ހުޅުމާލެ ދެވަނަ ފިޔަވަހިން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ އަކްރަމް ---

ހުޅުމާލޭ ދެވަނަ ފިޔަވަހިން ޒުވާން ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމަށް މިރޭ ފުލުހުން އިއުލާންކޮށްފިއެވެ.

ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ޚަބަރެއް ނުވެގެން އަކްރަމް ގެއްލިގެން ރިޕޯޓްކުރީ އިއްޔެ 19:22 ހާއިރު ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަކްރަމްގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޭނާ ދިރިއުޅޭ އެޗް 15 ޓަވަރުން ހޮނިހިރު ދުވަހުގެ 13:15 ހާއިރުކަމަށެވެ.

ފުލުހުންވަނީ އޭނާގެ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާ ވީތަނެއް އެނގޭ މީހަކު ހުރިނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ.

އެގޮތުން ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީ ޕޮލިސް ސްޓޭޝަން ނަންބަރު 3035336އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރާ މައްސަލަތައް ދޭތެރެއަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ. އާންމު ގޮތެއްގައި މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރާތާ މާގިނައިރެއްނުވެ އެ މީހަކު އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް