އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން ކަންތައް ކުރި ގޮތަށް ތާއީދުކުރެއްވި ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު އިސްރާއީލަށް ގެއްލެމުންދާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އެގޮތަށް ވާހަކަފުޅު ދައްކަވައިފައި ވަނީ އިސްރާއީލުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ފަށައިފައިވާ ހަނގުރާމަ ހުއްޓައިލާނީ ހަމާސް ނައްތާލައި، ހަމާސްއިން ރަހީނުކޮށްފައިވާ އެ ގައުމުގެ އަސީރުން މިނިވަންކުރުމުން ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުންދާ އަންނަ ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމު މަގުން އަރައިގަނެ ހަމަލާދޭން އިސްރާއީލުން ތައްޔާރުވަމުން އަންނައިރު، އެކަމާގުޅިގެން އެމެރިކާއާ ދެމެދެ ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.
ރަފަހްއަށް އަރައިގަތުމަތީ ގޯހެއް ކަމަށް އެމެރިކާއިން ބުނެއެވެ.
އެ ޚިޔާލު ތަފާތުވުންތަކާއެކު އިސްރާއީލުގެ ރަހީނުން ދޫކޮށްލުމަށް ޝަރުތު ނުކޮށް އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރު އެމެރިކާއިން ވީޓޯ ނުކުރުމުން އިސްރާއީލުގެ ވަފުދު އެމެރިކާއަށް ނުފޮނުވުމަށް އިސްރާއީލުން ވަނީ ނިންމައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސަލާމަތަށް ޓަކައި އެ ގައުމުން ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން ހުރަސް އަޅަމުންދާ ކަމަަށާއި، އަދި އެ ގައުމުގެ އަސީރުންގެ ގޮތުގައި ރައްޔިތުން މިނިވަން ކުރުމަށް ވެސް އެމެރިކާގެ މި ނިންމުމާ ގުޅިގެން ހުރަސް އެޅޭ ކަމަށެވެ.