އިސްރާއީލަށް އެހީތެރިވާތީ ޖަރުމަނު، ކޯޓަށް ހާޒިރުކޮށްފި

ޖަރުމަނާ ދެކޮޅަށް މައްސަލަ ހުށަހެޅި ނިކަރާގުއާގެ މަންދޫބު

ދަހޭގް (8 އެޕްރީލް 2024) : ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން މަރައި އެ މީހުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުތަކަށް އެހީތެރިވުމާއި އެ ޖަރީމާއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމުގެ ކުށުގައި ނިކަރާގުއާއިން ޖަރުމަނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި މިއަދު ބާއްވައިފިއެވެ.

ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ނިކަރާގުއާ ސަރުކާރުގެ ގާނޫނީ ޓީމުންވަނީ މިމައްސަލާގައި ޖަރުމަނާ ދެކޮޅަށް 43 ސަފްހާގެ ހެކި ހިމެނޭ ވަރަށް ތަފްސީލު ލިޔުންތަކެއް ހުށަހަޅާފައެވެ.

މި ދައުވާގައި ނިކަރާގުއާގެ ގާނޫނީ ޓީމުން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އެދިފައިވަނީ އިސްރާއީލުގެ ޖަރީމާތަކަށް އަސްކަރީގޮތުންނާއި ސިޔާސީގޮތުން ޖަރުމަނު އެހީތެރިވެ އެ ކަމަށް ވާގިވެރި ވާތީ ޖަރުމަނު ކުށްވެރިވާ ކަމަށް ނިންމައި ބަދަލުދިނުމަށާއި އިސްރާއީލުގެ މި ޖަރީމާތަކަށް އެހީތެރިވުން ހުއްޓާލުމަށް ޖަރުމަނުގެ މައްޗަށް އަމުރު ކުރުމަށެވެ.

މި މައްސަލާގައި އަވަސް އަދި ވަގުތީ އަމުރެއް ޖަރުމަނުގެ މައްޗަށް ނެރެދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ކަނޑައަޅާފައިވާ ނިކަރާގުއާގެ މަންދޫބު ކާލްސް ޚޮސޭ އޮރްޖިލޯ ގޯމީޒް އެ ކޯޓުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ އަޑުއެހުމެއް

ކާލޮސް ވިދާޅުވިގޮތުގައި އިސްރާއީލަށް ވާގިވެރިވުމާއެކު ޖަރުމަނުވަނީ ނަސްލުނައްތާލުމުގެ ޖަރީމާއާ ދެކޮޅަށް 1948 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާއާ ޚިލާފުވެފައެވެ.

އިސްރާއީލުން ޣައްޒާގެ 33،000 އަށް ވުރެ ގިނަ އާންމުން މަރައި ގެދޮރާއި ހޮސްޕިޓަލްތަކަށް ހަމަލާދީ އެ ތަންތަން ހަނގުރާމައިގެ މައިދާންތަކަށް ހަދާފައިވުމަކީ އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް ކަނޑައަޅައިދިނުމަށް ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލާގައި އެ ކޯޓުން ވަނީ އިސްރާއީލުން ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާ ހިންގާކަމަށް ނުސީދާގޮތެއްގައި ތުހުމަތުކޮށް ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް މިދިޔަ އަހަރު ނެރެފައެވެ.

ނަމަވެސް އެއަށްފަހު ވެސް އިސްރާއީލުގެ ޖަރީމާތަކަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ. މިއާއެކު މި މައްސަލަ ނުބަލައި ލަސްކުރާކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންނަށް އިސްރާއީލުގެ ބާރާއި ނުފޫޒު ހިނގާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ. މައްސަލަ ނުބަަލައި ލަސްކުރާ މައްސަލާގައި ދެކުނު އެފްރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އަނެއްކޮޅުން މިފަދަ ޖަރީމާތައް ބަލައި ފައިސަލާ ކުރުމަށް އުފައްދާފައިވާ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އެތައް ފަރާތަކުން މައްސަލަ ހުށަހަޅާފައި ވީނަމަވެސް އެ ކޯޓުން މި މައްސަލައަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު