މައޭމީ އޯޕަންގެ ހަތަރުވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދައިފި

މައޭމީ އޯޕަންގެ ހަތަރު ވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދާފައިވަނީ މާބޮޑު އުނދަގުލަކާނުލައި / ފޮޓޯ: ޑެއިލީ އެކްސްޕްރެސް

މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ހަތަރުވަނަ ބުރުން މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން މެޑްވެޑޭވް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުގައި މެޑްވެޑޭވް ވާދަކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނުވިލާތުގެ ޑޮމިނިކް ކޮއެފާ އާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ކޮއެފާ ޖާގަހޯދީ ތިންވަނަ ބުރުގައި މިމުބާރާތުގައި 14 ވަނައަށް ސީޑު ކޮށްފައިވާ ފަރަންސޭސިވިލާތުގެ އޫގޯ ހަމްބާޓްއާ ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ތިނެއް ހަޔަކުން ހަމްބާޓް ކާމިޔާބު ކުރިއިރު ޖެހިގެން އައި ދެސެޓު ކޮއެފާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ފަންސަވީސް ވަނައަށް ސީޑު ކޮށްފައިވާ ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯ ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކުރި ސިނާއެވެ. މިމެޗު ސިނާ ކާމިޔާބު ކޮށްފައިވަނީ ގްރީކްސްޕޯ ފުރަތަމަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ފަހު ދެސެޓު ހައެއް ފަހެއް އަދި ހައެއް އެކަކުން ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ސިނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ކްރިސްޓޮފާ އޯ ކޯނެލް އާއެވެ. އޯ ކޯނެލް ހަތަރުވަނަ ބުރުން ޖާގަހޯދީ އެމެރިކާގެ މާޓިން ޑޭމް ޖޫނިއާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހަތެއް ހައެއް އަދި ހަތެއް ހަޔަކުންނެވެ.

comment ކޮމެންޓް