ރ. އަތޮޅު ބެރިޔަންފަރުގައި އަޅަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނިންމެވި އެއާޕޯޓު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ބެރިޔަންފަރު ކައިރި އޮތް ފައިނަށް ބަދަލުކުރަން އިއްޔެ ނިންމަވައިފިއެވެ.
އެ މަނިކުފާނު މިފަަދައިން ނިންމެވީ އިއްޔެ ނެރުއްވި ގަރާރަކުންނެވެ.
ފައިނުގައި އެއާޕޯޓު އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތެކެވެ. އެ ސިޔާސަތާ އެއްގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކެމްޕޭން ތެރޭ މިދިޔަ އަހަރުގެ އޮގަސްޓު 30 ގައެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން މި ސަރުކާރުން ނިންމި އެއާޕޯޓު އެ އަތޮޅު ބެރިޔަންފަރުގައި އަޅަން ކުރީގެ ރައީސް ޞާލިހު ނިންމެވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.
ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އޭރުވަނީ އިއުލާންކޮށްފައެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވާ 23.6 މިލިއަން ޑޮލަރެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ކުރީ ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަން ގިނަ ރަށްތަކަށް ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ.