މީހުން މެރުން ހުއްޓުވަން ހުސް ވާހަކަ!

މިއަހަރު ފެށިގެން އަށް ވަނަ އަށް ވީ ދުވަހު ރަހުމްކުޑަގޮތަކަށް މީހަކު މަރާލި ރެއެވެ. އެއީ ދ. ކުޑަހުވަދޫ، ސަމަންދަރުގޭ، އަލީހަސަން 70، އެވެ. އޭނާ މަރާލާފައި ވަނީ ހަށިގަނޑުގެ ތަންތަނަށް ވަޅިހަރައި ކަރު ބުރިކޮށްލުމަށް ފަހު އެވެ. މިއީ އަހަރު ފަށައި ދިނުމަށް ކުރި ބޮޑު ގަތުލެކެވެ. ޖެހިގެން އައި ފެބްރުއަރީ މަހުގެ ތެރޭގައި ވެރިރަށް މާލޭގައި ވަނީ ޒުވާން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލި އެވެ. ފިނޭންސް މިނިސްޓްރީ ކުރިމަތިން ގްރޫޕެއް ގޮސް މަރާލީ 11 ތަނަކަށް ވަޅިހެރުމަށް ފަހު އެވެ. ހިސާބު ޖެހީމާ މިއަހަރުގެ މިހާތަނަށް ޖުމްލަ ހަތަރު މީހުން މަރާލާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެއެވެ.

މީހުން މެރުމާއި ނުރައްކާތެރި ހަތިޔާރުން މީހުންގެ ފުރާނައަށް ގެއްލުން ދިނުން ފަދަ އަމަލުތައް ތަކުރާރުވާއިރު މިކަންކަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭތަނެއް ނުފެނެއެވެ. މިއިން ކޮންމެ ހާދިސާއެއް ވެސް ހިނގާ ދުވަހަކު ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ފަރާތްތަކުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ވާހަކަދައްކާ އެކަމާ ގުޅިގެން ބަޔާންތައް ނެރެއެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގާތާ ދުވަސްކޮޅެއްވާ ފަހުން އަނެއްކާވެސް އެ ފަރާތްތަކުގެ އަނގަ ބަންދުވެ އެވެ.

ކުޑަހުވަދޫ އައްޔުބޭ މަރާލުމުންނާއި އަދި މާލޭގައި މުހީތު މަރާލުމުން އެދުވަސްވަރު އެފަދަ ފަރާތްތަކުން އެކަންތައް ކުށްވެރިކޮށް ވާހަކަތައް ދެއްކި ނަމަވެސް ފަހުން ވަނީ އެވާހަކަތައް ހުއްޓާލާފައެެވެ. އޭގެ ފަހުން އެކަން ހުއްޓުވުމަށްޓަކައި އަމަލީގޮތުން އެއްވެސް މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. އަދި އޭގެ ފަހުން ކުއްލިއްޔާ ކައިރީ ޕާކެއްގެ ތެރެއިން ގައިގެ އެތަކެއްތަނަށް ވަޅިހަރައި ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން ދިޔަ ހއ. ހޯރަފުށީ، ނޫރީގޭ މުހައްމަދު އަރުހަމް މަރާލުމުންވެސް ބުންމުން ގެންދިޔައީ އެކަން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ،" ކަމަށެވެ.

މީއީ ހަމައެކަނި ހަރުކަށި އިބާރާތުން ކުށްވެރިކޮށްލުމަކުން ހުއްޓޭނެ ކަމެއް ކަމަށް ވަންޏާ ރާއްޖެއަކު މީހުނެއް ނުމަރާނެ އެވެ. އެވަހަރަށް ކަމާބެހޭ ފަރާތްތަކާއި ބޭފުޅުން އެކަންކަމަށް ބަހުސްކޮށް ކުށްވެރިކޮށްފި އެވެ. އެކަމަކު އެނގޭ ކަމެއް އެބަޮތެވެ. މީހުން މެރުމާއި ބޮޑެތި މާރާމާރީ ހިންގާ މީހުން ޒަހަމް ކުރުން ހުއްޓުވާލަނަ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެވެ. އެއީ މަރަށް މަރުހިފައިގެން ކަމަށް ވަންޏާ އެކަން ނުކުރަންވީ ސަބަބަބީ ރާއްޖެއަކު ނެތެވެ. އެއީ ސަންސެޓް ގާނޫނު ގެނެސްގެން ކަމަށް ވިޔަސް ވެހެވެ.

ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވި ގޮތުގައި ރަހުމްކުޑަކޮށް އެއްވެސް ޖެހިލުމެއް ނެތި މީހުން މެރުން ރާއްޖޭގައި އާންމުވެފައި ވަނީ ގޭންގުތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެނެވެ. އެހެންކަމުން މީހުން މެރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގޭންގުތަކުގެ ދޮރު ބަންދުކޮށްލުމާއި ގޭންގް ކުށްތައް ހުއްޓުވާލުމެވެ. އެހެން ނޫނީ ދުވަހަކުވެސް މިކަން ހައްލުވެގެން ނުދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ގޭންގް ކުށްތަކާ މީހުން މެރުމާ މިއީ ގުޅިލާމެހިފައިވާ ކަމެއް. ގޭންގުތައް ނައްތާނުލެވި މީހުން މެރުމުގެ ކަންތައް ހުއްޓުވައެއް ނުލެވޭނެ،" ހަސީން ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ގޭންގުތައް ހަދައިގެން ކުރާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމަށް އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ފާސްކުރެވިފައިވާއިރު ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ސިފައިން ވަރަށް ބޮޑު މަސައްކަތް ތަކެއް އިތުރަށް ކުރަން ޖެހެ އެވެ. ރާއްޖެ ހާއްސަކޮށް މާލެ ކަހަލަ ތަނެއްގައި ގޭންގް ކުށްތައް ނުހުއްޓުވުމަކީ ސުވާލު އުފެދޭ ކަމެކެމެވެ.

"ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނެއް އެބައޮތް. މިގާނޫނުގެ ބޭނުން ހިފޭގޮތަކަށް ނޫން ކަންތައް މިއޮތީ. ރައްކާތެރިކަމުގެ ގޮތްތަކަށް އަމަލު ކުރެވޭ ގޮތަށް މިއޮތީ. އެ ގާނޫނު އައުމަށް ފަހު ހައްލު ކުރެވިގެން ދާތަނެއް ނުފެނޭ. ފުލުހުންނާއި ސިފައިން އެބަޖެހޭ ގޭންގު ކުށްތައް ހުއްޓުވަން. ކީއް ވެގެންތޯ ނުހުއްޓުވިގެން އުޅެނީ އަޅުގަނޑަށް ސުވާލު އުފެދޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވި ގޮތުގައި ރާވައިގެން ހިންގާ ގޭންގް ކުށްތައް ހުއްޓުވުމަށްޓައި ފުލުހުން ޚާއްސަ މަސައްކަތްތެއް ކުރެ އެވެ. އެގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއިއެކު ބައްދަލުވުންތައް ބާއްވައި އެފަދަ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ގޭންގު ކުށް ހިންގާ ކަމަށް ތުހުމަތުވާ ފަރާތްތައް ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް އެފަދަ ފަރާތްތައް ގެންދިއުމަށް ކުރާ މަސައްކަތް ހިމެނެ އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތު ތަކުގެ މައްޗަށް ބަލައި ކަމެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާ ކަމަށް ހަނީފު ވިދާޅުވެ އެވެ.

މާލޭގެ އެކި ހިސާބުތަކުގައި ފުލުހުން ކެމެރާތައް ބަހައްޓާފައި ހުރެ އެވެ. އޭގެ ބޭނުމަކީ ކޮބައިތޯ އެއީ ހަމައެކެނި ދައްކާލުމެއްތޯ ސުވާލު އުފެދެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މާލޭގައި މިހާރު އެހުރި ހުރިހާ ކެމެރާއެއްހެން މިހާރު ވަނީ "ލޯކަނު" ވެފައެވެ. އެއީ ބޭނުން ކުރާ އެއްޗެއްސެއް ނޫނެވެ. އަދި އެ ކެމެރާތަކަކީ މިހާރު މީހުން ކުށަށް އަރައިގަންނަ ގޮތަށް ބަލާއިރު ވެސް ފުދޭވަރުގެ ބޮޑު "ލޮލަކަށް" ނުވެއެވެ.

"ތިއިން ކެމެރާއެއް ފުލުހުންނަށް އެހީއެއްވިބާ؟ ހީއެއް ނުވޭ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެހުރިހާ އެއްޗެއްސެއް ހަލާކުވެފައި ހުންނަތާ ދެތިން އަހަރުވެއްޖެ،" ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކުގައި މަންޒަރު ދުށްކަމަށް ތަހުގީގަށް ބަޔާން ދިނުމަށްފަހު ޝަރީއަތުގައި އެ ބަޔާނަށް މީހުން އިންކާރު ކުރެ އެވެ. އެހެންކަމުން މައްސަލަތައް ޝަރީއަތަށް ސާބިތުކުރުމަށް ހުރަސްތައް ހުންނައިރ މިފަދަ ވަސީލަތްތަކުގެ ބޭނުން ފުލުހުން ފުރިހަމައަށް ނުކުރަންވީ ސަބަބެއް ނެތެވެ.

ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ގަސްތުގައި މީހުން މެރުން ފަދަ ކަންކަން ހުއްޓުވުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. ގޭންގުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެފަދަ ގޭންގުތަކުން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި މިހާރަށް ވުރެ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވެއެވެ.

"އިންސާނުން އަބަދުވެސް ގަނޫނަށް ތަބާވަނީ އެ ގާނޫނުގަ ކަނޑައެޅިފައިވާ އުގޫބާތުގެ ބިރަށްޓަކައި. ގާނޫނު ތަންފިޒުވީމަ އެމީހުންނަށް ލިބޭ އަދަބު ލިބެން ބޭނުން ނުވާތީ އެކަމުން ދުރުހެލިވަނީ. އިންސާނީ ތޮބީއަތަކީ އެއީ،" ވިޝާމް ވިދާޅުވި އެވެ.

.
މާރާމާރީއާ މީހުން މެރުން ހުއްޓުވަން އާންމުން ވެސް ވަރަށް ބޮޑަށް ހޭލައި ލޯ ހުޅުވައިލަން ޖެހެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅީގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލުތައް ގެންނަން އެބަޖެހެ އެވެ. ފުލުހުންނަށް އެހީވާން ޖެހެ އެވެ. ޝަރީއަތަށް އެއްބާރުލުން ދޭންޖެހެ އެވެ.

"މީހެއްގެ ގަޔަށް ވަޅީހަރާ މަންޒަރު ފެންނަ މީހުންވެސް އެ މައްސަލައިގައި ހެކިބަސް ދިނުމަށް އެބަ އިންކާރު ކުރޭ. އެހެންވީމަ މިކަމުގައި ރައްޔިތުން ވެސް ވަރަށް ބޮޑަށް ހޭލުންތެރިކުރަން އެބަޖެހޭ،" ފުލުސް އޮފިޝަލު ހަނީފު ވިދާޅުވި އެވެ.

ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް އާންމުވެފައިވާ މީހުން މެރުމާއި ގޭންގް މާރާމާރީތައް ހުއްޓުވާލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތެވެ. އެ އޮފީހަށް ހުށަހެޅިފައިވާ މާރާމާރީގެ މައްސަލަތަކާއި މަރުގެ މައްސަލަތައް ޝަރީއަތަށް ނުފޮނުވި ޕްރޮސެކިއުޓު ކުރުމުގައި ގިނަ ދުވަސްތަކެއްވާ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މަރުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ އެ އޮފީހުގެ ވެސް ބައިވެރިވުމާއެކު ކަމަށެވެ. އެހެން ކަމުން އެ އޮފީހަށް މައްސަލަ ހުށަހަޅާތާ މާގިނަދުވަސްތަކެއް ނުކޮށް އެފަދަ މައްސަލަތައް ޝަރީއަތަށް ހުށަހެޅޭ ކަމަށެވެ. ޕީޖީ އޮފީހުގެ ވާހަކަތަކަށް ވަރުން އަޅުވާނެ ތަފާސް ހިސާބެއް ނެތުމުން އިތުރަށް ކިޔާނެ އެއްޗެއް ނެތެވެ.

މިދިޔަ އަހަރު ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރާލުމުން މަރަށް މަރު ހިފުމަށް ގާނޫނަށް އިސްލާހު ގެނައުމަށް އެދާއިރާގެ މެންބަރު އަހުމަދު ރަޝީދު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް ދުވަސްކޮޅަކުން ފެނިގެން ދިޔައީ އެބިލް އަނބުރާ ގެންދިޔަތަނެވެ. އޭގެ ފަހުން އަނެއްކާވެސް މަރަށް މަރު ހިފުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައި އިއްޔެ ވަނީ ބަހުސް ކޮށްފަ އެވެ.

"މަރަށް މަރު ހިފުމުގެ ބިލު މިހާރު ވެއްޖެ ކޮމިޓީ ސްޓޭޖުގައި ހެތްކާބެހޭ ބިލު ވެއްޖެ، ޖިނާއީ އިޖްރާއަތުގެ ގާނޫނުވެއްޖެ. އަދި މީގެ ކުރިން މަޖިލީހުގައި ސަން ސެޓްގެ ގާނޫނަށް މަޝްވަރާކޮށް އެ ދުވަހު އެކިއެކި މައްސަލަތަކާ ހެދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރުމުގެ ސަބަބުން އެބިލް ވަނީ ކޮމިޓީއަކަށް ފޮނުވައިފައި. އޭގެ ފަހުން އެކަމަކާ އެއްވެސްބަޔަކު ނޫޅެ. ސިޔާސީ ކަންކަން އެއްފަރާތްކޮށްފައި ވެސް އެކަން ކުރެވިއްޖެ ނަމަ މަޖިލީހަކީ ނަތީޖާ ނެރެވޭ ތަނެއްކަމަށް ރައްޔިތުންނަށް ފެނިގެންދާނެ،" މަރަށް މަރު ހިފުމަށް ބާރު އަޅުއްވާ އަދި އެފަދަ ބިލެއް މަޖިލީހަށް ވެއްދެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހްލޫފު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި މީހުން މެރުމާއި މާރާމާރީ އާއި ތަޅާ ފޮޅުމުގެ އަމަލުތައް ހުއްޓުވަން މަރުގެ އަދަބު ދޭންޖެހެ އެވެ. ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށް ފަހު އެކަންކަމާ ގުޅުން ހުރި ގާނޫނުތައް ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އެކުވެރިކަމާ އެކު މަސައްކަތް ކުރަން ޖެހެ އެވެ.

މަރަށް މަރު ހިފުމަށް މިހާތަނަށް ވެސް ކޯޓުތަކުން ހުކުމްތައް ކޮށްފައިވާއިރު އެކަން ތަންފީޒު ކުރުމަށް ކޮންމެހެން އިތުރު ގާނޫނެއް ފާސްކުރުން ލާޒިމް ހެއްޔެވެ؟ ރާއްޖޭގައި ކުރަނީ އިސްލާމީ ޝަރީއަތެވެ. ރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. ދިވެހިންނަކީ މުސްލިމުންނެވެ. މަރަށް މަރުހިފުމުގައި ދިވެހިނ ބިރުގަންނަންޖެހެނީ ކާކު ދެކެއް ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް