ފަލަސްތީނު ރައްޔިތުން ހެއްދެވި ފަރާތަށް ކުރާ އިތުބާރުން އިބުރަތް ލިބިގަންނަންޖެހޭ: ޚުތުބާ

ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަނގުރާމައިގެ ހާލަތުގައި ވެސް ފަލަސްތީނު ރައްޔިތުން ހެއްދެވި ފަރާތަށް ކުރާ އިތުބާރުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ރަމަޟާން މަހު މާތްﷲ އިސްލާމް ދީނަށް ގިނަގުނަ ކާމިޔާބީތައް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަޞްރު ކަމަށް ޚުތުުބާގައި ބުންޏެވެ.

މި ހަނގުރާމައިން ލިބޭ ފިލާވަޅުތައް މިއަދުގެ ޚުތުބާގައި ވަނީ ހަނދާން އާކޮށްދީފައެވެ. އޭގެ ތެރެއިން އެއް ފިލާވަޅަކީ އިސްލާމް ދީނުގެ އަގީދާ އަށަގެންފިނަމަ ދެން ހުރިހާ ކަމެއް ފަސޭހަވާނޭކަން ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން ރަސޫލާއާ ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައި ނުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ޚުތުބާގައި ބުނީ، ބަދުރު ހަނގުރާމާގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާއި، އަޚުން އުޚްތުންނާއި، ގާތްތިމާގެ މީހުންނާއި އަދި ރަށްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިމަކަށެވެ.

"މުސްލިމް އަޚުންނޭވެ! ނިކަން ވިސްނާށެވެ! މިއަދު ވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނަން އެބަހުއްޓެވެ. ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް އެބައިމީހުންގެ ހިތްވަރާ ޢަޒުމުގެ ވަރުގަދަކަން ދެކޭށެވެ. ހެއްދެވި ފަރާތަށް އޮތް އިތިބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަންނާށެވެ،" ޚުތުބާގައި ބުންނެވެ.

ބަދުރު ހަނގުރާމައިގެ ފިލާވަލުތަކަށް ބަލާއިރު މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅުކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ބައެއްގެ މައްޗަށް އަދުލުވެރިކަން ހިންގެވުމުގެ ކުރިން ރަސޫލާ އެކަލޭގެފާނުގެ މައްޗަށް އަދުލުވެރިކަން އިސްކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.

މި މައްސަރުގައި ދެއްވި އަނެއް ކަމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު މައްކާ ފަތަހަ ކުރެއްވުމުގެ ކާމިޔާބީއެވެ.

"މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގަތީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެވެ. ނަމަވެސް، މައްކާ ފަތަހަ ކުރެއްވި ދުވަހު މައްކާއަށް ވަދެވަޑައިގަތީ 10،000 ވުރެ ގިނަ އަޞްހާބު ބޭކަލުންނާ އެކުއެވެ،" ޚުތުބާގައި ބުންޏެވެ.

މި މައްސަރުގައި ދެއްވަފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފަތަކުން ޠާހިރު ވުމުގެ ފުރުސަތެވެ. އެއީ ލައިލަތުލް ޣަދުރި ވިލޭރޭގެ މަތިވެރި ފުރުސަތެވެ.

ރަމަޟާން މަހުގެ ފަހު ފަހު ދިހައެއްގައި ސަވާބާ ދަރުމަ ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އިއުތިކާފަށް އިނުމާއި ހެޔޮ ކަންތައް އިތުރު ކުރުމާއި ރޭއަޅުކަން އަިތުރު ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް