މާލޭގައި ފެންބޮޑުވެގެން މިހާތަނަށް 85 ތަނަކުން ރިޕޯޓުކޮށްފި

ބޯކޮށް ވެހުނު ވާރޭގައި މާލޭގައި ފެން ބޮޑުވުން -- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން މިހާތަނަށް މާލޭގެ 85 ތަނަކުން ގެއްލުންވާތީ ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން އުޅެންދަތިވާ ވަރަށް ފެންބޮޑުވިކަމަށް މާލޭގެ ހަތް ތަނަކުން ރިޕޯޓުކުރި ކަމަށެވެ.

އެހެންވެ މޯލްޑިވްސް ރެޑް ކްރެސެންޓްގެ އެހީތެރިކަމާ އެކު، އެ ތަންތަނުގެ ރެޕިޑް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ގެއެއްގައި 241 ވެލިބަސްތާ ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދު ހެނދުނުން ފެށިގެން ކުރަމުން އަންނަ ވިއްސާރައިގައި ގުގުރުމާއެކު މާލެއަށް ވަރަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. އެކަމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ހިނގާބިނގާވެ އުޅުމަށް ދަތިވާވަރަށް ފެންބޮޑުވެފައެވެ.

ގެތަކަށް ފެންވަންނާތީ ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ވެސް މިއަދު ނިކުތެވެ.

ދޭތެރެދޭތެރެއިން ކުރާ ގަދަ ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމަކީ ހިނގާކަމެކެވެ. މީގެ ސަބަބުން ބައެއް ގެތަކުގައި މީހުން ދިރިއުޅެން ދަތިވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާ ކުރާގޮތުގައި މިއަދާއި މާދަމާ މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެއެވެ. އަދި ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 20:00އިން ފެށިގެން 00:00ގެ ނިޔަލަށް އޮތީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

comment ކޮމެންޓް