އިސްރާއީލުގެ ހުރަސްތަކާއެކުވެސް 125،000 މީހުން އަގްސާ މިސްކިތަށް

ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ހުކުރު ނަމާދު އަލް އަގްސާ މިސްކިތުގައި ކުރަނީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ.

ނަސްލު ނައްތައިލުމުގެ މަގްސަދުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ރަހުމުކުޑަ އަމަލުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަ ނަމަވެސް، މި ބަރަކާތްތެރި ރަމަޟާން މަހުގެ ތިންވަނަ ހުކުރު ދުވަހު، ފަލަސްތީނުގެ 125،000 ހާ މީހުން އަލް އަގްސާ މިސްކިތުގައި ހުކުރު ނަމާދުކޮށްފިއެވެ.

ނަމަވެސް އެ އަދަދަކީ ރަމަޟާން މަހު އާންމުކޮށް އަގްސާ މިސްކިތަށް ދާ މީހުންގެ އަދަދަށްވުރެ ދަށް އަދަދެއް ކަމަށް ގުދުސްގައި ހުންނަ އިސްލާމިކް އެންޑޯމެންޓްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ޝެއިޚް އައްޒާމް އަލް ޚަތިބު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ތިން ވަނަ ހުކުރު ދުވަހު 250،000 މީހުން އަގްސާ މިސްކިތުގައި ހުކުރު ނަމާދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމާދުގެ ވަގުތުގައި އަގްސާ މިސްކިތަށް ވަންނަ ދޮރު ކައިރި ހިމެނޭހެން މުޅި އެ ސަރަހައްދުގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވިއެވެ. އަދި އިސްރާއީލުން ހިފައިފައިވާ އިރުމަތީ ގުދުސްއަށް ވަނުމުގެ ހުއްދަ ދިނީ ހަމައެކަނި 55 އަހަރުން މަތީގެ ފިރިހެނުންނަށާއި 50 އަހަރުން މަތީގެ އަންހެނުންނަށެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްނުކުރާ ކަމަށް ބުނެ، ހުކުރު ހުތުބާގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ކުށްވެރިކޮށްފައެވެ. އަދި ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނި އެހީތެރިކަން ފޯރުކޮށްދިނުމަށް އައިސީޖޭއިން ވަނީ އިސްރާއީލަށް އަމުރުކޮށްފައެވެ.

ނަމަވެސް އެ އަމުރާ ހިލާފަށް އިސްރާއީލުން އަންނަނީ ޣައްޒާގެ ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު އަންނަނީ ބަނޑުހައިހޫނުކަންމަތީގައި މަރުވަމުންނެވެ.

އެއްވެސް ކަހަލަ ލަސް ކުރުމެއްނެތި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުވެސް އައިސީޖޭއިން ވަނީ އިސްރާއީލަށް އަމުރުކޮށްފައެވެ.

އައިސީޖޭގެ އަމުރުތަކަކީ ގާނޫނީ ގޮތުން އަމަލުކުރަން މަޖުބޫރުވާ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް އެފަދަ ކަންކަން ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަކަށް ލިބިފައެއް ނެތެވެ.

comment ކޮމެންޓް