ކ.ކާށިދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ތިން ދޯނީގެ ތެރެއިން ދެ ދޯންޏަށް އަށް ލައްކައަށް ވުރެ ބޮޑުގެ ގެއްލުމެއް ލިބުނު ކަމަށް އެ ދޯނިތަކުގެ ވެރިން މިއަދު ބުނެފިއެވެ.
ރޭ ދަންވަރު 12:30 ހާއިރު މި ހާދިސާ ހިނގައިފައަ ވަނީ އެއްމަށް އެހެލާފަ ހުރި ދޯނިތަކެއްގައި ކަމަށް ކާށިދޫ ކައުންސިލްގެ ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި އަނދައިހުލިވި ދޯންޏެއްގެ ވެރިފަރާތުން މިއަދު 'ސަން'އަށް ބުނީ އޭނާގެ ދޯނި މަރާމާތު ކުރުމަށް އެހެލާފައި އޮންނަތާ ދެ ތިން އަހަރު ވެދާނެ ކަމަށެވެ.
އެގޮތުން ދޯނި އެހެލުމަށް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަނުވާތީ އެ މަސައްކަތް ނުކުރެވިފައި ހުއްޓާ ދޯނި އެ ތަނުން ނެގުމަށް ކައުންސިލުން އެންގި ކަމަށް އޭނާ ކިޔައދިނެވެ.
"އެ މީހުން [ކައުންސިލުން] ބުނީމަ ބުނެފައި އިންނާނީ ކުރިއަށް އޮތް ހަތަރު މަސް ތެރޭ ދޯނީގެ މަސައްކަތް އަމަލީ ގޮތުން ފަށާނަމޭ،" އޭނާ ބުންޏެވެ.
ނަމަވެސް އޮޑިހަރުގެއިން އޭނާ ދޯނި ނަގާނީ މަރާމާތު ކުރުމަށްފަހު ކަމަށް ކައުސިލުގައި ބުނި ކަމަށާއި މުޅި ޖުމްލަ ދޯނި މަރާމާތު ކުރުމަށް އަށް ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
"އެ މައްސަލައިގައި ރިޕޯޓް ކުރަން ޖެހޭ ބަޔަކު ރިޕޯޓްކުރަން ވިޔަސް އަދި މައްސަލައިގެ މައްސަލަ ޖައްސަން ޖެހޭ ފަރާތްތަކުގެ މައްސަލަ ޖައްސަން އަޅުގަނޑު ނިކުންނާންނަން،" އޭނާ ބުންޏެވެ.
ދޯނީގައި ރޯވި ސަބަބާއި ގުޅިގެން ސުވާލު ކުރުމުން އޭނާ ބުނީ އޭނާގެ ދޯންޏަށް ޕެޓްރޯލް އުކަފައި ހުރި ކަން އެނގޭ ކަމަށާއި ބަޔަކު ރާވައިގެން ރޯކޮށްލީ ކަމަށެވެ.
މީގެއިތުރުން، އަލިފާން ރޯވި ގަޑީގައި ހުޅު ނިއްވަން މަސައްކަތް ކުރިނަމަ ދޯނިތައް ސަލާމަތް ކުރެވުނީސް ކަން އޭނާ ފާހަގަކުރިއެވެ.
ކާށީދޫގެ ގިނަ ރައްޔިތުން ސިފަކުރާ ގޮތުގައި މި ތަނަކީ މަސްތުވާތަކެތި ބޭނުން ކުރާ ފާރާތްތަކުގެ އައްޑާއެކެވެ. އެހެންވެ، މި ތަން އަނދާ ހުލިވުމަކީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ދެރައަކަށް ވާނެކަމަށް އެ ރަށު މީހުން ގަބޫލުކުރެއެވެ.
މި ހާދިސާގައި އިތުރަށް ގެއްލުންވި ދޯންޏެއްގެ ވެރިފަރާތް ކަމަށްވާ މުހައްމަދު މަހުފޫޒު ބުނީ އެ ދޯންޏަކީ އޭނާގެ ބައްޕަ އެނާއަށް ދީފައިވާ ދޯންޏެއް ކަމަށެވެ. ނަމަވެސް ބައެއް މަރާމާތު ކުރުމަށް އެހަލާފަ ހުއްޓާ މި ކަން ކޮށްފަވަނީ ބަޔަކު ރާވާއިގެން ކަމަށް މަހުފޫޒު ވެސް ބުނެއެވެ.
"ދޯނި އެއްގަމަށް އެރުވީ ފައިބަރު ޖަހަންވެގެން. ދޯނީގަ އިންނާނީ ގްރޭންޑަރު ވެސް އަޅާފަ. އެއްގަމުގައި އޮންނަތާ ދެ އަހަރެއްވަރު ވެދާނެ. މަހުފޫޒު ކިޔައިދިނެވެ.
އެއާއެކު، މަހުފޫޒު ބުނާ ގޮތުން އޭނާގެ ދޯންޏަކީ 85،000 ރުފިޔާ ދީފައި ގަނެގެން ގެނަސް އޮތް ދޯންޏަކަށް ވެފައި އެ ދޯނި އެހެލިއިރު ހަމަ ރަނގަޅު ދޯންޏެއް ކަމަށެވެ.
"ބައްޕަގެ މުދަލެއް ގޮތުގައި އޮތް އިރުވެސް އެ ދޯންޏަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރީ އަޅުގަނޑު. އެހެންވީމަ އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރަން ހުންނާނީ އަޅުގަނޑެއް ނޫންތޯ،" މަހުފޫޒު ބުންޏެވެ.
މި ހާދިސާގައި އިތުރަށް ހަލާކުވި ދޯންޏާ ހަވާލުވާނެ ވެރިފަރާތެއް ނެތް ކަމަށް ކައުސިލުން މައުލޫމާތު ދީފައިވާތީ އެ ދޯނީގެ މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.
މި ހާދިސާގައި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ޓީމެއް ރޭގެ ވަގުތެއްގައި އެ ރަށަށް ގޮސް ހަރަކާތްތެރިވެފައިވެއެވެ.