ކ. ކާށިދޫގައި އެއްގަމަށް އެހެލާފައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގީ ބެލެވޭ ގޮތުގައި މިރޭ 12:50 ހާއިރެވެ.
ހާދިސާގެ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ކ. ކާށިދޫ ކައުންސިލް ރައީސް މުޙައްމަދު އާމިރު "ސަން"އަށް ވިދާޅުވީ އަލިފާން ރޯވީ އެހެލާފައި އޮންނަތާ ހަތަރު އަހަރަށްވުރެ ގިނަ ދުވެސްވެފައިވީ ބާ ދޯންޏެއްގައި ކަމަށެވެ.
އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި، އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފީކަމަށް އާމިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނަގަން އަންގައިފައި އޮންނަތާ ވެސް ވަރަށް ދުވަސްވެއްޖެ އެ ދޯނި އެހެން އޮންނާތީ. މަގަށް ވެސް ވާ ގޮތަށް އޮތުމުން ގިނަ ބަޔަކަށް ތަކުލީފާ ވެސް ކުރިމަތިވޭ. އެކަމު މިހާތަނަށް ވެސް އިޖާބައެއް ނުދޭ އޭގެ ވެރި ފަރާތުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތުހުމަތުކުރެވެނީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ކަމަށެވެ.
"އެއީ މިއީ ހޫނު ގަދަވެގެން ވެސް ހުޅު ހިފާ ޒާތުގެ އެއްޗެއް ނޫން. މި ހުރިހާ ދުވަހު ވެސް އެ އޮތީ ހަމަ އެ ތަނުގައި. އެހެންވީމާ ތުހުމަތު ކުރެވެނީ އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ހިއްސާކުރައްވަމުން އާމިރު ވިދާޅުވީ މި ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އެ ކަމަށް ޓަކައި އެމްއެންޑީއެފް ފަޔާ ރެސްކިއު ޓީމެއް ވެސް އެ ރަށަށް ދަތުރުކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.