17 ރަށަށް ބޭނުންވާ ލެބޯޓްރީ އިކުއިޕްމެންޓު ހޯދަން ޗައިނާއާއެކު އެއްބަސްވުމެއް

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ރާއްޖެއިން ޗައިނާއާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ރާއްޖެއިން މިއަދު ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިކަމަށް ޚާއްސަކޮށް މިއަދު ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. އަދި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.

ހެލްތު މިނިސްޓްރީން ބުނީ މުޅި ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ފަސް އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ގެންނަން ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، އެ ރަށްތަކުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް