މި ފަސް އަހަރު ތެރޭ އިގްތިޞާދު މިނިވަން ކުރާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ސަންއަށް އިންޓަވިއޫ ދެއްވަނީ: އެ މަނިކުފާން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވައުދާ ޚިލާފުވެ ވަޑައިނުގަންނަވާ ކަމަށް-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އިގްތިޞާދަށް އާ މަގުތަކެއް ހުޅުވާ، ފަސް އަހަރުތެރޭ އިގްތިޞާދު މިނިވަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މުލިއާގޭގައި އިއްޔެ "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް އިގްތިޞާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މި ސަރުކާރުން ކުރި ކަމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިގްތިޞާދު ރަނގަޅު މަގުން ގެންދެވޭނެ ހަމައެކަނި މަގަކީ އެކަން ހުއްޓާލުން. އެހެންވީމަ ވަރަށް އުނދަގޫ ޑިޒިޝަނެއް، ވަރަށް ގިނަ ބޭފުޅުން ލަފާ ދެއްވި އަދި ރިކުއެސްޓު ވެސް ކުރި އަޅުގަނޑުމެންގެ ޓީމު ތެރޭގަ ވެސް އޮތް ޕްރެޝަރު ބޮޑުކަމުން ހަމަ ފައިސާ ޗާޕު ކުރަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހުއްޓިފައި ހުރި އެކި މަޝްރޫއުތައް ވެސް ފެށުމުގެ މަސައްކަތާއި މަޝްރޫއުތައް އަވަސް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއާއި ހުއްޓިފައި ހުރި ރިސޯޓުތަކާއި އިގްތިސާދީ އާ ދޮރުތައް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންތައް ރާއްޖޭގައި ގާއިމް ކުރުމުގެ އިތުރުން އިންޓަނޭޝަަލް ފައިނޭންސް ސެންޓަރުތަކެއް ހެދުމަށް އޮތީރިޓީއެއް ވެސް އުފައްދަވާނެ ކަމަށެވެ.

މިހާރު އީވޮލެޓް ތައާރަފް ކުރެވިފައި ވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ހުޅުވައިދެވޭ ދޮރެއް ކަމަށެވެ.

"ޕޭމަންޓް ގޭޓްވޭ ނިޒާމު ފުރިހަމަ ކުރުމަށް އެވަނީ ފެށިފައި. އަޅުގަނޑު ވަރަށް ޔަގީން ކުރަން މިއަހަރު ހަމަ ޕޭޕަލް ވެސް ގެނެވޭ ވަރު ވާނެކަން. އެކަމަށް ބެނުންވާ ގާނޫނީ މަސައްކަތް ފުރިހަމަ ކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ބޮޑު ޚަރަދެއް ކުރަނީ ތެލަށް ކަމަށް ވުމުން ބަންކަރިންގެ ޚިދުމަތް ވެސް ތައާރަފް ކުރަން ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެން ގައުމުގައި ތެޔޮ ގަންނަ އަގު ކުޑަވެގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ހުރިހާ މަސައްކަތެއް ކުރައްވަނީ އަމިއްލަވަންތަ އިގްތިޞާދެއް ބިނާކުރެއްވުމަށް ކަމަށެވެ. އެގޮތުން މި ކަންކަމުގެ ބިންގާ އެޅިފައި ވާކަމަށާއި ދެން އޮތީ މިކަންކަމައިގެން ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް