މިއަދު އިހުސާސްކުރެވޭ ހޫނުމިން 46 ޑިގްރީގައި

ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިހުސާސްކުރެވޭ ފިނިހޫނުމިން މާލެ ސަރަހައްދުގައި 46 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް މިއަދު އަރައިފިއެވެ.

މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް)ގެ އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ މިއަދު އިހުސާސް ކުރެވުނު ފިނިހޫނުމިން އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ހެނދުނު 11:00އިން މެންދުރު ފަހު 14:00އާ ދޭތެރޭގައި ކަމަށެވެ.

އެ ގޮތުން މި ތިން ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް އުފުލިގެން ދިޔަ މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގައެވެ. މިއަދުގެ 13:00ގައި މާލެ ސަރަހައްދުގެ އަސްލު ފިނިހޫނުމިން ހުރީ 33.5 ޑިގްރީ ސެލްސިއަސްގައެވެ.

މިއަދުގެ 11:00ގައި އިހުސާސްކުރެވޭ ފިނިހޫމުނުމިން ހުރި މިންވަރު:

މާލެ ސަރަހައްދު - 46

ލ. ކައްދޫ - 41

ގދ. ކާޑެއްދޫ - 43

ސ. ގަން - 40

މިއީ އިހުސާސްކުރެވޭ ފިނިހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގެ ތެރޭގައި މި އަދަދުތައް ހުރީ 44 އާ 45އާ ދެމެދުގައެވެ. އަދި މިދިޔަ އަހަރު ވެސް އިހުސާސްކުރެވޭ ފިނިހޫނުމިން އެވަރެޖްކޮށް އެންމެ މައްޗަށް އަރާފައިވަނީ 44 ޑިގްރީ ސެލްސިއަސްއާ ހަމައަށެވެ.

މިއީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ.

މި ދުވަސްވަރު ރާއްޖޭގެ އެވަރެޖް ފިނިހޫނިމިން ހުރީ 30 އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

މިދިޔަ އަހަރު އެންމެ ހޫނުގަދަވީ ހދ. ހަނިމާދޫއަށް ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން އެނގެއެވެ. މެއި 2023ގައި ހަނިމާދޫގެ ފިނިހޫނުމިން 34.6 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ.

comment ކޮމެންޓް