މައޭމީ އޯޕަންގެ ސެމީފައިނަލުން ސިނާ ޖާގަ ހޯދައިފި

ސިނާ އަންނަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން -- ފޮޓޯ/ ފްލޭޝްސްކޯ ޑޮޓް ކޮމް

މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީފައިނަލުން މި މުބާރާތުގައި ދެވަނައަށް ސީޑްކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ ބުރުން ސިނާ ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޓޯމަސް މަޗަކްއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މާސްޓާސް ޓެނިސް މުބާރާތެއްގެ ކުއާޓާ ފައިނަލަކުން ފުރަތަމަ ފަހަރަށް ޖާގަހޯދި މަޗަކް މިހާހިސާބަށް އައިސްފައިވަނީ އިނގިރޭސިވިލާތުގެ އެންޑީ މަރީއާއި ރަޝިއާގެ އަންޑްރޭ ރުބްލޭވް ފަދަ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ބަލިކުރުމަށް ފަހުއެވެ. ނަމަވެސް މި މެޗުގައި ސިނާ ފެނިގެންދިޔައީ މަޗަކްއަށް ހިފަހައްޓައިލެވޭ ވަރަށް ވުރެ މާ ކުޅުން ރަނގަޅު ކޮށެވެ.

ފުރަތަމަ ސެޓު ސިނާ 6-4އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު އޭނާ ކާމިޔާބުކޮށްފައިވަނީ 6-2 އިންނެވެ. މި ސީޒަން ސިނާއަށް މިހާތަނަށް ފެންނަމުންދަނީ ވަރަށް ކާމިޔާބު ސީޒަނެއްގެ ގޮތުގައެވެ. މިގޮތުން އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް އޮސްޓްރޭލިއަން އޯޕަންއާ އެކު ކާމިޔާބުކުރެވިފައިވާއިރު މި ސީޒަންގައި މިހާތަނަށް އޭނާ ބަލިވެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ، ނިމިގެންދިޔަ އިންޑިއަން ވެލްސް މުބާރާތުގެ ސެމީފައިނަލްގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އަތުންނެވެ.

މި މުބާރާތުގެ ސެމީފައިނަލްގައި ސިނާ ބައްދަލުކުރާނީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ވާދަކުރި ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ މައޭމީ އޯޕަންގެ ފައިނަލްގައި ވާދަކޮށްފައިވަނީ ވެސް މި ދެ ކުޅުންތެރިންނެވެ. އެ މެޗު ކާމިޔާބުކޮށް ތަށި އުފުލައިލާފައިވަނީ މެޑްވެޑޭވްއެވެ.

މި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ މެޑްވެޑޭވް ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގައި ޗިލީގެ ނިކޮލަސް ޖެރީއާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން މެޑްވެޑޭވް ކާމިޔާބުކުރިއިރު ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް 9-7އިން ކަމިޔާބުކުރީ މެޑްވެޑޭވްއެވެ.

comment ކޮމެންޓް