ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެ މަސައްކަތް ފެށުމަށް ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު ފަށައިގަންނަނީ ފެސިލިޓީގެ ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް އޮތް 20 ވަރަކަށް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށާއި އަންނަ ހަފުތާ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

"އުންމީދު ކުރެވެނީ ކުރިއަށް އޮތް މަހެއް ދެ މަސް ތެރޭގައި ހަމަ އެއްކޮށް މި ފެސިލިޓީ ބިނާކުރެވި، ފެސިލިޓީއަށް މާލެ ތެރޭ އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާ ކުރެވިގެން މިތަނުގައި ގެންގުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" އާޒިމް ވިދާޅުވިއެވެ.

ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެއިތުރުން، މި މަސައްކަތަކީ ވަރަށް އަވަހަށް ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މި މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށް ސަރުކާރުން ވެސް ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ފެސިލިޓީގެ ހުރިހާ ޓެކްނިކަލް މަސައްކަތްތައް ކުރަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ކަމަށާއި ފިޒިކަލް މަސައްކަތްތައް ކުރަނީ މާލެ ސިޓީ ކައުސިލުން ކަމަށެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ.

ބުޅާ ފެސިލިޓީ ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/މޫސާ ނަދީމް

މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ބުޅަލުގެ އާބާދީ 3000އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް