ރަޝިއާގެ އިދިކޮޅު ޖަމާއަތަކުން އެގައުމުގެ ކޫރްސްކް ސަރަޙައްދަށް ވަރުގަދަ ހަމަލާތަކެއް ދީފި

މޮސްކޯ (13 މާޗް 2024): ރަޝިއާގެ ހުޅަނގުގެ ކޫރްސްކް ސަރަޙައްދަށް ހަތިޔާރާއެކު އަރައި ހަމަލާތައްދިން ރަޝިއާގެ އިދިކޮޅު ޖަމާއަތުގެ ފަހަތުގައިވަނީ ޔުކްރެއިންކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން މި ހަމަލާތައް ދީފައިވަނީ "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ނަމަކަށްކިޔާ ބާޣީ ޖަމާއަތަކުންނެވެ. އެޖަމާއަތުގެ ތަރުޖަމާނު އެލެކްސީ ބަރޮނޯވްސްކީ ބުނިގޮތުގައި އެޖަމާއަތުން ހަމަލާދިނީ ރަޝިއާގެ އަސްކަރީ މަރުކަޒަކަށެވެ.

އެމަރުކަޒަށް ހަމަލާދީ ރަޝިއާގެ ބައެއް ބަރުހަތިޔާރުތައް ހަލާކުކޮށް އެސަރަހައްދުގެ ބައެއް ކޮންޓްރޯލްގެ ދަށަށް ގެނަސްފައިވާކަމަށް "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ޖަމާއަތުގެ ތަރުޖަމާނު ބަރޮނޯވްސްކީ ބުނެފައިވެއެވެ. ނަމަވެސް ރަޝިއާ ސަރުކާރުންވަނީ އިދިކޮޅު ޖަމާއަތުން އެސަރަހައްދުގެ ބައެއް ހިފިކަމަށް ބުނެ ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ.

ރަޝިއާގެ އަމަނާބެހޭ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ޖަމާއަތުގެ މެންބަރުން މިހާރުވަނީ ކޫރްސްކް ސަރަހައްދުން ފައްސާލައި ވިއްސި ވިހާލިކޮށްލެވިފައެވެ. އެމީހުންގެ ހަމަލާތަކުގައި ބުރަދަނެއް ނެތްކަމަށްވެސް ރަޝިއާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ބުނާގޮތުން "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" އަކީ ޔުކްރެއިންގެ އެހީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެކެވެ. އެޖަމާއަތަށް ހަތިޔާރުފޯރުކޮށްދީ އަސްކަރީ އިރުޝާދުތައް ދެނީ ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ ސަރުކާރުންނެވެ. ބޭނުމަކީ ރަޝިއާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ރަޝިއާގެ އެތެރެ ގަޑުބަޑުކޮށްލެވޭތޯ ބެލުމެވެ.

"ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ޖަމާއަތަކީ ހުޅަނގުގެ ތާއީދުވެސް އޮންނަ އަދި ހުޅަނގު ބޭނުންވާގޮތަށް ރަޝިއާގައި ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރެއް އުފެއްދުމަށް މަސައްކަތްކުރާ އަދި ހުޅަނގުގެ ޕްރޮޕަގެންޑާ ފަލްސަފާގައި ޖެހިފައިވާ އެޖެންޓުންގެ ބައިގަނޑެއްކަމަށް ރަޝިއާގެ މީޑިއާ ސިފަކުރެއެވެ.

"ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ތަރުޖަމާނު އެލެކްސީ ބަރޮނޯވްސްކީ ރަޝިއާ ސަރުކާރަށް އިންޒާރު ދިންގޮތުގައި އިއްޔެގެ ހަމަލާތަކަކީ އަދި ފެށުމެކެވެ. މިބާވަތުގެ އެތައް ހަމަލާތަކެއް މުސްތަގްބަލުގައި އެޖަމާއަތުން ރަޝިއާއަށް ދޭނެއެވެ.

ބަރޮނޯވްސްކީ ބުނިގޮތުގައި ރަޝިއާގެ ހުޅަނގުގެ ކޫރްސްކް ސަރަހައްދަށް ކުއްލި ހަމަލާތަކެއް ދިނުމުގެ މައިގަނޑު ބޭނުމަކީ ރަޝިޔާ ސިފައިން ޔޫކްރެއިންއާ ދެކޮޅަށްކުރާ ހަނގުރާމައަށް ލޮޅުން އަރުވާލުމެވެ. މިފަދަ ހަމަލާތައް ގިނަކުރުމުން މިކަމާދެކޮޅަށް ސިފައިންގެ ބަޔަކު ނެރެން ރަޝިއާގެ އަސްކަރިއްޔާއަށް މަޖުބޫރުވާނެކަމަށާއި ނަތީޖާއަކަށް ވާނީ ޔުކްރެއިންއަށް ލުއިލިބުންކަމަށް ބަރޮނޯވްސްކީ ބުނެފައިވެއެވެ.

ނަމަވެސް ޔުކްރެއިން ބުނާގޮތުން ރަޝިއާގެ އިދިކޮޅު މިޖަމާއަތުގެ ހަނގުރާމަވެރިންނާ އެގައުމާ ގުޅުމެއްނެތެވެ. އެޖަމާއަތުންގެ ހަރަކާތްތަކަކީ އެމީހުން އަމިއްލައަށް ހިންގާ ހަރަކާތްތަކެކެވެ. އަދި އެއީ ރަޝިއާގެ ދާޚިލީ އަރާރުމެއްކަމަށްވެސް ޔުކްރެއިނުން ބުނެފައިވެއެވެ.

ރަޝިޔާގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ ސަރުކާރާ އިދިކޮޅު ކުދިކުދި ޖަމާއަތްތައް ހަރަކާތްތެރިވެއެވެ. މީގެތެރޭގައި "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ޖަމާއަތުގެ އިތުރުން ރަޝިއަން ވޮލަންޓިޔަރ ކޯއާއި ސައިބީރިޔަން ބެޓެލިޔަން ފަދަ ކުދި ޖަމާއަތްތައް ހިމެނެއެވެ. ނަމަވެސް މިއީ ރަޝިއާ ސަރުކާރާ ދެކޮޅަށް މާބޮޑުކަންތައްތަކެއް ކުރެވޭވަރުގެ ޖަމާއަތްތަކެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު