ވަރަށް ހޫނު ދުވަސްކޮޅެއް، ސަންސްކްރީން ކޮބާ؟

ކޮރިއަން ބްރޭންޑް ހަރުހަރު ވޮންޑާ ލައިންގެ މިނަރަލް ސަންސްކްރީން : މިނަރަލް ސަންސްކްރީނަކީ ނާޒުކު ހަންގަނޑަށް ރަނގަޅު ސަންސްކްރީނެއް

މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ވަރަށް ހޫނު ގަދަ ދުވަސްކޮޅެކެވެ. އަލްޓްރާވައިލެޓް (ޔޫވީ) އިންޑެކްސްގެ މިންތަކުން އެކްސްޓްރީމްގައި ރާއްޖެ ހުރިއިރު އަމިއްލަ ރައްކާތެރިކަމަށް އިސްކަމެއް ދިނުން ވަރަށް މުހިއްމެވެ. އެއާއެކު މި ދުވަސްކޮޅުގެ އެންމެ ގާތް އެކުވެރިޔަކީ ސަންސްކްރީން ކަމުގައި ހަދަން ރަނގަޅެވެ.

ރޯދަ މަހަކީ ދިވެހީންނަށް ހާއްސަކޮށް ބިޒީވާ މަހެކެވެ. ކުރަންޖެހޭ ކަންތައްތައް ގިނަވާއިރު ވަރަށް ގިނަ ވަގުތު ބޭރުގައި ވެސް އުޅެން ޖެހޭ މަހެކެވެ. އެއާއެކު ބޭރަށް ނުކުންނަ ކޮންމެ ވަގުތަކު އަވީގައި ޖެހެއެވެ.

ރާއްޖޭގެ ހޫނު މިން ރިކޯޑު މިންވަރަކަށް މަތީގައި އުޅޭއިރު ޔޫވީ ދޯދި ވެސް ހުރީ ރެކޯޑު އަދަދަކަށް މަތީގައެވެ. މި ދޯދިތައް ގިނައިން ޖެހޭ މިންވަރަކަށް އިންސާނާގެ ހަންގަނޑަށް ކުރާ ނުރައްކާތެރި އަސަރުތައް އިތުރުވެގެންދާނެއެވެ. އަދި ޔޫވީ އިންޑެކްސްގެ މިންވަރު މަތިވި ވަރަކަށް އެ ގެއްލުންތައް ކުރާ މިންވަރު އަވަސް ވެގެން ދާނެއެވެ.

ސަންސްކްރީން އަޅައިގެން ބޭރަށް ގޮސް ނަގާފައިވާ ފޮޓޯ އެއް (ކ) އަދި ސަންސްކްރީން ބޭނުން ނުކޮށް ބޭރުގައި އުޅުމަށްފަހު ގެއަށް އައިސް ނަގާފައިވާ ފޮޓޯއެއް (ވ)

މެންދުރު ގަޑީގައި މާލޭގެ ޔޫވީ އިންޑެކްސް އުޅެނީ 10 އަކަށް ވުރެ މަތީގައެވެ. މިއީ އިންޑެކްސްގެ އެންމެ މަތީ ނަންބަރުތަކުގެ ތެރޭގައި ހިމެނޭ އަދަދެކެވެ. އެއާއެކު ހަމުގެ ރައްކާތެރި ކަމަކީ ސީރިއަސް ވާންޖެހޭ ކަމެކެވެ.

އެމެރިކާގެ ބޯޑް ސަޓިފައިޑް ޑާމިޓޯލަޖިސްޓެއް ކަމަށްވާ އެންޑްރިއާ ސުއަރޭޒް ކިޔައިދޭ ގޮތުގައި ޔޫވީ އިންޑެކްސް މަތިވާ މިންވަރަކަށް މީހާގެ ހަންގަނޑު އެނދުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

އަދި، އިންޑެކްސް މަތިވުމުން ހަންގަނޑު އަނދާ މިންވަރު ވެސް އަވަސް ވެގެންދާ ކަމަށް އޭނާ ފާހަގަކުރެއެވެ. ނަމަވެސް އިތުރު ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ހަމުގެ ކެންސަރު ފަދަ ބަލިތަކަކީ ގިނަ މުއްދަތަކަށް އިރުގެ އަތްވަށް ނުކުމެ އުޅުމުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމުގައި އޭނާ ފާހަގަކުރެއެވެ.

މިކަމަށް އެންމެ ރަނގަޅު ހައްލަކީ ސަންސްކްރީނެވެ. ސަންސްކްރީން ވެސް ދެ ގޮތަކަށް ހުރެއެވެ. އެއީ ހަށިގަނޑާއި މޫނަށް ބޭނުންކުރުމަށް ފޯމިއުލޭޓް ކޮށްފައިވާ ސަންސްކްރީނެވެ. ހަށިގަނޑަށް ތައްޔާރުކޮށްފައިވާ ސަންސްކްރީނަށް ވުރެ ބޮޑަށް މުހިއްމު ވަނީ މޫނަށް ތައްޔާރުކޮށްފައިވާ ސަންސްކްރީނެވެ. އެއީ، ލައިގެން އުޅޭ އެއްޗެހީން ހަށިގަނޑުގެ ބޮޑު ބައެއް އާންމުގޮތެއްގައި ފޮރުވިފައި ހުންނާނެތީއެވެ.

ސަންސްކްރީން ބޭނުން ކުރާއިރު ހެނދުނުގެ ރޫޓީންއަށް ސަންސްކްރީން ބޭނުން ކުރެވޭނެއެވެ. ގެއިން ނިކުތުމުގެ ކުރީން މޮއިސްޗަރައިޒާއަށް ފަހު ސަންސްކްރީން ބޭނުން ކުރުން މުހިއްމެވެ. ނަމަވެސް ސަންސްކްރީން ބޭނުން ކުރުމުގައި ބަލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ރާއްޖޭގެ ހޫނުމިނަށް ބަލާއިރު އެ ސަންސްކްރީން އަކީ އެންމެ މަދުވެގެން "އެސްޕީއެފް 50+" ސަންސްކްރީން އަކަށް ވާން ޖެހޭނެއެވެ. ހަމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 50+ އަށް ވުރެ މަތީ ނަންބަރު ކިޔައިދޭ ސަންސްކްރީނެއް ހިޔާރުކުރުން ރަނގަޅެވެ.

ސަން ސްކްރީން --

މޫނަށް ގެންގުޅޭ ސަންސްކްރީން ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ ކެމިކަލް ސަންސްކްރީންއާއި މިނަރަލް ސަންސްކްރީނެވެ. ކެމިކަލް ސަންސްކްރީން މަސަައްކަތްކުރާ ގޮތަކީ މޫނަށް އަންނަ ޔޫވީގެ ދޯދިތައް ދަމައިގަނެ އެ ޑީއެކްޓިވޭޓް ކޮށްލައިގެންނެވެ. ކެމިކަލް ރިއެކްޝަނެއް އުފައްދައި، ހީޓަށް މި ބަދަލުކޮށް ހަށިގަނޑުން ޔޫވީ ރޭ ބޭރުކޮށްލައެވެ. އެއާ ހިލާފަށް މިނަރަލް ސަންސްކްރީން މަސައްކަތްކުރަނީ ލޯގަނޑެއްގެ ގޮތުގައެވެ. މޫނަށް އެއްވެސް ކަހަލަ ދޯދިއެއް އެތެރެ ވިޔަ ނުދީއެވެ.

ހަންގަނޑު ނާޒުކު މީހުންނަށް މިނަރަލް ސަންސްކްރީންއަކީ އެންމެ އެކަށީގެންވާ އުފެއްދުމެވެ. އަދި، މިނަރަލް ސަންސްކްރީން އެޅުމަށް ފަހު ވަގުތުން ބޭރަށް ނުކުމެވޭނެއެވެ. އެއާ ހިލާފަށް ކެމިކަލް ސަންސްކްރީން ހޭކުމަށްފަހު އެންމެ މަދުވެގެން 10 މިނެޓު ވަންދެއް އަތްވަށް ނުނިކުމެ މަޑުކޮށްލަން ޖެހޭނެއެވެ.

ނަމަވެސް މިނަރަލް ސަންސްކްރީން އަކީ ތަތްކޮށް ފޯމިއުލޭޓް ކުރަންޖެހޭ އެއްޗަކަށްވެފައި ކޮންމެވެސް ވަރަކަށް މޫނަށް ހުދުކުލައިގެ ލޭޔަރެއް އެޅޭ އެއްޗެކެވެ. އެއާ ހިލާފަށް ކެމިކަލް ސަންސްކްރީންތަކަކީ ދިޔާކޮށް ފޯމިއުލޭޓްކޮށް ހަންގަނޑުގެ ތެރެއަށް ރަނގަޅަށް ވަންނަ އެއްޗެކެވެ. އެހެންވީމާ ކޮންމެ ކުލައެއްގެ މޫނަކަށް ވެސް މިފަދަ ސަންސްކްރީން ގުޅޭނެއެވެ.

comment ކޮމެންޓް