ފުރާވަރުގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ސައިބާ ބުލީގެ ޝިކާރައަކަށް

ފުރާވަރުގެ ކޮންމެ ހަ ކުއްޖަކު ސައިބާ ބުލީގެ ޝިކާރައަކަށް -- ފޮޓޯ/ބީބީސީ

ފުރާވަރުގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ސައިބަ ބުލީގެ ޝިކާރައަކަށްވާ ކަމަށް ބައިނަލްއަގުވާމީ ދިރާސާއަކުން ދައްކައިފިއެވެ.

ދަ ހެލްތް ބިހޭވިއާ އިން ސްކޫލް އޭޖްޑް ޗިލްޑްރެން (އެޗްބީއެސްސީ)ގެ ނަންދީފައިވާ އެ ދިރާސާއަކީ 44 ގައުމަކުން 279،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

ސައިބާ ބުލީ ކުރާ ކުދިންގެ އަދަދު ކޯވިޑް 19 ގެ ކުރިއަށްވުރެ މިހާރު އިތުރުވެފައިވާ ކަމަށް ކުރިން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާންމުކުރި ރިޕޯޓެއްގައިވެއެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން ސައިބާ ބުލީކުރި ކަމަށް ރިޕޯޓްކުރި ފުރާވަރުގެ ކުދިންގެ ނިސްބަތް އިތުރުވެފައިވާއިރު، ފިރިހެން ކުދިންގެ އަދަދު ވަނީ 12 އިންސައްތައިން 15 އިންސައްތައަށް އިތުރުވެފައެވެ. އަދި، އަންހެން ކުދިންގެ އަދަދު ވަނީ 13 އިންސައްތައިން 16 އިންސައްތައަށް އިތުރުވެފައެވެ.

ޖުމުލަ 4،200 އަށް ވުރެ ގިނަ ޒުވާނުންގެ ސާވޭކުރި އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް ކޮންމެ ފަސް ޒުވާނުންގެ ތެރެއިން އެކަކަށް ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން އެއްފަހަރު ނުވަތަ ދެ ފަހަރު ސައިބާ ބުލީކުރި ކަމަށް ރިޕޯޓްކޮށްފައިވާއިރު، 11 އިންސައްތަ މީހުން ވަނީ އެހެން މީހުންނަށް ސައިބާ ބުލީކުރި ކަމަށް ރިޕޯޓްކޮށްފައެވެ.

އަދި، 4،300 އަށް ވުރެ ގިނަ ޒުވާނުންގެ ސާވޭ ކުރެވުނު ސްކޮޓްލޭންޑްގައިވެސް 18 އިންސައްތަ މީހުންނަކީ ސައިބާ ބުލީ ކުރުން ތަޖުރިބާކޮށްފައިވާ މީހުންނެވެ.

ސައިބާ ބުލީންގެ ބާވަތްތަކާއި އެކަމުގެ ސަބަބުން ޒުވާނުންނާއި އާއިލާތަކަށާއި ސްކޫލްތައް މިހާރުން މިހާރަށް ވެސް ހޭލުންތެރުކުރުވުން މުހިންމު ކަމަށް ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ސައިބާ ބުލީކުރުމުގެ މައްސަލައަކީ ހަމައެކަނި ސްކޫލްތަކުން މަސައްކަތްކޮށްގެން ހައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި، ސަރުކާރުތަކުން ވެސް އެކަމަށް ހައްލު ގެންނަން މަސައްކަތްކުރަންޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް