ޣައްޒާއަށް ގެންދިޔަ އެހީގެ ސާމާނުތައް އަޅާލީ ކަނޑަށް، އެ ހޯދަން އެރުނު 12 މީހަކު މަރު

ވައިގެ މަގުން ޣައްޒާއަށް ފޯރުކޮށްދިން އެހީ ހޯދުމަށް އާންމުން ކަނޑަށް އެރެނީ -- ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައަށް ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ވައިގެ މަގުން ގެންދިޔަ އެހީގެ ސާމާނުތައް ކަނޑަށް އަޅައިލައިފިއެވެ.

އެއްގަމު މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން މުޅިންހެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ވައިގެމަގުން ފޯރުކޮށްދިން އެހީ ކަނޑަށް އަޅައިލައިލުމުން އެ ހޯދަން ކަނޑަށް އެރުނު މީހުންގެ ތެރެއިން 12 މީހަކު ގެބިގެން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

ރޮއިޓާސްއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ބެއިތް ލަހިޔާއާ ދިމާ ކަނޑަށް ވައިކުޑައިގައި އަޅަމުންދާ އެހީގެ ސާމާނު ހޯދުމަށް ގިނަ ބަޔަކު ދިޔައީ މެޑިޓެރޭނިއަން ކަނޑަށް އެރެމުންނެވެ.

ޣައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ ހޯދުމަށް މަސައްކަތްކުރި ބައެއް މީހުން މީގެ ކުރިން ވެސް ވަނީ މަރުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅާތީ، މުޅި ޣައްޒާ އޮތީ ބަނޑުހައިހޫނުކަންމަތީގައި -- ފޮޓޯ/ރޮއިޓާސް

"ކީއްވެ އިންސާނުންނަށް އެހީދޭ ގޮތަށް އަހަރެމެންނަށް އެހީ ފޯރުކޮށް ނުދެނީ. އަހަރެމެންނަށް ވެސް ފަސޭހަވާނެ ޣައްޒާއަށް ވަންނަ ހުރަސްތަކުން އެހީގެ ސާމާނުތައް ލިބެންޏާ. ނަމަވެސް ޔަހޫދީން އެހެންނެއް ނުހަދާ. އަހަރެންނަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ އެހީއަށް މިހާ ބޭނުންވެފައި ތިބި ބަޔަކަށްދޭ އެހީތަކެއް ކަނޑަށް އަޅާލުމުގެ މަޤްޞަދެއް،" ކަނޑަށް އެރުނު ޣައްޒާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސޮބެއިހް ބުންޏެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް ނޭޅުމަށް ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިސްރާއީލަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް އިސްރާއީލުން ބުނަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހުރަސް ނާޅާ ކަމަށާއި އެކަން ލަސް ވަނީ އދ.އިން އާންމުންނަށް އެހީ ފޯރުކޮށްދިނުން ލަސްވުމުން ކަމަށް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް