ކޮންމެ އަހަރެއްގެ ރޯދަމަހާ އެކު ދިވެހީންގެ އާންމު އާދަތަކަށް ބަދަލު އަންނާނެއެވެ. މިއިން ބައެއް އާދަތަކަކީ މިހާރު ރޯދަމަހަށް ވެސް ހާއްސަ ވެފައިވާ އާދަތަކެކެވެ. ނަމަވެސް މިއިން ބައެއް އާދަތަކަކީ މިހާރު ނެތިގެން ގޮސްފައިވާ އާދަތަކަކަށް ވެދާނެއެވެ.
ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތައް އާ ކޮށްލާއިރު އެންމެ ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް މަހަކީ ރޯދަމަހަށް ވާނެއެވެ. އެއީ، ރޯދަމަހުގައި ކަންތައްތައް ކުރާ ގޮތް ތަފާތުވުމުންނެވެ.
"ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށޭއިރު އެއް އުމުރު ހުރިހާ އެންމެން ތިބޭނީ ވަރަށް އުފާވެފައި. ރަށުގައި އުޅުންއިރު ރޯދަމަހު އެންމެ ހަނދާންވާ އެއް ކަމަކީ ރޭގަނޑު ހިރި ކުޅެން އުޅުނު ހަނދާން،" އުމުރުން 29 އަހަރުގެ ޒަޔާން އިބްރާހީމް ރޯދަ މަހުގެ ހަނދާން އާކޮށްލަމުން ކިޔައިދިނެވެ.
އޭނާ ފާހަގަކުރި ގޮތުގައި ކްލާސް އަދި އެކީގައި އުޅޭ އެންމެން ފުރަތަމަ ދަނީ ތަރާވީހު ނަމާދަށެވެ. އެއަށްފަހު ކައި ހަދައިގެން އެންމެން އެއް ތަނަކަށް އެއްވެ ހިރި، ޕަޗަސް ފަދަ ކުޅިވަރު ރޭގަނޑު ކުޅެނީއެވެ. އަދި، އެއްބައި ރޭރޭ ހާރު ކަންދެން ކުޅޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
މިއީ މިހާރު މީހުން ކުރާ ކަމެއް ހެނެއް އޭނާއަކަށް ހިޔެއް ނުވެއެވެ. ނަމަވެސް މިއީ ރޯދަމަހާ މެދު ވިސްނާއިރު އެންމެ މިސްވާ އެއް ކަންތައް ކަމުގައި އޭނާ ފާހަގަކުރިއެވެ.
ރޯދަމަހުގެ އާދަތަކުގެ ތެރެއިން ހަމައެކަނި ފާހަގަކޮށްލެވޭ ކަމަކީ ކުޅިވަރެއް ނޫނެވެ. ރޯދަ ވީއްލަން ހަދާ އެއްޗެހި ބަހައި އެކަކު އަނެކަކަށް ގެންގޮސްދިން ހަނދާނަކީ އެއް ބަޔަކު ވަރަށް މިސްވާ ކަމެކެވެ.
"ރަށުގަ އުޅުންއިރު ވަރަށް ހަނދާންވޭ ކައިރި ގެތަކަށް ރޯދަ ވީއްލަން ހަދާ އެއްޗެހި ގެންގޮސްދޭ ހަނދާން. އަދި ހަމަ އެހެން ގެތަކުން ވެސް ހަމަ ގެނެސްދޭނެ. ވަރަށް ހިތްހަމަ ޖެހުނު ކަމެއް އެއީ،" އުމުރުން 55 އަހަރު މަރިޔަމް އާބިދާ ކިޔައިދިނެވެ.
މިއީ އަވަށްޓެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ދައްކައިދިން ކަމެއް ކަމުގައި އާބިދާ ފާހަގަކުރިއެވެ. މިއީ ހަމަ ކޮންމެ ރޯދަ މަހެއްގެ ކޮންމެ ދުވަހެއްގެ ހެން ފާހަގަކޮށްލެވޭ އާދައެއް ކަމުގައި އޭނާ ބުނެއެވެ. ނަމަވެސް މާލެ ބަދަލުވި ފަހުން މިއީ ނުފެންނަ އާދައެއް ކަމަށާއި އެކަން ވަރަށް މިސްވާ ކަމަށް އާބިދާ ބުންޏެވެ.
މި ނޫން ވެސް ބައެއް އާދަތައް މިހާރު ނެތިގެން ގޮސް ހުރެދާނެއެވެ. އެއިން އެންމެ މިސްވާ އާދައަކީ ކޮބާ ހެއްޔެވެ؟