ބަތަލާ އާލިއާ އާއެކު އަނިލް ވެސް ސްޕައި ޔުނިވާސްއަށް

ބަތަލާ އާލިއާ ބަޓް އަދި އަނިލް ކަޕޫރު--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ދުވަސްވީ އަދި ގިނަ ބެލުންތެރިންގެ އިހުތިރާމް ހޯދާފައިވާ އެކްޓަރު އަނިލް ކަޕޫރު އިންޑިއާގެ ދުވަސްވީ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއާ ގުޅިއްޖެއެވެ.

ސްޕައި ޔުނިވާސްއާ ގުޅޭ ކޮންމެ ފިލްމީ ތަރިއަކަށް ވެސް ވަކި ހާއްސަ ލަގަބެއް ދެވިފައިވާއިރު އަނިލް ސްޕައި ޔުނިވާސްއާ ގުޅުނީ ރޯ ޗީފްގެ ލަގަބާ އެކުގައެވެ. އެހެންކަމުން ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ކޮންމެ ފިލްމެއްގެ ވެސް ރޯ ޗީފްގެ ރޯލްއިން މީގެ ފަހުން ފެންނަނީ ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރެވެ.

މީގެކުރިން މި ލަގަބާއެކު ރޯ ޗީފްގެ ރޯލްއިން ފިލްމު "ޓައިގާ"ގެ ފްރެންޗައިސްއިން ފެނިފައި ވަނީ ދުވަސްވީ އެކްޓަރު ގިރިޝް ކާނާދުއެވެ.

އަނިލް ކަޕޫރު އަދި ރިތިކް ރޯޝަން ފިލްމު "ފައިޓާ"ގެ ޕްރޮމޯޝަން ހަފްލާއެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން އަނިލް ކަޕޫރު މި ރޯލްއިން އެންމެ ފުރަތަމަ ބެލުންތެރިންނާ ބައްދަލު ކުރާނީ ބަތަލާ އާލިއާ ބަޓް އަދި ޝަރްވާރީ ވާގް ހިމަނައިގެން މި އަހަރުގެ ފަހުކޮޅު ފަށަން ހަމަޖެހިފައިވާ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ލީޑް ފިލްމުންނެވެ.

އާލިއާ ބަޓް އަލަށް ކުޅޭ ސްޕައި ޔުނިވާސްގެ މި ފިލްމުގެ ވިލެންގެ ރޯލްއިން ފެންނާނީ ކުރީގެ އެކްޓަރު ބޮބީ ޑިއޯލްކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސްޕައި ޔުނިވާސްގެ ރޯ އެޖެންޓުގެ ރޯލަށް އަނިލް އެއްބަސްވެފައި ވާއިރު މީގެކުރިން އޭނާ ވަނީ ވައިއާރްއެފްގެ ބާނީ ޔަޝް ޗޯޕްޅާއާ އެކު މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި އެ ކުންފުނިން އުފެއްދި ފިލްމު "ލަމްހާ"، "ވިޖޭ" އަދި "ތަޝަން" ހިމެނެއެވެ. އުމުރުން 67 އަހަރުވެފައިވީ ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރި އަދި ޒުވާންކަމަށް ބަދަލެއް ނާންނަ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ފައިޓާ"އިންނެވެ.

comment ކޮމެންޓް