އިސްލާމީ ދުނިޔެ ނިދާފައިއޮތްނަމަވެސް ޣައްޒާގެ ރައްޔިތުން ނަސްރު ހޯދާނެ!

ހަމާސްގެ ހަނގުރާމަވެރިއެއް. ފޮޓޯ:

ޣައްޒާގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން ގަތުލުއާންމުތައް ހިންގައި ކާބޯތަކެތިން މަހުރޫމުކޮށް ބަނޑަށް ޖައްސައި ޣައްޒާގެ އާންމުންގެ ގެދޮރާއި އިންސާނީ ޚިދުމަތްތައް ދޭ މުއައްސަސާތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ތަޅައި ބިމާކުރަމުން ގެންދާއިރު މިއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ގަސްދުގައި ރާވައިގެން ހިންގަ ޖަރީމާތަކެއްކަން އެންމެ ބޮޑަށް އެނގޭ ބަޔަކީ އިސްލާމީ ދުނިޔެއެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގެ ލީޑަރުންނެވެ.

ޣައްޒާގައި ޔަހޫދީންގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ކުރަމުންގެންދާ ޖިހާދަކީ މަތިވެރި ޖިހާދެކެވެ. މި ޖިހާދަށް އެއްބާރުލުން ދިނުމުގެ ގޮތުން ޣައްޒާގެ ރައްޔިތުން އެ މީހުންގެ ލެއާއި ހަށިތަކުން ވަމުންދާ ގުރުބާނީތަކަކީވެސް މިފަދަ މަތިވެރި ޖިހާދެކެވެ.

ކޮންމެ ދުވަހަކު ޣައްޒާއަށް އިސްރާއީލުން ބޮން އަޅައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލައެވެ. ޣައްޒާގެ ސަރަހައްދުތަކާއި ހޮސްޕިޓަލުތަކުގައި ވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ފުނިޖެހިފައެވެ. ވަޅުލެވޭނެ ގޮތެއްނެތިގެންނެވެ. ވަޅުލެވޭވަރަށްވުރެ މާގިނައިން މީހުން ޝަހީދު ކުރަމުން ގެންދާތީއެވެ.

ޣައްޒާގައިވަނީ ޒަޚަމްކޮށްލާފައިވާ އެތައް ހާސް ކުޑަ ކުދިންނާއި އަންހެނުންނާއި ފިރިހެނުންގެ ވޭނާއި ކެކުޅުމާ އަދި ރުއިމުގެ އަޑުތައް ކަމަށް ވިޔަސް މިއީ ޔަހޫދީންގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ޣައްޒާގެ މުޖާހިދުންނާއި އާންމު ރައްޔިތުން ކުރަމުންގެންދާ ޖިހާދުގެ އަޑުތަކެވެ. މި ޖިހާދަކީ އިސްލާމީ ތާރީޚުގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކުގެ ގޮތުގައި ފާހަގަވެގެންދާނެ ވަރުގަދަ ޖިހާދެކެވެ. އީމާނާއި ސާބިތުކަމުގެ ޖިހާދެކެވެ.

ބަދުރު ހަނގުރާމައާއި މައްކާ ފަތަހުކުރުންފަދަ އިސްލާމީ އެންމެ ބޮޑެތި ހާދިސާތަކާ އެއްވަރު ނުވިނަމަވެސް ޣައްޒާގެ ޖިހާދަކީ އިސްލާމް ދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން ކޮށްފައިވާ ތާރީޚީ މަތިވެރި ޖިހާދުތަކާ އެއްފަދަ އަގުބޮޑު ޖިހާދެއް ނޫނެކޭ ނުބުނެވޭނެއެވެ.

ހިއްތީން ހަނގުރާމަ، ޢައިން ޖާލޫތު ހަނގުރާމަ، ބިލާތުއްޝުހަދާއު، ޒާތުއްސަވާރީ، ޢަމޫރިއްޔާ، އަންދަލުސް ފަތަހަކުރުން، ސަމަރުގަންދު ފަހަތަކުރުން، އިޓަލީގެ ސަގިއްލިޔާ ފަތަހަކުރުން، ގާދިސިއްޔާ، ނަހާވުންދު، ވާދިލް މަޚާޒިން އަދި ޔަރުމޫކު ހަނގުރާމަ ފަދަ ދުނިޔޭގެ ތާރީޚު ބަދަލުކޮށްލިވަރުގެ ޖިހާދުގެ ބޮޑު ހާދިސާއެއްގެ ގޮތުގައި ޣައްޒާގެ ޖިހާދުވެސް އިސްލާމީ ތާރީޚުގައި ފާހަގަވެެގެންދާނެއެވެ.

ބުނަން މިއުޅޭ ވާހަކައަކީ ޔަހޫދީންގެ އަނިޔާވެރިކަމާ ކުރިމަތިލުމުގައި ޣައްޒާގެ މުޖާހިދުންނާ އަދި އާންމު ރައްޔިތުން ދައްކާ ހިތްވަރާއި ސާބިތުކަމުގެ ވާހަކައެވެ. ހިތްވަރާއި އަޒުމުގެ ވާހަކައެވެ. އެތައް ހާސްބައެއްގެ ލެއާއި ފުރާނައާއި ހަށިތަކުން ވަމުންދާ ގުރުބާނީ ތަކުގެ ވާހަކައެވެ.

އިސްލާމީ ދުނިޔެ ކުޅިބަލަން އޮތްކަމަށްވިޔަސް، އިސްލާމީ ލީޑަރުން ޔަހޫދީން ދެކެ ބިރުންތިއްބަސް ޔަހޫދީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ މައްޗަށް މާތް ﷲ ނަސްރު ދެއްވާނެކަމުގެ ޔަގީންކަންމަތީގައި ޣައްޒާގެ މުޖާހިދުންނާއި ރައްޔިތުން ތިބި ވާހަކައެވެ.

މިފަހަކަށް އައިސް ދުނިޔެ ނުދެކޭފަދަ އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީގައި ޣައްޒާގެ މުޖާހިދުންނާއި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާގެ މުޅި ރައްޔިތުން އެ މީހުންގެ ޖާނާއި މާލާއި ގެދޮރާ އަދި ފުރާނައިން ވަމުންދާ ގުރުބާނީ ތަކާއި ދައްކަމުންދާ ހިތްވަރަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ހިއްތީން، ޢައިން ޖާލޫތު، ބިލާތުއްޝުހަދާއު، ޒާތުއްސަވާރީ، ޢަމޫރިއްޔާ، ގާދިސިއްޔާ އަދި އަންދަލުސް ފަތަހަކުރުންފަދަ އިސްލާމީ ތާރީޚީ ހަނގުރާމަތަކުގައިވެސް މުސްލިމުން ދައްކާފައިވާފަދަ ހިތްވަރާއި ފަންވަރެވެ. ކެތްތެރިކަމާއި ބުތޫލާތެވެ.

އެ ހަނގުރާމަތަކުގައި އިސްލާމްދީނުގެ އަދާވާތްތެރިންނާ ދެކޮޅަށް އޭރުގެ މުސްލިމުންނާއި މުސްލިމުންގެ އަބްތާލުން ޖިހާދުކުރި ގޮތަށް ޣައްޒާގެ މުޖާހިދުންނާއި އާންމު ރައްޔިތުން ޔަހޫދީންނާއި އެ މީހުންގެ އައުވާނުންގެ މައްޗަށް ޖިހާދު ކުރަމުންގެންދަނީ އީމާންތެރިކަމާއި ދީނުގެ ހަރުދަނާ އަގީދާއާއި އަޅުކަމުގެ މަތީގައެވެ.

ޣައްޒާގެ ރައްޔިތުންގެ މިވަރުގަދަ ހިތްވަރު ފެނިފައި ޔަހޫދީންނާއި އެ މީހުންގެ އައުވާނުންވަނީ ހައިރާންވެ އަންތަރީސްވެފައެވެ. ހާހުން އާންމުން މަރައި އާއިލާތައް ހުރިހުރިގޮތަށް ޝަހީދުކޮށް، ހޮސްޕިޓަލްތައް ފުނޑުފުނޑުކޮށް މީހުންގެ އަތްފައި ބުރިކޮށް ހައިހޫނުކަމުގައި ޖައްސައި ކާއެތިކޮޅެއް ހޯދުމަށް ކިޔޫގައި ޖެހޭ މީހުންގެ ގަޔަށް ބަޑިޖަހައި މަރަމުން ގެންދާއިރު ވެސް ޣައްޒާގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ހިތްވަރާއި އަޒުމާއި އީމާންތެރިކަމާމެދުގައެވެ.

މި ވަރުކުރާއިރުވެސް އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް ޣައްޒާގެ ރައްޔިތުން ދެކޮޅުހަދާ ހެދުމެވެ. މިހާވަރުގަދަ އަނިޔާވެރިކަމުގެ ކުރިމަތީގައިވެސް އަމާން ދިނުމަށާއި ފަހަތަށް ޖެހުމަށް ދެކޮޅުހަދަމުން ގެންދާ ގެންދިޔުމެވެ. ޣައްޒާގެ ރައްޔިތުންގެ މި މައުނަވީ ބާރާމެދު ޔަހޫދީންނާއި އެ މީހުންގެ އައުވާނުން (އެމެރިކާއާއި ޔޫރަޕްގެ ބާރުތައް) ވަނީ މުޅިން ހައިރާންވެ އަންތަރީސްވެފައެވެ. އިސްލާމީ އަގީދާއާއި އީމާންތެރިކަމަކީ މިހާވަރުގަދަ އެއްޗެއްކަން އެނގި އަދުއްވުން ވަނީ ސަހަރޯވެފައެވެ.

ޣައްޒާއިން މިހާތަނަށް 33،000 މީހުން ޝަހީދުކޮށްލައި ހޮސްޕިޓަލްތަކާއި ގެދޮރާއި އިމާރާތްތައް ފުނޑުފުނޑުކޮށް މުޅި ޣައްޒާ ލޭގެ ކޯރަކަށް ހަދާލުމުގައި ޔަހޫދީން ކާމިޔާބު ހޯދިނަމަވެސް ޣައްޒާގެ އާންމުންނާއި މުޖާހިދުން ބަލިކުރުމުގައާއި އެ މީހުންގެ އަޒުމާއި ހިތްވަރު ގުޑުވާލުމުގައި ޔަހޫދީން ވަނީ މުޅިން ނާކާމިޔާބުވެފައެވެ. މުޖާހިދުންގެ އަތްދަށުގައިވާ ޔަހޫދީ އަސީރުން މިނިވަންކުރުމާއި މުޖާހިދުން އަސްކަރީގޮތުން ބަލިކުރުމާއި ޣައްޒާގެ އާންމުން އެ މީހުންގެ ވަޒަނުން ބޭރުކުރުމުގައި ޔަހޫދީން ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

މިއީ ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުން ހާސިލްކުރަން ބޭނުންވާކަމަށް ޔަހޫދީން އިއުލާނުކުރި ލަނޑުދަނޑިތަކެވެ. އެމެރިކާއާއި ޔޫރަޕްގެ އެހީތެރިކަމާއި ހަތިޔާރާއި ހިމާޔަތް ޔަހޫދީންނަށް އޮވެފައި އިސްލާމީ ގައުމުތަކުގެ އަޅާލުމެއް ހިމާޔަތެއް ޣައްޒާއަށް ނެތްނަމަވެސް އަދި އިސްލާމީ ދުނިޔޭގެ ފިއްތުމެއް ޔަހޫދީންނަށް ނެތްނަމަވެސް ޣައްޒާއަށް ނަސްރު ލިބޭނެކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. ޣައްޒާގައި ޔަހޫދީ ފައުޖުތައް ބަލިވާކަމުގެ މަންޒަރުދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ.

ޣައްޒާގެ ރަފްހަށް އަރައިގަތް ނަމަވެސް ހުރިހާ ފަރާތްތަކަކުންވެސް ބުނަނީ ޔަހޫދީ ބާރުތަކަށް ހަމާސްގެ މުޖާހިދުން ބަލިނުކުރެވޭނެކަމުގައެވެ. ޣައްޒާގެ ރައްޔިތުންގެ އަޒުމާއި ހިތްވަރު ގުޑުވާނުލެވޭނެކަމުގައެވެ. އަސީރުންވެސް މިނިވަން ނުކުރެވޭނެކަމުގައެވެ.

ޔަހޫދީން ޣައްޒާގެ އާންމުންނާދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ހަ މަސް ވީއިރުވެސް ޣައްޒާގެ ހޮސްޕިޓަލްތަކުގެ މައްޗަށް ކާމިޔާބު ހޯދުން ފިޔަވައި އެހެން ކާމިޔާބެއް ޔަހޫދީންނަކަށް ނުހޯދުނެވެ. ބާރުގެ ބޭނުންކޮށްގެން ޔަހޫދީނަށް އެންމެ އަސީރަކުވެސް މިނިވަން ނުކުރެވުނެވެ. ބޮންއަޅައި އާންމުން މަރައި ބަނޑަށް ޖައްސައި ހާންތިކޮށްގެން ހައްޔަރުކޮށް އަތްފައި ބުރިކޮށްގެންވެސް ޣައްޒާގެ މުޖާހިދުންނާއި ރައްޔިތުންގެ ހިތްވަރާއި އަޒުމު ގުޑުވާލުމުގައި ޔަހޫދީންނަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ.

ޣައްޒާގައި ޔަހޫދީން އަރައިނުގަނެ އޮތް ހަމައެކަނި ސިޓީކަމަށްވާ ރަފްހަށް އަރައިގަތުމަށް ޔަހޫދީން މިހާރު ދަނީ ފަސްޖެހެމުންނެވެ. އެއީ އެކަންކޮށްގެންވެސް ކާމިޔާބު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުންނެވެ. ޣައްޒާގެ އަޒުމު ގުޑުވާލެވޭނެކަމުގެ އަދި އަމާންދޭނެކަމުގެ އެއްވެސް އުންމީދެއް ނެތިގެންނެވެ. ޔަހޫދީ އަސީރުން ހޯދޭނެކަމާއި އެ މީހުން މިނިވަން ކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތިގެންނެވެ. ރަފްހަށް އަރައިގަނެގެން މަގްސަދު ހާސިލް ނުވެއްޖެނަމަ ޔަހޫދީން ބޭޒާރުވެދާނެކަމަށް ބިރުންނެވެ.

އަސީރުން ތިބީ ރަފްހުގައި ކަމަށް ބުނެ އެ ސިޓީއަށް އަރައިގަނެގެން އަސީރުން މިނިވަން ނުކުރެވިއްޖެނަމަ ދެން އަރައިގަންނާނެ ތަނެއް އަދި ދައްކާނެވާހަކައެއް ޔަހޫދީ ލީޑަރުންނަށް ނޯންނާނެތީއެވެ. ޔަހޫދީން މިހާރު މި ދަނީ އެދިމާއަށެވެ. އެކަމުގެ ކަންބޮޑުވުން ޔަހޫދީންނާއި އެ މީހުންގެ އައުވާނުންނަށް އިންތިހާއަށް އެބައޮތެވެ.

ޔަހޫދީންގެ ހިމާޔަތުގައި އޮތް ހުޅަނގުގެ އިސް ވެރިން ފިޔަވައި ހުޅަނގުގެ އާންމުންވެސް އެންމެ ފަހުން ޔަހޫދީންނާ ދެކޮޅަށް މިހާރުވަނީ ނުކުމެފައެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައި އެކަމާދެކޮޅަށް އަޑުއުފުލައި ޔަހޫދީ ސިފައިންނަކީ އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް ފޭރޭ އަދި ވައްކަންކުރާ މުޖްރިމު ޓެރަރިސްޓް ބައިގަނޑެއްގެ ގޮތުގައި ހުޅަނގުގެ އާންމުންވެސް ގެންދަނީ ސިފަކުރަމުންނެވެ. އެ މީހުންގެ އަނިޔާވެރިކަމާއި ލާއިންސާނީކަން ބޭޒާރު ކުރަމުންނެވެ. ހުޅަނގުން ޑިިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި ކުރާ ޕްރޮޕަގެންޑާތައް ބޭޒާރު ކުރަމުންނެވެ.

އިސްލާމީ ދުނިޔޭގެ އިތުރުން ހުޅަނގާ އަދި މުޅި ދުނިޔޭގެ އާންމުންގެ ހަމްދަރުދީވެސް ޔަހޫދީންނަށް މިހާރު ގެއްލިއްޖެކަން ޚުދު ޔަހޫދީންގެ ހިމާޔަތުގައި ހުންނެވި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ފަދަ ބޭފުޅުންވެސް ވިދާޅުވެއްޖެއެވެ. މީގެ ކުރިން އިސްރާއީލާދެކޮޅަށް ކަމެއް އެޖެންޑާކޮށްލަން ނުކެރޭ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން އިއްޔެ ވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ ގަރާރެއް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްފައެވެ. މިއީ ކުރިން ޚިޔާލަށްވެސް ގެނެވޭވަރުގެ ކަމެއްނޫނެވެ.

އަނެއްކޮޅުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ޖަރުމަނާއި އިނގިރޭސިވިލާތާއި އެމެރިކާގެ ސަރުކާރުތަކަށް އެ ގައުމުތަކުގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތުން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ.

ޣައްޒާގެ ޖިހާދުގެ ސަބަބުން ޔަހޫދީންގެ ހަގީގަތް ހުޅަނގުގެ އާންމުންނަށްވެސް އެނގިއްޖެއެވެ. އަދި ޔަހޫދީންނާ ދެކޮޅަށް އެއްޗެއް ބުނުން ދުނިޔޭގައި ބޮޑު ޖަރީމާއަކަށް ވެފައި އޮތްއޮތުންވެސް މިހާރު ނިމުމަކަށް އަތުވެއްޖެއެވެ. ޔަހޫދީންގެ މުދާ ދުނިޔޭގައި ބޮއިކޮޓްކުރުންވެސް އާންމުވެއްޖެއެވެ.

މި ކަންކަމަކީ ވާނެކަމަށް ޔަހޫދީންނާއި ޔަހޫދީން ދެކެ ބިރުގެންފައިވާ އަރަބި ވެރިން ޚިޔާލުވެސް ކޮށްފައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން މިއީ މުޅި ދުނިޔޭގައި ހަންފަތުރާފައިވާ ޔަހޫދީ މާފިޔާ ބާރުތަކުގެ މައްޗަށް ޣައްޒާގެ މުޖާހިދުންނާއި އާންމުން ހޯދި ވަރަށް ބޮޑު ނަސްރެކެވެ.

ދުނިޔޭގައިވާ ޔަހޫދީންގެ މާލީ، ސިޔާސީ އަދި އަސްކަރީ ބާރާ، މުޖާހިދުންގެ ބާރާ އަޅާބަލާއިރު ހާހަކާއި ސުމެއްގެ ފަރަގު ހުރިނަމަވެސް ޔަހޫދީންގެ މައްޗަށް މި ބޮޑު ނަސްރު ލިބުނީ ޣައްޒާގެ މުޖާހިދުންނާއި އާންމުންގެ އީމާންތެރިކަމާއި ކެތްތެރިކަމުގެ ސަބަބުންނެވެ. ބަދުރު ހަނގުރާމައިގެ މައުނަވީ ބާރާއި އޭގެ އަސަރުތައް ޣައްޒާގެ ހަނގުރާމައިން ފެންނަމުންދާކަމަށް އިސްލާމީ އިލްމުވެރިން ވިދާޅުވަނީ މިހެންވެއެވެ.

ހިއްތީން ހަނގުރާމައާއި ޢައިންޖާލޫތު، ބިލާތުއްޝުހަދާއު، ޒާތުއްސަވާރީ، ޢަމޫރިއްޔާ، ގާދިސއްޔާ އަދި އަންދަލުސް ފަތަހަކުރުންފަދަ އިސްލާމީ ބޮޑެތި ޖިހާދުތަކާއި ޣައްޒާގެ ހަނގުރާމައާ ގުޅުވަނީ މި ހަގީގަތްތަކުގެ އަލީގައެވެ. އަރަބި ލީޑަރުން ދެކުނީ ހައްގުތައް ހޯދުމަށްޓަކައިވެސް ޔަހޫދީންނަކީ ހަނގުރާމަ ކުރެވޭވަރަށްވުރެ މާގަދަފަދަ އަދި މާބާރުގަދަ ބައެއްގެ ގޮތުގައެވެ. އަރަބި ލީޑަރުން ދެކުނީ ޔަހޫދީން ހެދިގޮތެއް ހެދިގެން އަމާންދީގެން ތިބުން ނޫންގޮތެއް ފަލަސްތީނަށް ނޯންނާނެކަމުގެ ތަސައްވުރެވެ.

މިއާއެކު އަރަބި ގައުމުތަކުން ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދިޔައީ ޔަހޫދީން ޝަހީދުކުރާ ފަލަސްތީނު ރައްޔިތުން ކަފުން ކުރުމަށް ބޭނުންކުރާނެ ކަފުނާއި ކަފައެވެ. ނަމަވެސް ޔަހޫދީން ބަލިކުރެވޭނެކަމާއި އިސްލާމީ ބޮޑެތި ހަނގުރާމަތަކުގައި މުސްލިމުން ދެއްކި މައުނަވީ ބާރާއި ހިތްވަރު ޣައްޒާގެ މުޖާހިދުންނާއި ރައްޔިތުންގެ ކިބައިންވެސް ފެނިގެން ދާކަން އެ ގައުމުތަކުގެ ލީޑަރުންނަށް މިހާރު ވަނީ އިހުސާސް ކުރެވެން ފަށާފައެވެ.

ޔަހޫދީ ބާރުތަކުގެ މައްޗަށް ނަސްރު ހޯދުން ނޫނީ ޝަހީދުވުން ނޫންގޮތެއް ޣައްޒާގެ މުޖާހިދުންނާއި ރައްޔިތުން ގަބޫލުނުކުރާނެކަން އެ މީހުންނަށް ވަނީ އެނގިފައެވެ. ޣައްޒާގެ ރައްޔިތުން ޝަހީދުކުރާ ވަރަކަށް އަދި އެ މީހުން ހައިހޫނުކަމުގައި ޖައްސާ ވަރަކަށް އެ މީހުންގެ މައުނަވީ ބާރާއި އީމާންތެރިކަމާ އަދި ﷲ ސުބްހަނަހޫ ވަތައާލާއަށް ކުރާ އިތުބާރު ގަދަވާ މަންޒަރު ޔަހޫދީން ދެކެ ބިރުގަންނަ އަރަބި ވެރިންނަށް މިއަދު ވަނީ ފެންނަން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު