ޣައްޒާގެ ރައްޔިތުން މިހާރު ކަނީ ޖަނަވަރުންކާ ތަކެއްޗާއި ފަތްޕިލާވެލި: އދ.

ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގެ ވޭނުގައި ކާބޯތަކެއްޗަށް ސަލާމްޖަހައި އާދޭސް ކުރަނީ

ޣައްޒާ (20 މާޗް 2024): ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅާ ކަމަށާއި ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ނުލިބިގެން މިހާރުކަނީ ޖަނަވަރުންކާ ތަކެތި ކަމަށާއި އިސްރާއީލުގެ މި އަމަލަކީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއްކަމަށް އދ.އިން ސިފަކޮށްފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވިގޮތުގައި ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް އިސްރާއީލު ގެންދަނީ ފާޅުގައި ހުރަސްއަޅަމުންނެވެ. އެއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކާބެހޭ އދ.ގެ ކައުންސިލުންވަނީ މިކަމާ ބެހޭގޮތުން ރިޕޯޓެއްވެސް ތައްޔާރުކޮށްފައެވެ. ތުރްކު ވިދާޅުވިގޮތުގައި މިރިޕޯޓްގައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމަށް އިސްރާއިލު ހުރަސް އަޅަމުންދާ ގޮތާއި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއިލުން ހަމަލާތައްދޭ ގޮތާއި ހަނގުރާމައިގެ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމުކޮށް ހައިހޫނު ކަމުގައި ބައިތިއްބައިގެން ހައިހޫނުކަމަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހަދައިގެން އިސްރާއީލު އުޅޭ އުޅުން ފާހަގަކޮށްފައިވާނެއެވެ.

އަދި ހައިހޫނުކަމުން ސަލާމަތްވުމަށްޓަކައި ޣައްޒާގެ ރައްޔިތުން ޖަނަވަރުންކާ ތަކެއްޗާއި ފަތްޕިލާވެލިވެސް ކަމުންގެންދާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ފޮލްކަރ ވިދާޅުވިއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުން މަނާކޮށް އެކަމަށް ހުރަސްއެޅުމަށް އިސްރާއީލުން ކުރާ މަސައްކަތް ކުށްވެރިކޮށް ބައިނަލްއަޤުވާމީ އެހެން ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންވެސްވަނީ ބަޔާންތަކާއި ރިޕޯޓްތައް ނެރެފައެވެ. ނަމަވެސް އިސްރާއީލުގެ ހިމާޔަތުގައި އެމެރިކާ އޮތުމުން މިމައްސަލާގައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅޭނެގޮތެއް ނެތެވެ.

ފޮލްކަރ ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުން އަޅުވެތިކޮށް އިސްރާއީލު ސިފައިން ޣައްޒާއަށް އަރައިގަނެގެން އުޅޭއިރު ޣައްޒާގެ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން އިސްރާއީލަށް ކުރުން ލާޒިމުކަމެކެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަމަލާދީ ކޮންމެ ދުވަހަކު ސަތޭކައަށްވުރެ ގިނަ އާންމުން ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލައެވެ. މީގެއިތުރުން އިސްރާއީލު ގެންގުޅޭ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތުގެ ސަބަބުން ޣައްޒާގެ 50އަށް ވުރެ ގިނަމީހުންވަނީ ބަނޑަށް މަރުވެފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އިންސާނީ ހައްގުތަކާބެހޭ އދގެ ކައުންސިލްގެ ތަރުޖަމާނު ޔެންސް ލެއާކް ވިދާޅުވިގޮތުގައި ޣައްޒާގެ ބައެއް ސަރަހައްދުތަކުން ކާބޯތަކެތި ހުސްވެގެން އެސަރަހައްދުތަކުގެ މީހުން ކެއުމަށް މިހާރު ބޭނުން ކުރަނީ ދޫނިސޫފާސޫފި ކެއުމަށް ބޭނުން ކުރާ ގަސްގަހާއި މާމެލާމެލީގެ އޮށް ފަދަ ތަކެއްޗެވެ.

މީގެއިތުރުން ޖަނަވާރުންގެ ކާނާގެ ގޮތުގައި ބޭނުން ކުރާ ބައެއް ތަކެއްޗާއި ފަތްޕިލާވެލިވެސް ކާނާގެ ގޮތުގައި ޣައްޒާގެ އާންމުން ބޭނުންކުރާ ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ހުރި ލަދެއްކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް