ދައުލަތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭހަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަން ގަބޫލުކުރައްވާ ކަމަށާއި އެފަދަ ޝަކުވާތައް ލިބެމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށްވީ ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދެން އަޅުގަނޑު ވެސް ހަމަ ގަބޫލުކުރަން ހަމަ ބޭހެއް ނުލިބޭ މީހުންނަކަށް އިނގޭތޯ.. އަދިވެސް ހަމަ އެ ޝަކުވާ އާދޭ ހަމަ، ޕްރިސްކްރިޕްޝަނެއް ހިފައިގެން ދިޔައީމާ ސްކީމްގެ ތެރެއިން ހަމަ ބޭހެއް ނުލިބޭ..... މިހާ ބޮޑު ކޮސްޓެއް [ޚަރަދެއް] ދޭއިރުގައި ވެސް ސްކީމްގެ ތެރެއިން މި ހުންނަ ބޭސް ލިބުމަށް ދަތިތައް އެބަހުރި،" ޒީނިޔާ ވިދާޅުވިއެވެ.
ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: --ސަން ފައިލް ފޮޓޯ/ އިބްރާހިމް ނާއިޝް
ޒީނިޔާ ވިދާޅުވި ގޮތުގައި، އެމްއެފްޑީއޭއިން ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަހު އާސަންދަ އެމްޕެނަލް ކުރަން އަންނަ މަރުހަލާގައި އެކަން ހިފަހައްޓައިފިނަމަ އަމިއްލަ ފަރާތްތަކުގެ ޝަކުވާތައް އަމާޒުވެ، ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި ގައުމީ ފެންވަރުގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަދަދުތައް ދެނެގަނެވޭނެ އެއްވެސް މެކޭނިޒަމެއް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޭސް ލިބުމުގައި އަދި ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ، އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން ވެސް ޒީނިޔާ ފާހަގަކުރެއްވިއެވެ.
އެގޮތުން އާސަންދަ ދެނީ ރަޖިސްޓްރީވެފައިވާ ބްރޭންޑްތަކުގެ ބޭހަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބޭސް އެތެރެކުރެވެނީ ޕްރިސްކްރިޕްޝަނަށް ނުވަތަ ބޭސް ސިޓީއަކަށް އެކަނިކަމަށްވުމުން ނަތީޖާއަކީ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަމަށް ވިދާޅުވިއެވެ.
އަދި ބްރޭންޑްތައް ބަދަލުވީމާ ވާގޮތަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބްރޭންޑަކަށް ނުވީމާ އާސަންދަ ނުލިބުންކަމަށް އޭނާ ވިދާޅުވިއެވެ.
"[ލިސްޓު ތެރެއަށް] ނުލީމާ މި ވާ ގޮތަކީ ބޭސް ސިޓީ ހިފައިގެން ދިޔައީމާ މި ބުނަނީ ތި ބޭހެއް އާސަންދައަކުން ދޫކުރެވޭކަށް ނެތޭ. ބަލައިލާއިރު މި އިންނަނީ، މި ބޭހެއް ނީނދެ އަޅުގަނޑުމެންނާ އެކު އެ މީހުންގެ ރެޖިސްޓާ ވެފައި އިން ލިސްޓަށް ލާފައެއް. އެ ފާމަސީއެއްގެ ވެސް ޒިންމާއެއް އެއީ އެ އެއްޗެހިތައް ސްކީމްގެ ތެރެއިން ޕްރޮވައިޑްކޮށްދިނުމަށް ލިސްޓަށް ލުން އަސްލު އެ އަގުތަކާއެކޮށް ލާންޖެހޭނީ. ބްރޭންޑް އެހާ އަވަހަށް ބަދަލުވާއިރުގައި އޭގެ އެއްވެސް ކޮންޓްރޯލެއް ނެތް،" ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭހުގެ އަގުތައް ކޮންޓްރޯލް ކުރުމުގައި ހުރި މައްސަލަތަކަށް އަލިއަޅުވާލައްވަމުން ޒީނިޔާ ވިދާޅުވީ ބައެއް ފާމަސީތަކުން އަގުހެޔޮ ބޭސް ވިއްކުމަށްފަހު، އަގުބޮޑުކޮށް އާސަންދައަށް ބިލްކުރާ ކަމަށެވެ. އަދި ހޯލްސޭލް ރޭޓް ކޮންޓްރޯލް ކުރާނެ ނިޒާމެއް ނެތުމުން، 500 އާއި 600 އިންސައްތައިގެ ބޮޑު ފައިދާއެއް ލާފައި ބޭސް ވިއްކާކަން މީގެ ދެ އަހަރު ކުރިން ބެލި ބެލުމުން އެނގިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މިކަންކަން ހައްލުކުރުމަށް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ބޭސް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އެގޮތަށް ގެނެވުނީ ވަރަށް މަދު ބޭހެއް ކަމަށާއި އެއީ އަމިއްލަ ވިޔަފާރިތަކަށް ވެސް ދަތިވާ ކަމެއް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
އަދި 3000 އަށްވުރެ ގިނަ ބޭހަށް އާސަންދަ ލިބޭއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ލިބޭތީ، އެއީ ކިހިނެއްވާ ކަމެއްތޯ ކޮންމެހެން ވެސް ބަލަންޖެހޭ ކަމަށް ވިދާޅުވެ ޒީނިޔާ ވަނީ އެ ކަންކަން ދެނެގަތުމަށް މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.
އަދި ރާއްޖެއިން ނުލިބޭ ބޭސް، ރާއްޖެއިން ބޭރުން ގެންނަން ގިނަ ދުވަސްވާތީ އެ ކަންބޮޑުވުން ވެސް އެބައޮތެވެ.