ތިގެއަށް ގަންނަނީ ކޮން ކުލައެއްގެ ކަރައެއް؟

ފޮޓޯ/ފުޑްރިޕަބްލިކް

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހު ވެސް މާރުކޭޓުން އެންމެ ގިނަ އަދަދަކަށް މީހުން ގަންނަ އެއް މޭވާއަކީ ކަރައެކެވެ. ރަމަޟާން މަހު އެންމެ ބޮޑު ޑިމާންޑެއް އޮންނަ މި މޭވާގެ ޖޫސް ފުޅިއެއް ސުފުރާ މަތިން ފެންނަން ނެތިއްޔާ ސުފުރާމަތި ފެންނާނީ ވަރަށް ފަޅުކޮށެވެ.

ބާޒާރުގައި މި އަހަރު ވެސް ދެ ވައްތަރެއްގެ ކަރާ އާއްމުކޮށް ލިބެން ހުރިއިރު އަދިވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ރަތް ކުލައިގެ ކަރައަށެވެ. އަލަނާސި ކަރާ ނުވަތަ ގިނަ ބަޔަކު ކިޔާ ގޮތުން ނަމަ ރީނދޫ ކުލައިގެ ކަރާ ދިވެހި ބާޒާރަށް ނެރުނު ނަމަވެސް ގިނަ ބަޔަކު އަދިވެސް ފޯރި ހުންނަނީ ރަތް ކުލައިގެ ކަރައަށެވެ.

"އަސްލު ވަކި ނުބަލަން ކުލައަކަށް. މި ގެއަށް ބައެއް ދުވަސް ދުވަހު ދެ ވައްތަރު ކަރާ ވެސް ގަނޭ،" މިކަމާ ގުޅިގެން ޒުވާނަކާ ސުވާލުކޮށްލުމުން ބުންޏެވެ.

އޮފީހެއްގައި މަސައްކަތްކުރާ ޒުވާނަކު ބުނި ގޮތުގައި އަލަނާސި ކަރާ ފަނި ބުއިފަހުން ރަތް ކުލައިގެ ކަރައަށްވުރެ އަލަނާސި ކަރަލުގެ ފަނި މާ މީރެވެ.

"އެކަމަކު އަދިވެސް ހުހަށް ކާން މީރީ ހަމަ ރަތް ކަރާ،" އުމުރުން 28 އަހަރުގެ ޒުވާނާ ބުންޏެވެ.

ފޮޓޯ/ފްރީޕިކް.ކޮމް

ކުލައިގެ ވާހަކަ އެއްކައިރި ކޮށްލުމަށް ފަހު މި ދެ ކުލައިގެ ކަރައިން ލިބޭ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

• ބޭރުފުށުން ގާތްގަނޑަކަށް އެއް ކުލައެއްގައި އެއް ގޮތަކަށް ފެންނަން ހުންނަ ދެ ކުލައިގެ ކަރަލުގައި ވެސް 90 އިންސައްތައަށް ވުރެ ގިނައިން ފެން އެކުލެވިގެންވެއެވެ.
• ވިޓަމިން ސީ، ވިޓަމިން އޭ، ފައިބާ އަދި ޕޮޓޭސިއަމް ފަދަ ވިޓަމިންސްއާއި މިނަރަލްސް މި ދެ ކުލައިގެ ކަރަލުގައި ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.
• މި ދެ ކުލައިގެ ކަރަލުގައި ހުރި ހަމައެކަނި ތަފާތަކީ ގުދުރަތީ ކުލަ ލިއްބައިދޭ މާއްދާގެ ހުރި ތަފާތެވެ. ރީނދޫ ކަރާ ނުވަތަ އަލަނާސި ކަރާގައި ލީކޯޕީން ކިޔާ މާއްދާއެއް މަދުވާއިރު ރަތް ކުލައިގެ ކަރަލުގައި ބީޓާ-ކެރޮޓީން ކިޔާ މާއްދާއެއް ނުހިމެނެއެވެ. ބީޓާ-ކެރޮޓިން އަކީ ތަރުކާރީއާއި މޭވާތަކަށް ގުދުރަތީ ކުލަ ގެނެސްދޭ މާއްދާއެކެވެ. މި މާއްދާ ބޮޑަށް އެކުލެވިގެންވަނީ ރީނދޫ ކުލަ އަދި އެއަށްވުރެ ގަދަ އޮރެންޖު ނުވަތަ ގޯލްޑު ކުލަތަކުގެ ޝޭޑުތައް ހުންނަ މޭވާއާއި ތަރުކާރީގައެވެ.
• އަލަނާސި ކަރަލުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭއިރު ބީޓާ-ކެރޮޓީން މާއްދާގެ ސަބަބުން ހަށިގަނޑުގެ އިމިއުނިޓީ ވަރުގަދަކޮށްދީ މީހާ ސްޓްރެސްވުމުން ދުރުކޮށްދެއެވެ.
• ރަތް ކުލައިގެ ކަރަލުގައި އެކުލެވޭ ލައިކަޕީން މާއްދާގެ ސަބަބުން މީހާ ޑީހައިޑްރޭޓްވުމުން ދުރުކޮށްދޭއިރުގެ ނުރައްކާތެރި ދޯދިން ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ. މިއީ ހަށިގަނޑުގައި ލޭ ރަނގަޅަށް ދައުރުކޮށްދިނުމަށް ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މާއްދާއެކެވެ.

އެހެންވެ، ކަރަލެއް ގަންނާކަށް ވަކި ކުލައެއް ނެތެވެ. ދެ ވައްތަރުގެ ކަރަލުން ވެސް ފައިދާ ގިނައެވެ.

comment ކޮމެންޓް