ބީއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ: އެސޯސިއޭޝަންގެ ރައީސާ ގުޅުންހުރި ތަންތަން ބަލަނީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ---

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ބައެއް ތަންތަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ ބީއޭއެމްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، ނާޝިދާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަނީ ކޯޓު އަމުރު ހޯދައިގެން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އެ ކޮމިޝަނުން ނުދެއެވެ.

ބީއޭއެމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އޭސިސީން އެ އެސޯސިއޭޝަނަށް ވަދެފައިވެއެވެ.

އޭރު އޭސީސީން ބުނީ ބީއޭއެމްއަށް ރައްދުވާގޮތަށް ކޮރަޕްޝަނާ ގުޅުންހުރި ގިނަ ތުހުމަތުތަކެއް ހުރި ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ލިޔެކިޔުމާއި މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަހުގީގު ޓީމެއް އެ އެސޯސިއޭޝަނުގައި ޙަރަކާތްތެރިވީ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ބީއޭއެމްގެ މައްސަލަތަކެއް ބަލާއިރު، ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ތަހުގީގުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރަން ވެސް ވަނީ ފޮނުވައިފައެވެ.

comment ކޮމެންޓް