ދުނިޔޭގެ ޓްރެވަލް އެވޯޑުގެ 9 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓުވެއްޖެ

ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގެ ނުވަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓުވެފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން މިއަދު ބުނެފިއެވެ.

ދުނިޔޭގެ ޓްރެވަލް އެވޯޑަކީ 1993ވަނަ އަހަރު ދޭން ފެށި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފަންތީގެ އެއް އެވޯޑެވެ. މިއީ މި ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގައި ރާއްޖެ ނޮމިނޭޓުވެފައިވާ ދާއިރާތަކަކީ:

  1. ލީޑިން ޑެސްޓިނޭޝަން
  2. ލީޑިން ބީޗު ޑެސްޓިނޭޝަން
  3. ލީޑިން ޑައިވް ޑެސްޓިނޭޝަން
  4. ލީޑިން ގްރީން ޑެސްޓިނޭޝަން
  5. ލީޑިން ހަނީމޫން ޑެސްޓިނޭޝަން
  6. ލީޑިން ޓޫރިސްޓް ބޯޑު
  7. ލީޑިން އެޑްވަންޗާ ޓޫރިޒަމް
  8. ލީޑިން ކްރޫޒް ޑެެސްޓިނޭޝަން
  9. ލީޑިން ވެޑިން ޑެސްޓިނޭޝަން

އެމްއެމްޕީއާރްސީން ބުނީ މި ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިންނަށް ރާއްޖެއިން ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ޓަކައި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ކުރާ މަސައްކަތް ހާމަވާ ކަމެއްކަމަށް ވެސް ބުންޏެވެ.

މި ކެޓަގަރީތަކުން ރާއްޖެ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން އަންނަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ.

comment ކޮމެންޓް