ވިލީގެ ވާހަކަ: ދަރިފުޅަށް ތައްޔާރުކުރި ކުކީއިން ރަހަޖެއްސި ފޮނި ވިޔަފާރި

ކޭކު އެޅުމާއި، ކުކީސް ނުވަތަ ބިސްކޯދު ފަދަ ތަކެތި ތައްޔާރުކުރުމަކީ ވިލީނީ އަލީ (ވިލީ)ގެ ޝައުގު މީގެ މާކުރިން ދަމައިގެންފައިވާ ކަމެކެވެ. އަބަދު ވެސް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަކީ އޭނާގެ އާދައެކެވެ.

މީގެ 18 އަހަރު ކުރިން މި ދާއިރާއަށް ނިކުމެ، އޭނާގެ ފޮނި ހުވަފެންތަކުގައި 'ރަހަ ޖެއްސުމުގެ' މަސައްކަތް ފެށީ ވެސް އެހެންވެއެވެ. މިއަދު ވެސް އޭނާގެ އެ ރަހަތަކަށް ބަދަލެއް ނުގެނެއެވެ.

"ދެން އެހެން އުޅެނިކޮށް ކުދިން ލިިބިގެން ކުދިންނަށް ސެލެބްރޭޝަނަށް ފާޑުފާޑު ކޭކު އަޅަމުން އަޅަމުން ގޮސް އަޅުގަނޑަށް ކުކީ ހެދުނީ. އެއީ 2007ގައި،" ވިލީ ކިޔައިދިނެވެ.

އެންމެ ފުރަތަމަ ދަރިފުޅަށް ތައްޔާރުކޮށްދިން ކުކީއާއެކު އޭނާގެ އަމާޒަކަށްވީ ހުވަފެނުން ދެކެމުން އައި ވިޔަފާރީގައި ފޮނިރަހަ ޖެއްސުމެވެ.

އަވަށްޓެރިންނަށާއި، އާއިލާއަށް، ހުރިހާ އެންމެނަށް ވެސް އެ ވެގެންދިޔައީ މާ މީރު އެއްޗަކަށެވެ. އެހާ ހިސާބުން ވިޔަފާރިއެއް ފަށައިގެން ކުރިއަށް ދިއުމަށް އެ އެންމެން ވެސް ވިލީއަށް ހިތްވަރު ދިނެވެ. މިއީ އޭނާގެ 'ކޫކިސް'ގެ ފެށުމެވެ.

ވިލީނީގެ އަމިއްލަ އުފެއްދުމެއް. މިއީ ކުކީއެއްގައި ޑިޒައިނެއް އަޅައިފައި --

ތަފާތު ޑިޒައިންތަކަށް ކުކީ ރީތިކޮށް ތައްޔާރުކުރުމަކީ އޭރު ވަރަށް އާ ކަމެކެވެ. އަލަށް އެ މަސައްކަތް ވިޔަފާރިއެއްގެ ގޮތުގައި ފަށައިގެން ކުރިއިރު އެކި ޑިޒައިންގެ ކުކީ ތައްޔާރުކުރަމުން ދިޔައިރު މަޖާ އެތައް ވާހަަކައެއް އަޑު ނީވޭ ދުވަހެއް ނުދެއެވެ.

"ބައެއް މީހުންނަށް ހީވޭ އެއީ ފިލާކޮޅެއްގައި ކުރަހައިފައި ހުންނަ އެއްޗެކޭ ވެސް. އެކަހަލަ ވަރަށް މަޖާ ކޮމަންޓްސްތައް އައި. ބައެއް މީހުން ނުކައި ބައިންދާފައި އެއީ އެތައް ދުވަހެއްފަހުން ކުކީއެއްކަން އެނގިގެން ކާލައިފައި ވެސް އެބަހުރި،" އޭނާ ބުންޏެވެ.

މި ފަދަ ކަމެއްގައި އަލަށް ކުޑަ ވިޔަފާރިއެއް ފެށުމަކީ ވިލީ ކިޔައިދިން ގޮތުގައި ވަރަށް ގިނަ ބަޔަކަށް ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ހީވެދާނެ ކަމެކެވެ. އެ ކަމަކު މިއީ މުޅި ދުވަސް މި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

މި ކުޑަކުޑަ ފޮނި ވިޔަފާރީގައި ވިލީއަށް އެންމެ ޚާއްސަ އެއް ކަމަކީ ވިޔަފާރީގެ ނަމެވެ. "ކޫކިސް"ގެ ނަމުން މި ވިޔަފާރިއަށް ނަން ދިނީ އޭނާގެ ދަރިފުޅުގެ ކުޑައިރުގެ ހަނދާންތަކާ ގުޅުވައިލައިފައެވެ.

ކޫކިސް --

"ކުރިން ހަދަނީ ވަރަށް ކުދިކުދި ކުކީޒް. ދެން އޭނަ ކިސްއެއް [ދޮނެއް] ދިނީމަ އަޅުގަނޑު ކުކީއެއް ދެނީ އަބަދު ޝުގާ ނުދޭންވެގެން. އެ ކަހަލަ ލޯބިކަމެއް ކޮށްފައި އިންނަނީ. ދޭން އޭނަ އެެހެން އުޅެލައިފައި އައިސްފައި ކިސްއެއް ދީފައި ބުނާނީ، މަންމާ ކުކީއެއް ދޭށޭ،" ވިލީ ބުންޏެވެ.

މަސައްކަތަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ދިނުމަކީ މި މަސައްކަތް ކުރާއިރު އޭނާ އެންމެ އިސްކަން ދޭ ކަންތަކެވެ. ވިލީނީ ކިޔައިދިން ގޮތުގައި މި ކަން ދަސްކޮށް، ދުވަހަކަށްވުރެ ދުވަހެއް ހުނަރުތައް ކުރިއަރުވަން ބޭނުންނަމަ އެންމެ މުހިންމީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމެވެ. އެހެންނޫންނަމަ އަނެއްކާ ވެސް އެ ހުނަރު ފަނޑުވެ އަލުން ދަސްކުރަން ޖެހުމަކީ ވެދާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ވިލީނީގެ އަމިއްލަ އުފެއްދުމެއް --

"އެހެންވެ މިހާރު އެނގޭ ދެން ކުކީއެއްގައި ޖެހިދާނެ ހުރިހާ މައްސަލައެއް. ހަމަ އަމިއްލައަށް އަޅުގަނޑު ރިސާޗް ހަދައި، މިސާލަކަށް ކުކީގެ ފުށްގަނޑުގެ އެކިކަހަލަ ފުށްގަނޑު ހަދައިގެން އޭގެން ރަނގަޅު ފުށްގަނޑެއް ހޯދައި، އެ ކަހަލަ ގޮތަކަށް ދެން،" އޭނާ ކިޔައިދިނެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ހުއްޓުމެއް ނެތި ކުރިއަށް ދެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލާގެ ފަރާތުން އޭނާއަށް ލިބޭ އެއްބާރުލުމެވެ. ރޭގަނޑު ލަސް ވަގުތުތަކުގައި މަސައްކަތް ކުރާ ފަހަރުތަކުގައި ވެސް، އޭނާއާއެކު އާއިލާގެ ކޮންމެ ވެސް އެކަކު ބައިވެރިވެއެވެ.

އެއްގޮތަކަށް ވެސް ބޮޑެތި ކޭކު އެއްޗެހި އަޅާކަަށް ވިލީގެ ވިސްނުމެއް ނެތެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އޭނާ ބޭނުންވަނީ ކުކީޒާއި، މިއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރާށެވެ.

މި ކަމުގައި ކުރިއަށްދާން ވިލީ ބޭނުން ނުހިފާ ފުރުސަތެއް ނެތެވެ. އެކި ފެއާތަކުގައި އޭނާ ބައިވެރިވެއެވެ. އަދި އާންމުންނަށް މަސައްކަތްތައް ދައްކައިލައި، އުފެއްދުންތައް ވިއްކުމަށް ވެސް މަސައްކަތް ކުރެއެވެ.

މިއީ އޭނާ ކުރާ ހިތުން ކުރާ ކަމެކެވެ. އޭނާ ބުނި ގޮތުގައި ކާމިޔާބުކަމާއެކު ހިންގުމަށް ބޭނުންވަނީ އަބަދުވެސް މަސައްކަތުގައި އެއް ގޮތެއްގައި ދެމިހުރުމެވެ.

"އަޅުގަނޑު މި ހުރީ ނޫންތޯ. 18 އަހަރު،" އޭނާ ބުންޏެވެ.

comment ކޮމެންޓް