ފަސް ދަރިން ޝަހީދު ކޮށްލިޔަސް މިނިވަަންކަމުގެ އަޒުމަށް ބަދަލެއް ނާންނާނެ!

ހަމާސްގެ ލީޑަރު ހަނިއްޔާގެ ތިން ފިރިހެން ދަރިން: އިސްރާއީލު ވަނީ އިއްޔެ މި ތިން ބޭފުޅުން ޝަހީދުކޮށްލާފައި--

ޣައްޒާ (11 އެޕްރީލް 2024) : އިސްރާއީލުން ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ދަރިންނާއި ކާފަ ދެ ދަރިން ޝަހީދުކޮށްލުމުން އޭނާގެ ދަރިންގެ ލޭގެ އަގު ޣައްޒާގެ އެހެން ރައްޔިތުންގެ ލޭގެ އަގަށްވުރެ މަތި ނޫންކަމަށާއި އިސްރާއީލުގެ މި ޖަރީމާގެ ސަބަބުން އޭނާގެ ހިތްވަރާއި އަޒުމަށް އެއްވެސް ގުޑުމެއް ނާންނާނެ ކަމަށް ހަނިއްޔާ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ހަނިއްޔާގެ ތިން ދަރިންނާއި ކާފަ ދެ ދަރިން ޝަހީދުކޮށްލާފައިވަނީ އިއްޔެ ޣައްޒާގައި ކުރި އީދު ނަމާދަށްފަހު އާއިލާގެ މީހުންނާ ބައްދަލުކުރެއްވުމަށްޓަކައި ފަލަސްތީނުގެ ރެފިއުޖީ އަވަށަކަށް އެ ބޭފުޅުން ވަޑައިގެންނެވި މަގުމަތީގައި އެ ބޭފުޅުން ދަތުރުކުރެއްވި ވެހިކަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ.

އިސްރާއީލުގެ މި ޓެރަރިސްޓް ހަމަލާގައި އެ ފަސް ބޭފުޅުން ޝަހީދުވެފައިވާއިރު ޝަހީދުނުވެ ސަލާމަތްވެފައިވަނީ ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ފުރާނަ ސަލާމަތް ނުވާފަދަ ހާލަތެއްގައެވެ.

އިސްމާއީލް ހަނިއްޔާ

މި ޚަބަރު އަޑު އެއްސެވުމާއެކު ހަނިއްޔާ ވިދާޅުވީ އޭނާގެ އާއިލާ ދިރިއުޅުއް ވަނީ ޣައްޒާގައި ކަމަށާއި އޭނާގެ އާއިލާއަކީ އިސްރާއީލުން ކޮންމެ ދުވަހަކު ޝަހީދުކުރަމުންގެންދާ ޣައްޒާގެ އެހެން އާންމުންނާއި އާންމުންގެ އާއިލާތަކަށްވުރެ މަތީ ބައެއް ނޫން ކަމުގައެވެ. އަދި އަބަދުވެސް ދެކެވަޑައިގަންނަވަނީ އިސްރާއީލުން އޭނާގެ އާއިލާ ކޮންމެ ވަގުތަކުވެސް ޝަހީދުކޮށްލަފާނެ ކަމަށް ކަމަށާއި އެކަމަށް ނަފްސާނީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ހުންނެވީ ތައްޔާރުވެގެންކަމަށް އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ އަކީ ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރެވެ. އޭނާ އުޅުއްވާ ކަމަށް ވަނީ ހަމާސްއަށް ބޭނުންވާ ސިޔާސީ ހަރަކާތްތަކުގައި ގަތަރުގައި ނޫނީ ތުރުކީގައެވެ. ވަރަށް ގިނައިން އީރާނަށް ވެސް ވަޑައިގަންނަވައެވެ.

ހަމާސްއަށް މައިގަނޑު ގޮތެއްގައި އެހީތެރިވާ ތިން ގައުމަކީ ގަތަރު އީރާން އަދި ތުރުކީއެވެ. ފައިސާގެ ގޮތުން ގަތަރު އެހީތެރިވާއިރު ލޮޖިސްޓިކް ގޮތުން އެހީތެރިވަނީ ތުރުކީއެވެ. އަސްކަރީ ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ތަމްރީނާއި ސްޓްރެޓީޖިކް ގޮތުން ހަމާސްއަށް އެހީތެރިވަނީ އީރާނެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހަމާސް އަކީ އަމިއްލަ ނަފްސަށް ބަރޯސާވާ މިނިވަންކަމުގެ ޖަމާއަތެކެވެ.

ހަނިއްޔާ ވިދާޅުވިގޮތުގައި އޭނާގެ ދަރިންނާއި ކާފަދަރިން ޝަހީދުކޮށްލުމަކީ ހަމާސްއިން އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމާ ދެކޮޅަށް ކުރާ މިނިވަންކަމުގެ ޖިހާދަށް އެއްވެސް ބުރުލެއް އަރާނެކަމެއް ނޫނެވެ. އިސްރާއީލުގެ މި ޖަރީމާގެ ސަބަބުން އޭނާގެ އަޒުމަށް އެއްވެސް ގުޑުމެއް ނާރާނެއެވެ. އަދި އިސްރާއީލަށް ބިރުން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުރާސިލުން ބުނާގޮތުގައި ހަނިއްޔާ ބޭނުންފުޅުނަމަ އޭނާގެ އާއިލާ ޣައްޒާއިން ބޭރު ކުރެވުނީހެވެ. އަދި އެ މީހުންނަށް ގަތަރުގައި ނޫނީ ތުރުކީގައި ނޫނީ އީރާންގައި އަރާމުގައި ދިރިއުޅެވޭނެގޮތްވެސް ހަމަޖެއްސުނީހެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ ގަތުލުއާންމުތަކުގެ ޝިކާރައަކަށް ވެފައިވާއިރު އޭނާގެ އާއިލާ އަރާމުގައި ބޭރުގައި ގެންގުޅެން ހަނިއްޔާ ބޭނުންފުޅު ނުވީއެވެ. ފަލަސްތީނުގެ ރައްޔިތުން ހަމާސްގެ ލީޑަރުން ދެކެލޯބިވަނީ އަދި ހަމާސްއަށް ތާއީދުކުރަނީ މި ސަބަބުތަކަށް ޓަކައެވެ.

މިއާ ޚިލާފަށް އިސްރާއީލާއި އެމެރިކާގެ ތާއީދު އޮންނަ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރަކީ އިސްރާއީލުގެ ޚިދުމަތުގައި އޮންނަ ސަރުކާރެކެވެ. އެ ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަން ބޮޑުއިރު އެ މީހުންގެ އާއިލާތައް ދިރިއުޅެނީ ފަލަސްތީނުން ބޭރުގައެވެ. ދަރިން ކިޔަވަނީ އެމެރިކާއާއި ޔޫރަޕްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު