ޕީސީބީން މިނިވަންވުން މާނަކުރާގޮތް އެނގެން ބޭނުން: މިނިސްޓަރު

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް: ޕީސީބީން މިނިވަންވުން މާނަކުރާގޮތް އެނގެން ބޭނުންވާ ކަމަށް މިއަދުގެ އެސްއޯއީ ކޮމިޓީގައި މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބޭނުންވަނީ މިނިވަން ވާން ކަމަށާއި އެ ބޯޑުން މިނިވަން މާނަކުރާ ގޮތް އެނގެން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް ކޮމިޓީއަށް ވަނީ ފިނޭންސް މިނިސްޓަރު ޝަފީގާއި، ޕީސީބީ އަދި ޕޭ ކޮމިޝަން ހާޒިރު ކޮށްފައެވެ. މި ކޮމިޓީއަށް ޕީސީބީ ހާޒިރު ކުރީ ޕީސީބީން ކޮމިޓީއަށް 11 އޮކްޓޫބަރު 2023ގައި ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ. މި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ޕީސީބީގެ ގާނޫނު އިސްލާހު ކުރުން
  • ބަޖެޓު ވަކިކޮށްފައިވާ މުއައްސަސާއެއްކަން ޔަގީން ކޮށްދިނުން
  • މުއައްސަސާގެ ގާނޫނީ މެންޑޭޓާ އެއްގޮތަށް މަސައްކަތް ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ޕީސީބީގެ ޖަސްޓިފިކޭޝަނާ އެއްކޮށް ހަމަޖެއްސުން
  • އިދާރީ އޮފީސް ހިންގުމަށް އެކަށޭނަ ޖާގަ އޮންނަ އޮފީހެއް ހަމަޖައްސައި ދިނުން
  • މިނިސްޓްރީ އޮފް ފިނޭންސްގައި އޮންނަ ޕީސީބީގެ އިދާރާ ވަކިކޮށް ޕީސީބީގެ ތެރޭގައި ބޭއްވުން
  • އެކަށޭނަ އައިޓީ، އިންސާނީ ވަސީލަތްތައް އަދި ސާމާނު ޕީސީބީއަށް ލިބިގަތުން
  • މުސާރައިގެ ކަންކަން

މި ކޮމިޓީގައި ތިއްބެވި މަޖިލީސް މެމްބަރުން ވެސް ފާހަގަކުރީ ޕީސީބީއަކީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާއެއް ކަމަވެ. އަދި ޕީސީބީގެ މަސައްކަތްތައް ކުރަނީ ފިނޭންސް މިނިސްޓްރީގެ އެއްބާރުލުމާ އެކު ކަމަށް މިނިސްޓަރު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ޕީސީބީން އަބަދު ވެސް ބުނަމުން އައީ މިނިވަން މުއައްސަސާއަކަށް ވާން ބޭނުންވާ ވާހަކަ ކަމަށެވެ. ނަމަވެސް، ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒްއަކީ ވެސް ޕާޓީއެއްގެ މެމްބަރެއް ކަމަށާއި ނައިބު ރައީސްގެ ޝަރުތު ވެސް މިހާރު ވަނީ އުނިވެފައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީސީބީން ބޭނުން ވަނީ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަން ރައީސް ނޫން އެހެން ބޭފުޅަކު މަޖިލީހަށް ފޮނުވައި ފާސް ކުރަންތޯ ސުވާލު އުފައްދާފައެވެ. ނުވަތަ މިނިވަންވުން މާނަ ކުރަނީ، ވަކި އޮފީހަކަށް ގޮސް، ފިނޭންސް މިނިސްޓްރީގެ ކިބައިން ސަލާމަތްވުން ތޯ ވެސް ބޮންޑެ ވަނީ ސުވާލު އުފައްދާފައެވެ.

"ފެށުނީއްސުރެ ތިބޭފުޅުން ޕީސީބީގެ މި ޝަކުވާތަކެއް އެބަ އާދޭ. އަސްލު މީގެ ހައްލެއް ނުބުނޭ. އަޅުގަނޑުމެން މިނިވަން ވާން ބޭނުމޭ، ކިހިނެއްތޯ އޭ މިނިވަން ވަނީ، ވަރަށް ސާފުކޮށް ތިބޭފުޅުން މިނިވަން ވާނެ ގޮތެއް އަޅުގަނޑަށް ބުނެދޭންވީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވާހަކައާ ގުޅުވައި މިނިސްޓަރު ވިދާޅުވީ، ޕީސީބީން މިނިވަންކަން މާނަކުރާ ގޮތް އެނގެން އޭނާ ވެސް ބޭނުންވާ ކަމަށެވެ. އަދި ވަކި ބިލްޑިންގަކަށް ދިއުމުން އެ ބޭނުންވާ މިނިވަންކަން ލިބޭނެތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދާފައެވެ.

"މިސާލަކަށް ވަކި ބިލްޑިންއަކަށް ބަދަލުކުރާ ހިސާބުން ދެން ބޭނުންވާނެ ޔޫޓިލިޓީ ޚަރަދުތަކެއް ހުންނާނެ. އައިޓީ އިންފްރާންސްޓްރަކްޗާއެއް ގާއިމްކޮށްދޭން ޖެހޭނެ. ދެން ބޭނުންވާނީ ވަކި ޕްރޮކިއުމެންޓެއް. ވަކި އެޗްއާރެއް. އަނެއްކާ ބަދަލުވެގެން ދާނީ އިތުރު ޚަރަދުތަކަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހުރި ރިސޯސްތައް ހިއްސާކޮށްގެން އޭގެއިން އެންމެ ރަނގަޅު ފައިދާއެއް ނެގުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމައި އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން މެމްބަރު އެ ފާހަގަ ކުރި ކަންކަމަށް. އަޅުގަނޑު ބޭނުމޭ އިނގެން އެބޭފުޅުންގެ މިނިވަންކަން ލިބޭނީ ވަކި ބިލްޑިންއަކަށް ބަދަލު ވީމައިތޯ ނޫނީ ފީނޭންސްގެ ދަށުގައި އޮވެގެންތޯ،" މިނިސްޓާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީރާއަކީ ވެސް ފިނޭންސާ ވަރަށް ގާތުން މަސައްކަތް ކުރާ އިދާރާއެއް ކަމަށެވެ. ނަމަވެސް މީރާއަށް ނުފޫޒެއް ފޯރާކަމަށް ގަބޫލު ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން ވިދާޅުވީ، މިނިވަން މުއައްސަސާތަކާ މެދު އަބަދު ވެސް އަމަލު ކުރާ ގޮތަކީ ރައީސް ނަން ފޮނުވުމުން މެމްބަރުން އައްޔަން ކުރުން ކަމަށެވެ.

"ކޮންމެހެން އަޅުގަނޑުމެން އެ ލެވެލްއަކަށް މިނިވަން ވެގެން ކުރާކަށެއް ނޫނޭ މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ސިޓީއަކީ އޮކްޓޯބަރު މަހުގެ ތެރޭ އެބޯޑަށް ފާހަގަކުރެވުނު ގޮންޖެހުންތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ.

comment ކޮމެންޓް