ބޮއިކޮޓްގެ ސަބަބުން މެކްޑޮނަލްސްއަށް ހަތް ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް!

ވޮޝިންޓަން (13 މާޗް 2024): އަރަބި އަދި އިސްލާމީ ގައުމުތަކުގައި ހިންގާ އެމެރިކާގެ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓްތަކަށް މާލީ ބޮޑު ގެއްލުމެއް ލިބިއްޖެކަމަށް އެކުންފުނީގެ ސީއެފްއޯ އިޔާން ބޯޑެން އިއުތިރާފުވުމާއެކު ހިއްސާގެ ބާޒާރުގައި އެކުންފުންޏަށް ހަތް ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މެކްޑޮނަލްޑްސްގެ ސީއެފްއޯ އިޔާން ބޯޑެން ވިދާޅުވީ ޣައްޒާއަށް އިސްރާއީލު ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެތައް މިލިޔަންބަޔަކު އެ ރެސްޓޯރެންޓް ބޮއިކޮޓް ކޮށްފައިވާކަމަށާއި އެކަމުގެ އަގު ވަރަށް ހިތިގޮތަކަށް އެކުންފުންޏަށް ތަހައްމަލު ކުރަންޖެހިފައިވާ ކަމުގައެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 31 ހާސް މީހުން ޝަހީދުކޮށްލައި 73 ހާސް މީހުން ޒަޚަމްކޮށްލާފައިވާއިރު އަރަބި އިސްލާމީ ދުނިޔޭގައިވަނީ އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކޭންޕޭނެއް ރައްޔިތުންގެ ފެންވަރުގައި ފަށާފައެވެ.

މިކޭންޕޭންގެ ދަށުން މެކްޑޮނަލްޑްސްގެ އިތުރުން ޔަހޫދީ މަހުޖަނުން ދުނިޔޭގެ ފެންވަރުގައި ހިންގާ އެތައް ވިޔަފާރިއެއް އަރަބި އިސްލާމީ ގައުމުތަކުގައި ގެންދަނީ ބޮއިކޮޓް ކުރަމުންނެވެ. މީގެތެރޭގައި ސްޓާބަކްސް އާއި ކޭއެފްސީ، ޒާރާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

އަރަބި އިސްލާމީ ދުނިޔޭގެ އިތުރުން އެމެރިކާއާއި ޔޫރަޕް ފަދަ ހުޅަނގުގެ ގައުމުތަކުގައިވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ލާއިންސާނިއްޔަތާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި ޔަހޫދީންގެ އަނިޔާވެރި ހަގީގަތް އެނގޭ ފަރާތްތަކުން ވަނީ ޔަހޫދީ އަނިޔާވެރި މަހުޖަނުންގެ ވިޔަފާރިތައް ބޮއިކޮޓް ކުރަން ފަށާފައެވެ.

މެކްޑޮނަލްޑްސް ބޮއިކޮޓް ކުރަންފެށީ ޣައްޒާގެ އާންމުން މެރުމުގެ ޖަރީމާތަކުގައި ޝާމިލުވާ އިސްރާއީލުގެ ސިފައިންނާއި ޣައްޒާގައި އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތައް (ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް) ރާވައި ހިންގާ ފަރާތްތަކަށް ކާބޯތަކެތީގެ ޕާރުސަލްތައް ހިލޭ ފޯރުކޮށްދޭނެކަން މިދިޔަ އޮކްޓޯބަރުމަހު އެކުންފުނިން އިއުލާނު ކުރުމާ ގުޅިގެންނެވެ.

މި ބޮއިކޮޓް ހަރަކާތުގެ ސަބަބުން މެކްޑޮނަލްޑްސްގެ ސިލްސިލާ ރެސްޓޯރެންޓްތަކަށް ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރުގެ ޑައިރެކްޓް ގެއްލުން ވެފައިވާކަމަށް އެކުންފުނީގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިފަހަރު ގެއްލުންމިވީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކުގައި މެކްްޑޮނަލްސްގެ ވިޔަފާރީގެ އަގުގެ ތެރެއިން ހަތް ބިލިޔަން ޑޮލަރުގެ މިންވަރެއް އެކުންފުނީގެ ހިއްސާތަކުން ކުއްލިއަކަށް ގެއްލި ހިއްސާގެ އަގު ދަށްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ ނުސީދާ ގެއްލުމަކަށް ވިޔަސް މިއީ އެކުންފުނީގެ މުސްތަގްބަލަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ޚުދު މެކްޑޮނަލްޑްސް އިންވަނީ އެއްބަސްވެފައެވެ.

މި ގެއްލުންތައް ތަހައްމަލުކުރަން ޖެހުމުން މެކްޑޮނަލްޑްސް އިންވަނީ ޣައްޒާގައި އިސްރާއީލުން ހާލުގައި ޖައްސާފައިވާ ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން މާލީ އެހީތަކެއް އިންސާނީ އެހީދޭ އދ. ގެ އެޖެންސީތަކާއި އަމިއްލަ އެޖެންސީތަކަށް ދީފައިވާކަން އިއުލާނުކޮށްފައެވެ.

އަދި ބޮއިކޮޓްގެ ހަރަކާތްތަކާއެކު މެކްޑޮނަލްޑްސްއިންވަނީ އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ ސިފައިންނަށް ދޭ ކާބޯތަކެތީގެ ހިލޭ ޕާރުސަލްތައް ދިނުން ހުއްޓާލާފައެވެ. އެކުންފުނިންވަނީ އެކަން މިހާރު ކުރިޔަށް ނުގެންދާކަން އެތައް ފަހަރަކު ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު