ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ބީސީސީން ''ދިވެހިންނަށް އިސްކަން'' ނަމުގައި ކެމްޕޭނެއް ފަށައިފި

ދިވެހިންނަށް އިސްކަން ކެމްޕެއިނެއް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ފައްޓަވައި ދެއްވަނީ -- ފޮޓޯ/ ބީސީސީ

ދިވެހި އުފެއްދުންތަކަށް އާންމުންގެ މެދުގައި އޮންނަ މަޤްބޫލުކަން އިތުރުކޮށް، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން "ދިވެހިންނަށް އިސްކަން" ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އެގޮތުން، ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިނިސްޓަރު ސައީދު ވަނީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ދިވެހި އުފެއްދުންތަކެއް ގަނެ، އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތެއް ކަމަށްވާ ޒީނާޒް އަދުނާނަށް ހަދިޔާ ކުރައްވާފައެވެ.

މި ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު ސައީދު ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެއް އޮންނަ ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ބަދަލުކުރެވޭ ހަދިޔާތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ވާނަމަ، އެއީ ދިވެހި އުފެއްދުންތެރިންނަށް ދެވޭ ހިތްވަރެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ބީސީސީން ފެށި މި ކެމްޕެއިނާއެކު ދިވެހި އުފެއްދުންތެރިންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.

ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބީސީސީން ކޮތަޅެއް ތައްޔާރުކޮށްފައިވާއިރު، ކެމްޕެއިން ފަރުމާކޮށްފައިވަނީ ދިވެހި އުފެއްދުމަކާއެކު ކޮންމެވެސް ފަރާތަކަށް އެ ކޮތަޅު ހަދިޔާކުރާ ގޮތަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށެވެ.

މި ކެމްޕެއިންގެ މަޤްޞަދަކީ، ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ އާންމުންގެ މެދުގައި މަޤްބޫލުކަން އިތުރު ކުރުމެވެ.

މި ކެމްޕެއިންގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައްވެސް ބޭނުން ކުރެވޭނެއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަނީ ފަށާފައެވެ.

"ދިވެހީންނަށް އިސްކަން" ކެމްޕެއިންގެ ދަށުން މިއަދު ފެށި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ އަންނަ މަހުގެ 16ގެ ނިޔަލަށެވެ.

އެއާއެކު، ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ބީސީސީން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ މުދަލަކަށް 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ބީސީސީން ޚާއްޞަ މަރުކާއެއްގެ ދަށުން ޤާއިމްކޮށްފައިވާ ފިހާރައެކެވެ.

comment ކޮމެންޓް