ރޯދައިން ދަސްކޮށްދެނީ އިހުސާސްތަކުގައި ބައިވެރިވެ ފަގީރުންނަށް އެހީވާން: ޚުތުބާ

އިސްލާމީ މަރުކަޒު: މިއަދުގެ ޚުތުބާގައި ވަނީ ރޯދައިގެ މާތްކަމަށް އަލިއަޅުވައިލާފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރޯދައިން ދަސްކޮށްދެނީ އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ، އެންމެ ހެޔޮ މީހަކީ، ބަނޑުހައި ހޫނުކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުޅަދާނަވީ ވަރަކުން އެހީފޯރުކޮށްދީ، އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށެވެ.

ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންކަން މިއަދުގެ ޚުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ. އެގޮތުން ބޮޑެތި ފާފަތަކުން ދުރުހެލި ވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. މިކަމާ ގުޅިގެން ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ،

"ދޮގު ހެދުމާއި އެފަދަ އަމަލުތައް ދޫކޮށް ނުލިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ކެއިނމް ބުއިން ދޫކޮށްލައިގެން ހުރުން އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ،"

ރޯދައަކީ މުސްލިމުންގެ އަޚުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ. އެގޮތުން، ރޯދަވެރިޔާގެ އަޚުލާގު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނޭ ކަމަށާއި އޭރުން ވާހުށީ ގިޔާމަތް ދުވަހުން މި ދުނިޔޭގައި ކުޅަ ކަންތައްތަކަށް ހިތާމަ ކުރާނޭ މީހެއް ކަމުގައި ކަމަށް ޚުތުބާގައި ބުންޏެވެ.

"ވީމާ ހަގީގީ މާނައިގައި ރޯދަ ހިފާ މީހާ ދެބައޮޑުވުމާއި، ނެތިމޮށުމާއި، އާޑަފުރައްސާރަކުރުން ފަދަ އަމަލުތަކުން ދުރުވާން ޖެހޭނެއެވެ،" ޚުތުބާގައި ބުންޏެވެ.

ރޯދައިގެ އަޅުކަމުގައި ރޫހާނީ، އިޖުތިމާއި އަދި ސިއްހީ ގިނަގުނަ ފައިދާތަކެއް ވާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، ރޯދަ އަހަރެމެންނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށެވެ. އެގޮތުން ކެތްތެރިކަމަކީ ރޯދައިގެ ދެބައިކުޅައެއްބައި ކަމަށް ޚުތުބާގައި ބުންޏެވެ.

މިފަދަ ފަހި ފުރުސަތެއް ދެވަނަ ފަހަރަށް ނުލިބިދާނެކަމަށް ބަލައި، މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެނައުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ. އެގޮތުން ރޯދަމަހުގެ ސަވާބު ހެޔޮގޮތުގައި ލިބޭނީ، ރަސޫލާ ރޯދަމަހު އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށް ޚުތުބާގައި ބުންޏެވެ.

"ފަރްޟު ފަސް ނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާ ރޭގަނޑުގެ ވަގުތުގައި މާތް ﷲ ރުއްސަވާ ގޮތުގެ މަތިން ހޭދަކުރާ ބަޔަކަށް ވާށެވެ!،" ޚުތުބާގައި ބުނީ ތަރާވީހު ނަމާދާއި ރޭއަޅުކަން ކޮށް، ކީރިތި ގުރުއާން ގިނަގިނައިން ތިލާވަތު ކުރުމަކީ ހިތްތަކަސް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް