ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުންދިން ބަޔަކު ހޯދަނީ

ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދިނުން -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެކި ކަންކަމަށް އިރުޝާދު ދީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުން ދިން ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސަލްޓަން ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މި ކަން ހިނގީ ރޭގެ ތަރާވީސް ވަގުތާ ދިމާކޮށް ސެކިއުރިޓީ ވެސް ނެތް ވަގުތުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކުގެ ބޯޑުތަކަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވެނީ ގާތްގަނޑަކަށް 18 އަހަރުގެ ހަތަރު ވަރަކަށް ކުދިންނަށެވެ.

"އެ ކުދިން ރުޅި އަންނަނީ. 12 އަހަރުން މަތީގެ ކުދިންނަކަށް ނޭރޭނެ ނެޓަކަށް. އެހެން ނޫނަސް ދެނަމާދު ދޭތެރޭގައި އެކުދިން އެތަނަށްދާ ކަމަށްވޭ،" ޝަތުފާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަލްޓަން ޕާކުގައި ކުޑަކުދިން ކުޅެން ހަރުކޮށްފައި ހުންނަ ނެޓަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވޭ ކުދިން އެރިޔަނުދޭން ސެކިއުރިޓީން މަސައްކަތް ކުރުމުން، ސެކިއުރިޓީއާ ދިމާލަށް ހަޅޭއްލަވައި ހަދާފައިވާ ކަމަށެވެ.

ރޭ ފުލުހުން އައިސް އެތަން ބަލާފައިވާ ކަމަށާއި، ޕާކުގައި ހުރި ބޯޑުތަކަށް ގެއްލުންދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް