ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަށް ފަހު ހެލިކޮޕްޓަރު އޮޕަރޭޓްކުރަން އެގައުމުގެ އާންމުން ގެނައުމާ ގުޅޭ އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
މި މަޝްވަރަތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މާލޭގައި ކުރިއަށްގެންދިޔަ ދެ ގައުމުގެ ހައިލެވެލް ކޯ ގްރޫޕުގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ހެލިކޮޕްޓަރު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއެވެ. އަދި ދެ ގައުމުގައި ބޮޑުވެފައިވާ މައްސަލަތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލި އަޅުވާލިއެވެ.
މީގެ ތެރޭގައި، މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ސްޕީޑް އަވަސް ކުރުމާއި ދެ ގައުމުގެ ވިޔަފާރިއާ އިންވެސްޓްމަންޓާ ގުޅޭ މަޝްވަރާތައް މި ބައްދަލުވުމުގައި ކުރިއަށް ގެންދިޔައެވެ.
ހަތަރުވަނަ ހައިލެވެލް ކޯ ގްރޫޕު ބައްދަލުވުން އިންޑިއާގެ ނިއު ދިއްލިގައި ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމަފައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އައްޑޫގައި ގާއިމްވެ ތިބި ސިފައިން މިދިޔަ ހޯމަ ދުވަހު ވަނީ ގޮސްފައެވެ.
ވެރިކަމާ ހަވާލުވުމަށް ފަހުގައި މި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ގާއިމުވެ ތިބެއެވެ.
އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެ މައުލޫމާތު ހާމަކުރަން އެދުމުން ވެސް ބުނެފައިވަނީ އެއީ ސިއްރުކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ބެޗު މިހާރުވަނީ ރާއްޖެއިން ގޮސްފައެވެ.
މޭ 10ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ފޮނުވައިލުމަށް އިންޑިއާއިން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.