މިއަދު މުޅި ރާއްޖެއަށް ވިއްސާރަ، އީދު ދުވަހު ދެކުނަށް ވިއްސާރަ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މިގޮތުން މިއަދާއި މިރޭ ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަންގާރަ، ބުދަ، ބުރާސްފަތި މި ތިން ދުވަހު އުތުރުގެ ރަަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އެ ހިސާބަށް މޫސުން ރަނގަޅު ވާނެކަމަށް މެޓް އިން ބުންޏެވެ.

މެޓްއިން ލަފާކުރާ ގޮތުގައި އީދު ދުވަސް ކަމަށްވާ ބުދަ ދުވަހު އުތުރަށް މޫސުން ރަނގަޅު ވެފައި، މެދުރާއްޖެ ތެރެއަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ގިނަ ވަގުތު މޫސުން ރަނގަޅުވާނެއެވެ. އެ ދުވަހު ދެކުނަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

މެޓްއިން ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ނަމަވެސް ދަތުރު ކުރާއިރު ސަމާލުވުމަށް އެދޭ ކަމަށެވެ. އެއީ ވިލާގަނޑުގައި ކަނޑުތައް ކޮންމެ ވެސް ވަރަކަށް ގަދަވެދާނެތީއެވެ.

ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރާއި ސްކޫލްތައް ބަންދު ކުރުމާއެކު މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އަތޮޅުތެރެއަށް ގޮސްފައެވެ. އަދި އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ އައެވެ. އަންނަ ހަފުތާ އާދިއްތަ ދުވަހު ސަރުކާރު ހުޅުވާތީ މި ހަފުތާ ފަހުކޮޅު ގިނަ އަދަދެއްގެ ބަޔަކު ދަތުރުފަތުރު ކުރާނެއެވެ.

comment ކޮމެންޓް