ސަރުކާރު މަތިބަރެއް ނުވާނެ، މަސައްކަތް ނުކުރަންޏާ މަގާމުން ވަކިކުރާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއެކު-- ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރު މަތިބަރެއް ނުވާނެ ކަމަށާއި، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވެސް މަސައްކަތް ނުކުރާ ކަމުގައިވާނަމަ، ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު "ސަން" އަދި "އެސްއެސްޓީވީ"އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކަށް މީހުން ލަނީ އެ މީހުންގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާނެ ކަމަށް ޔަގީންކޮށްފައި ކަމަށެވެ.

ރައީސް ވިދާޅުވާ ގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި ކޮންމެ މީހަކީ ރެޔާއި ދުވާލު ރައްޔިތުންނަށްޓަކައި މަސައްކުރާ މީހަކަށްވުމެވެ. އަދި ބޭކާރު ގޮތުގައި ނުވަތަ އާދަޔާ ހިލާފަށް ސިޔާސީ މަގާމުތަކަށް މީހުން ލައިގެން މުސާރަ ދިނުމާ ދެކޮޅުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ދެން އެ މީހާ މަސައްކަތް ނުކުރަންޏާ ވަޒީފާއިން ވަކިކުރާނަން އަޅުގަނޑު. އެހެންވީމާ މަސައްކަތަށް ފުރުސަތު ދީފަ އެހެރީ، އެ ކޮންމެ ބޭފުޅަކު ވެސް ޖެހޭނެ އެ ބޭފުޅަކާ ހަވާލުވެފައި އޮތް ޒިންމާ އަދާކުރަން. އަދާ ނުކުރަންޏާ އެ މަސައްކަތުން އަޅުގަނޑު ދުރުކުރާނަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުން ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ.

އެ މަނިކުފާނު ވިދާޅުވީ މީގެ ކުރިން ހައުސިން މިނިސްޓަރަކަށް ހުންވައިގެން އަދި އޭގެ ފަހުން މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށް ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެންމެ ހިނދުކޮޅެއް ވެސް ދާކަށް އަޅުގަނޑުގެ ހިތަށް އިހުސާސްނުވެ، އަޅުގަނޑުގެ ޒިންމާ އަދާކުރުމުގައޭ މި ހޭދަކުރަނީ. އެހެންވީމަ އެކަން ކުރެވޭތޯ މި ބަލަނީ. އެކަމުގަ އަޅުގަނޑު ވަރުބައްޔެއް ނުވޭ އިރާދަ ކުރެއްވީތީ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރު މަތިބަރު ނޫން ކަމަށް ރައީސް ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ދަނީ މި ސަރުކާރުން ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައަށްކުރާ ހޭދަ ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ކަމުގެ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މި ސަރުކާރަށް 35،000 ރުފިޔާގެ މަހު މުސާރައިގައި 91 ސްޓޭޓް މިނިސްޓަރުންނާއި 47،000 ރުފިޔާގެ މަހު މުސާރައިގައި 163 ނައިބު ވަޒީރުން ވަނީ އައްޔަންކޮށްފައެވެ. ހަމަ އެކަނި މި މަގާމުތަކުގެ މުސާރައަށް މަހަކު 10 މިލިއަން ރުފިޔާ ހޭދަވާއިރު، ސަރުކާރުން ބުނެފައިވަނީ ސިޔާސީ މަގާމުތައް 700އަށްވުރެ އިތުރު ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި 2021ވަނަ އަހަރު ސިޔާސީ މަގާމުތަކުގެ އަދަދުހުރީ 967ގައެވެ. އެ އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ މުސާރައަށް 382.9 މިލިއަން ރުފިޔާ ބަޖެޓު ކުރިއެވެ.

comment ކޮމެންޓް