38 އަހަރު ވަންދެން އިސްރާއީލުގެ ޖަލެއްގައި ހުރި ފަލަސްތީނު މީހަކު ކެންސަރު ބަލީގައި މަރުވެއްޖެއެވެ.
މަރުވިއިރު އޭނާގެ އުމުރަކީ 62 އަހަރެވެ.
ވާލިދު ދައްގާހު ޖަލަށް ލާފައި ވަނީ އިސްރާއީލު އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލީ ގްރޫޕަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށެވެ.
އޭނާ މަރުވީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވް ކައިރީގައި ހުންނަ ޝާމިރު މެޑިކަލް ސެންޓަރުގައި އިއްޔެއެވެ. މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބޯންމެރޯ ކެންސަރު ވާލިދުއަށް ޖެހިފައިވާކަން އެގުނީ 2022 ވަނަ އަހަރުއެވެ. އޭގެކުރިން އޭނާއަށް ވަނީ ލޫކެމިއާވެސް ޖެހިފައެވެ.
ވާލިދު ހައްޔަރުކޮށްފައި ވަނީ 1986 ވަނަ އަހަރުއެވެ. ހައްޔަރުކޮށް ޖަލަށްލީ އިސްރާއީލު ސިފައިންގެ މީހަކު ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ގްރޫޕް، ޕްޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ޕަލަސްތީނިއަންއާ ގުޅުން އޮތުމުންނެވެ.
އޭނާއަށް އިއްވައިފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް 37 އަހަރަށް ކުޑަކުރި ނަމަވެސް 2018 ވަނަ އަހަރު އިތުރު ދެ އަހަރު އިތުރުކުރީ މޯބައިލް ފޯނު ޖަލަށް އެތެރެކުރަން އުޅުމުންނެވެ. އޭނާ ދޫކޮށްލަން ހަމަޖެހިފައި އޮތީ 2025 ވަނަ އަހަރުގެ މާޗް މަހުއެވެ.
މެޑިކަލް ޕެރޯލްއަށް އެދުނު ނަމަވެސް އެ މައްސަލަތައް ބަލައިނުގަންނަ ކަމަށް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ޖަމިއްޔާއެއް ކަމަށްވާ ފަލަސްތީނުގެ ޕްރިޒަނާސް ކްލަބުން ބުނެއެވެ.
އިންސާނީ ހައްގުތަކަށް ގޮވައިލައި ޖަމުއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ހޮނިހިރު ދުވަހު ވެސް ވަނީ އޭނާ ދޫކޮށްލުމަށް ގޮވާލައި ގޮވައިލުން ތަކުރާރުކޮށްފައެވެ.
"7 އޮކްޓޯބަރު 2023 އިން ފެށިގެން ވާލީދު ދައްގާއަށް އަނިޔާކޮށް، ނިކަމެތިކޮށް، އާއިލީ ޒިޔާރަތްކުރުން މަނާކޮށް، އިތުރު ސިއްހީ އިހުމާލުތަކާ އޭނާއަށް ވަނީ ކުރިމަތިލާން ޖެހިފައި،" އެ ޖަމާއަތުން ބުންޏެވެ.
އިސްރާއީލުގެ ޖަލުގައި ބަންދުކޮށްފައިހުރި ފަލަސްތީނުގެ އެންމެ މަޝްހޫރު މީހާއަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލާ ދެކޮޅަށް ދިން ހަމަލާތަކުގައި އިސްދައުރެއް އަދާކުރި ކަމަށްބުނެ، ޖަލު ހުކުމް އިއްވި ފަތަހަ ޕާޓީގެ ކުރީގެ ލީޑަރެއް ކަމަށްވާ މަރްވާން ބާޣޫތީއެވެ. އޭނާ ވަނީ ޖަލުގައި 20 އަހަރު ހޭދަކޮށްފައެވެ.