މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެންމެ ގިނަ މައްސަލަ ޖެޖިސްޓާކޮށް ތަހުގީގު ކުރީ ގޯތިގެދޮރާ ގުޅޭގޮތުން ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނަށް ޖުމްލަ 1151 ޝަކުވާ ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކެވެ. ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް 619 މައްސަލައެއް ހުށަހަޅާފައިވާއިރު، އީމެއިލްގެ ޒަރީއާއިން 258 އަދި ސިޓީ މެދުވެރިކޮށް 165 ޝަކުވާ ހުށަހަޅާފައިވެއެވެ.
މި ޝަކުވާ ތަކުގެ ތެރޭގައި އެންމެ ގިނައީ ކާކުކަން ނޭންގޭ ގޮތަށް ހުށަހަޅާފައިވާ ޝަކުވާ ތަކެވެ. އެއީ 561 ޝަކުވާއެވެ.
ކޮމިޝަންގެ އަހަރީ ރިޕޯތުގައި ވާގޮތުން އެހެން އަހަރުތަކާ އަޅައިބަލާއިރު، މިދިޔަ އަހަރު ހުށަހެޅުނު ޝަކުވާ އިތުރުވީ ރިޔާސީ އިންތިޚާބާއި ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެންނެވެ.
ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަށް ކޮމިޝަންގެ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮމިޝަންގެ މެންޑޭޓަށް ފެތޭނަމައެވެ. އެގޮތުން ގޯތިގެދޮރާ ގުޅުންހުރި 216 މައްސަލައެއް މިދިޔަ އަހަރު އޭސީސީން ރަޖިސްޓަރުކުރިއެވެ. ޕްރޮކިއުމަންޓާ ގުޅޭ 115 މައްސަލަ ރަޖިސްޓަރުކޮށްފައިވާއިރު، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުން ކުރުމާ ގުޅުން ހުރި 112 މައްސަލައެއް ރަޖިސްޓަރުކޮށްފައިވެއެވެ.
ރަޖިސްޓްރީކުރުމަށް ކޮމިޝަނުން ނިންމާ މައްސަލައެއް ހުށަހެޅި ފަރާތް އެނގޭނަމަ މައްސަލަ ރަޖިސްޓްރީ ކުރިމަކުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭނެއެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
ނަމަވެސް އޭސީސީން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.