމެރިކާގެ އެހީއާއެކު އިސްރާއީލު ގެންދިޔައީ އީރާނާ ހުއްޓުމެއްނެތި ދިމާކުރަމުންނެވެ. އެއީ އީރާނުން ނިއުކްލިޔާ ބިނާކޮށް ބާރު ހޯދަން މަސައްކަތްކުރާތީއެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާނެކަމުގެ އިންޒާރު 2001 ން ފެށިގެން އެމެރިކާއާއި އިސްރާއީލު ގެންދަނީ ދެމުންނެވެ.

ނަމަވެސް އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު ތަރައްގީކުރާ އަދި ސައެންޓިފިކް ގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން އަރަބި ގައުމުތަކަށްވުރެ މާބޮޑަށް ކުރިއަރާފައިވާ ގައުމަކަށްވާތީއާއި އީރާނަކީ ވަސީލަތްތައްގިނަ ބޮޑުގައުމަކަށްވާތީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައިވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ސީދާގޮތެއްގައި ހަމަލާދޭން އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް ކެރިފައެއް ނުވެއެވެ.

ނަމަވެސް ނުސީދާކޮށް އިސްރާއީލު ގެންދިޔައީ އީރާނަށްވެސް އެކިގޮތްގޮތަށް ގޯނާތައް ކުރަމުންނެވެ. މީގެތެރޭގައި އީރާނުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން އީރާނުގެ އެތެރޭގައި ބޮންގޮއްވައި ޓެރަރިސްޓް ހަމަލާތައްދީ އީރާނުގެ ނިއުކްލިޔާ ސައެންސްވެރިން މެރުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިމެނެއެވެ.

މީގެއިތުރުން ސޫރިޔާގައިވާ އީރާނުގެ ތަންތަނަށްވެސް އިސްރާއީލު ގެންދިޔައީ ހަމަލާތައްދީ އީރާނުގެ އަސްކަރީ މަސްއޫލުވެރިން މަރަމުންނެވެ. އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ސައިބާ ހަމަލާތައް ދިނުންފަދަ ކަންކަން ކުރަމުންނެވެ.

މިކަންކަމަށް އީރާނުން އިސްރާއީލަށް ރައްދުދެނީ އީރާނަށް ތާއީދުކުރާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ އަދި ޔަމަންގެ ހޫޘީ ޖަމާއަތްފަދަ ޖަމާއަތްތައް މެދުވެރިކޮށެވެ. ނަމަވެސް ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ 7 މަސްއޫލުވެރިއަކު އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން އީރާން ދުށީ ސީދާ އިސްރާއީލަށް ހަމަލާދިނުމުގެ ވަގުތު މިހާރު އަތުވެއްޖެ ކަމުގައެވެ. ސީދާ އިސްރާއީލަށް ހަމަލާތަކެއް ދީ "ޓިޓް ފޯ ޓަޓް" ގެ އުސޫލުން އީސްރާއީލާ މުއާމަލާތް ކުރަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ. މިކަން ނުކޮށް އިސްރާއީލުގެ ކުރިމަތީގައި ފަހަތަށް ޖެހިއްޖެނަމަ ދެން ފުއްޕާފައި އިސްރާއީލު ހަމަލާދޭނީ ސީދާ އީރާނުގެ އެތެރެއަށްކަންވެސް އީރާނަށް އެނގުމަކީ މިހަމަލާދިން މައިގަނޑު ސަބަބެއްކަމަށް ޖެނެރަލް އައްދުވައިރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލަކީ ހަމަލާނުދެވޭވަރުގެ މާގަދަ ބާރެއްކަމަށް ހެދިގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށާއި އަދި ހަމަލާއަކަށް ހަމަލާއެއް ދިނުން ނޫންގޮތެއް ނެތްކަމަށް އީރާން އެންމެފަހުން ނިންމީއެވެ. އެއީ މިނޫންގޮތަކަށް އިސްރާއީލުގެ ބުލީކުރުންތައް ނުހުއްޓުވޭނެތީއެވެ.

ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ ފަސް ޑިޕްލޮމެޓުންނާއި އަސްކަރީ ދެ ކޮމާންޑަރުން އަވަހާރަކޮށްލުމަކީ ރަތްރޮނގު ހުރަސްކުރުންކަމަށް އީރާނުން ބުނެފައިވާއިރު މިރަތްރޮނގު އިސްރާއީލު ހުރަސްކުރުމުން މިކަމަށް ރައްދު ނުދީފިނަމަ ބަލިކަށި ގައުމެއްގެ ގޮތުގައި އިސްރާއީލުން އީރާނާމެދު ދެކޭނެތީއެވެ. އަދި އީރާނަށް ސީދާގޮތެއްގައި ހަމަލާދޭން ފަށާނެކަން އީރާނަށް އެނގޭތީއެވެ.

އެހެންކަމުން ބިރު ކަނޑާލާފައި އީރާނުން އިސްރާއީލަށް ރައްދު ދިނީކަމަށް އައްދުވައިރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިދަނޑިވަޅަކީ އިސްރާއީލަށް ހަމަލާދޭން އެންމެ ރަނގަނޅު ދަނޑިވަޅުކަމަށް އީރާން ނިންމީ އެހެން ސަބަބުތަކެއްވެސް ހުރެގެންނެވެ.

މީގެތެރޭގައި އެމެރިކާ ފަހަތުގައި އޮވެގެންވެސް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމުގައި އިސްރާއީލު މުޅިން ނާކާމިޔާބުވެފައިވުމާއި ޣައްޒާގައި ކާމިޔާބު ނުލިބޭތީ އިސްރާއީލުގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި އިސްރާއީލުގެ ބޮޑުވަޒީރު ހޫނުފެނަށް ވެއްޓިފައިވުން ހިމެނެއެވެ.

އަދި އިސްރާއީލުން ޣައްޒާގެ 33 ހާހަށްވުރެ ގިނަ އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ސަބަބުން މުޅި ދުނިޔޭގައިވެސް އިސްރާއީލަކީ ނުބައި ޖައްބާރު ޣައިރު ގާނޫނީ ގައުމެއްގެ ގޮތުގައި ފާޅުވެ ޚުދު އިސްރާއީލަށް ތާއީދުކުރާ ހުޅަގުގެ އާންމުންގެ މެދުގައިވެސް އިސްރާއީލަށް ކުރިން އޮތ ތާއީދާއި ހަމްދަރުދީ މުޅިން ގެއްލި ހުޅަނގުގެ ރައްޔިތުންވެސް އިސްރާއީލާ ދެކޮޅަށް ތެދުވާން ފަށާފައިވުމަކީވެސް އިސްރާއީލަށް ހަމަލާދިނުމަށް އީރާނަށް ލިބުނު ހިއްވަރެއްކަމަށް އައްދުވައިދީ ދެކެވަޑައިގަންނަވައެވެ.

އީރާނުގެ ހަމަލާތަކާ ގުޅިގެން އީރާނަށް ރައްދު ނުދިނުމަށް އެމެރިކާގެ ރައީސް ބައިޑެން ވަނީ އިސްރާއީލަށް އަންގަވާފައެވެ. އަދި މިފަދަ ކުރިމަތިލުމެއްގައި އެމެރިކާ ބައިވެރިނުވާނެކަންވެސް ބައިޑެންވަނީ އިސްރާއީލަށް އަންގަވާފައެވެ. އެއީ އިސްރާއީލާމެދު އެމެރިކާ ހިތްހަމަނުޖެހިގެނެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން މުޅި ސަރަހައްދުގައި ހަނގުރާމަ އުފެދި އެމެރިކާގެ މަސްހަލަތަށް ގެއްލުންވާނެތީއެވެ.

ގަލްފުގެ ތެލުގެ މަރުކަޒުތައް ހަލާކުވެދާނެތީއެވެ. ހަނގުރާމައެއް ފެށިއްޖެނަމަ ގަލްފުގައި ދަތުރުފަތު ހުއްޓި ތެޔޮ ބޭރުކުރެވޭނެ ގޮތެއްނެތި އެމެރިކާއާއ އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ އިގްތިސާދަށް ބޮޑުގެއްލުމެއް ވެގެންދާނެތީއެވެ.

އީރާންވަނީ އީރާނަށް ހަމަލާދޭންއަންނަ އިސްރާއީލުގެ ފައިޓާޖެޓްތަކަށް ވައިގެ ޖައްވު ހުޅުވާލާ ކޮންމެ ގައުމަކަށް ހަމަލާދޭނެކަން އިއުލާނުކޮށްފައެވެ. އެހެން ގައުމެއްގެ ވައިގެ ސަރަހައްދު ހުރަސްނުކޮށް އިސްރާއީލަށް އީރާނަށް ހަމަލާ ނުދެވޭނެއެވެ. އަދި ވައިގެ ތެރޭގައި ތެޔޮނާޅައިވެސް އީރާނަށް ހަމަލާ ނުދެވޭނެއެވެ. އެއީ އީރާނާއި އިސްރާއީލާ ދެމެދު 2 ހާސް ކިލޯމީޓަރުގެ ރާސް ހުންނާތީއެވެ.

އީރާނުގެ ހަމަލާތަކުން ގެއްލުމެއް ނުލިބޭކަމަށް އިސްރާއީލު ބުނިނަމަވެސް މިއީ ހަގީގަތެއްކަމަށް ބެލެވޭނެ ގޮތެއްނެތެވެ. ކުވައިތު ހަނގުރާމައިގެ ތެރޭގައި ސައްދާމް ހުސައިން އިސްރާއީލަށް ސްކަޑް މިސައިލްތަކެއް ފޮނުވާލުމުންވެސް އިސްރާއީލުވަނީ އެގައުމަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ބުނެފައެވެ. ނަމަވެސް ފަހުން އިސްރާއީލު ހާމަކުރިގޮތުގައި އެހަމަލާތަކުގައި އިސްރާއީލުގެ 80 މީހަކު މަރުވިއެވެ.

އަނެއްކޮޅުން އިސްރާއީލަކީ އެމެރިކާގެ އެހީގައިވެސް ދެ ފްރަންޓެއްގައި އެއްވަގުތަކު ހަނގުރާމަ ކުރުމުގެ ގާބިލްކަން ނެތްގައުމެއްކަންވެސް އީރާނުގެ ހަމަލާތަކުންވަނީ ހާމަވެފައެވެ. އީރާނުގެ ހަމަލާތަކާއެކު ޣައްޒާއަށް އިސްރާއީލު ދޭ ހަމަލާތައްވަނީ 70 އިންސައްތައަށް ދަށަށްގޮސްފައި ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ. ކޮންމެއަކަސް ރޭ އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައިވަނީ އަސްކަރީ ޑިޓަރެންސްގެ މުޅިން އައު އީކުއޭޝަނެއް އުފެދިފައެވެ. މި އީކުއޭޝަން ބިނާވެފައިވަނީ ޓިޓް ފޯ ޓެޓް ނުވަތަ ހަމަލާދީފައި ނުފިލޭނެ ކަމުގެ މެސެޖްގެ މައްޗަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު