އީރާނުން އިސްރާއީލާ ދެކޮޅަށް ބަދަލުހިފައިގެން ނުވާނެ، އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ: ބައިޑެން

ބައިޑެން

ވޮޝިންޓަން (13 އެޕްރީލް 2024) : ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދީ އީރާނުގެ ހަތް މަސްއޫލުވެރިއަކު އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން އީރާނުން އިސްރާއީލާ ދެކޮޅަށް ބަދަލުހިފައިގެން ނުވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ އީރާނުން އިސްރާއީލަށް ބަދަލުހިފުމުގެ ހަމަލާ ދޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި ނަމަވެސް އެއީ އީރާން ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ.

އީރާނަށް ދޭންބޭނުންވާ މެސެޖަކީ "ތިކަން ނުކުރާށޭ" ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. އީރާނުން ރައްދު ހަމަލާދިންނަމަވެސް އެމެރިކާ އޮންނާނީ އިސްރާއީލަށް އެހީތެރިވެ އިސްރާއީލުގެ ދިފާއުގައި ކަމަށާއި އަދި އީރާނަށް ކާމިޔާބު ލިބުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ބައިޑެން ވިދާޅުވިއެވެ. އީރާނުން ރައްދު ހަމަލާ އިސްރާއީލަށް ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރުވެސް ބައިޑެން ދެއްވިއެވެ.

އެމެރިކާއަކީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ހަމައެކަނި ލިބިގެންވަނީ އިސްރާއީލަށް ކަމަށާއި އަދި ބޭނުންގައުމަކަށް ބޭނުންވަގުތަކު ބޭނުންތާކަށް ހަމަލާދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާކަމަށް ގަބޫލުކުރާ ވަރަށް ބޮޑަށް ވަކި އަތަކަށް ޖެހިފައިވާ ހަރުކަށި ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނު މީހުން މަރަމުން ގެންދާއިރުވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ނުވަތަ މިނިވަންކަން ހޯދުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު (ރެސިސްޓެންސް) ކުރުމުގެ ހައްގު ފަލަސްތީނަށް ނޯންނާނެކަމަށް އެމެރިކާ ދެކެއެވެ. އަދި އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ރެސިސްޓެންސް ހަރަކާތެއް ހިންގައިފިނަމަ އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށްވެސް އެމެރިކާ ސިފަކުރެއެވެ. ނަމަވެސް ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ބައެއްގެ ބިން ހިފައިގެން އޮންނަ އިސްތިއުމާރީ ބާރަކަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އެ ބިމުގައި ނޯންނާނެއެވެ.

އެ ހަރަކާތަކާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެކަމާއި އިސްރާއީލުގެ ހަމަލާތަކުގައި ހާހުން ފަލަސްތީނުގެ އާންމުން މަރާލާއިރުވެސް އެތަން ނުފެންނަ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއެވެ. އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ އިސްރާއީލުން ޣައްޒާގެ އާންމުން ގަސްދުގައި މަރާތަން ނުފެންނަ ކަމަށް މިދިޔަ ހަފުތާގައި ވިދާޅުވެފައެވެ. ނަމަވެސް އޭގެ އެއް ހަފުތާކުރިން އޮސްޓިންވަނީ އިސްރާއީލުން ޣައްޒާގެ 30 ހާސް އާންމުން މެރިކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ތަކުރާރުކޮށް ސޫރިޔާއަށް ހަމަލާތައް ދެމުންގެންދާއިރު އެމެރިކާ ދުވަހަކުވެސް އެކަން ކުށްވެރިއެއް ނުކުރެއެވެ. އިސްރާއީލުން މީގެ ދިހަވަރަކަށް ދުވަސްކުރިން ސޫރިޔާއަށް ދިން ހަމަލާތަކެއް އެ ގައުމުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އަމާޒުކޮށް އީރާނުގެ ހަތް މީހަކާއި އެހެންގައުމުތަކުން ހަތަރު މީހަކާއެކު 11 މީހަކު ވަނީ މަރާލާފައެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރީ ދެކޮމާޑަރަކާއި ފަސް ޑިޕްލޮމޭޓުން ހިމެނެއެވެ.

ނަމަވެސް އިސްރާއީލާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް އޮންނާނެކަމަށް އެއްފަހަރުވެސް އެމެރިކާ ބުނެފައެއް ނުވެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އިސްރާއީލުގެ މި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކުރިއިރު އެމެރިކާ މިކަން ކުށްވެރިވެސް ނުކުރިއެވެ. އޭގެ ބަދަލުގައި އެމެރިކާ ނުކުތީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގެ ދިފާއުގައެވެ.

ޑިޕްލޮމަސީއާބެހޭ ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކެއް ބުނާގޮތުން ޑިޕްލޮމެޓިކް މިޝަންތަކަކީ ހަނގުރާމައެއްގެ ހާލަތުގައިވެސް ހަމަލާދިނުން މުޅިން މަނާތަންތަނެވެ. މި ގާނޫނުތައް އެމެރިކާއަށް ނުފެންނަ ނުވަތަ ނޭންގޭ ކަހަލައެވެ.

އެމެރިކާގެ މަސްއޫލުވެރިން ވަނީ އިސްރާއީލުގެ ޓެރަރިޒަމަށް ފާޅުގައި ހިތްވަރުދެއްވައި އީރާނުން ބަދަލުހިފާނަމަ އިސްރާއީލުގެ ދިފާއުގައި ތެދުވާނެކަމުގެ އިންޒާރު އެތައް ފަހަރަކު ދެއްވާފައެވެ. އަދި އިސްރާއީލުގެ ދިފާއުގައި އެމެރިކާވަނީ އިސްރާއީލުގެ އައްސޭރިފަށަށް އަސްކަރީ މަނަވަރެއްވެސް ފޮނުވާފައެވެ.

އެމެރިކާގެ މި އަމަލުން އެނގޭއެއްޗަކީ އެމެރިކާއިން އިސްރާއީލަށް ކިތަންމެ ވަރަކަށް ހަތިޔާރު ދިންނަމަވެސް އީރާނުން ފަދަ ގައުމަކުން އިސްރާއީލަށް ދީފާނެކަމަށް ބެލެވޭ ރައްދު ހަމަލާއަކަށްވެސް އިސްރާއީލު ޖެހިލުންވާ މިންވަރު ކަމަށާއި އަދި ހަގީގަތަށް ބަލާއިރު އިސްރާއީލު ހިންގާ ކޮންމެ ޖަރީމާއެއްގެ ފަހަތުގައި އޮތީ އެމެރިކާކަން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާ ވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ނޫނީ 48 ގަޑިއިރު ތެރޭގައި އީރާނުން ބަދަލުހިފުމުގެ ހަމަލާތައް އިސްރާއީލަށް ދޭނެކަމަށް ބުނެފައެވެ. އެމެރިކާގެ މި އިންޒާރާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ އީރާނަށާއި އިސްރާއީލަށް ދަތުރު ނުކުރުމަށް އެ ގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ބައެއް އެއާލައިންސްތަކުން ވަނީ އެ ކުންފުނިތަކުގެ މަދަނީ ދަތުރުތަކުގެ ރޫޓޫވެސް އިސްރާއީލާއި އީރާނާ ދުރަށް ބަދަލުކޮށްފައެވެ.

އެމެރިކާ މިހެން ބުނިނަމަވެސް އީރާނުން މި ދުވަސްވަރު އިސްރާއީލަށް ބަދަލުހިފުމުގެ ހަމަލާތައް ނުދޭނެކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އެއީ އެކަމުގެ ސަބަބުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގެ ފޯކަސް އެހެން ދިމާއަކަށް ހިނގައިދާނެތީއެވެ.

އިސްރާއީލުގެ މައިގަނޑު ބޭނުމަކީ އީރާނާއި އެމެރިކާ އަސްކަރީ ކުރިމަތިލުމަކަށް ދާނެ ގޮތެއް ހޯދައިގެން ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ފޯކަސް ނަގާލެވޭނެ ގޮތެއް ހޯދުންކަމަށް އީރާނުގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު