އިއްޔެއާ އަޅައި ބަލާއިރު ބަޒާރުގައި ކެރެޓުގެ އަގު މިއަދު ވަރަށް ބޮޑަށް ހެޔޮވެއްޖެއެވެ.
މާރުކޭޓުގެ ގޮޅިއަކުން 'ސަން'އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ އިއްޔެ މާރުކޭޓުގައި ކެރެޓު ކިލޯއެއްގެ އަގު ހުރީ 60 ރުފިޔާއަށް އުފުލިފައި ކަމަށެވެ. ނަމަވެސް މިއަދު ކެރެޓުގެ އަގު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ބާޒާރުގައި މިއަދު ހުރި ތަކެތީގެ އަގުތަކަށް ބަލައިލާއިރު، ކަރާގެ އަގު އުޅެނީ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މިރުހާއި ލުނބޯގެ އަގު ބާޒާރުގައި އުޅެނީ ދާދި އެއްވަރަކަށެވެ. އެގޮތުން މިރުސް ކިލޯއެއްގެ އަގު 80 ރުފިޔާގައި އުޅޭ އިރު ލުނބޯގެ އަގު އުޅެނީ 70 އާއި 80އާ ދެމެދުގެ އަގުތަކެއްގައެވެ.
ރޯދަ މަހު އެންމެ ގިނައިން ފަނި ގިރަން ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ކުރުނބާގެ އަގު އިއްޔެ 35 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގައި ހުރިއިރު މިއަދު ކުރުނބައެއް ވިއްކީ 50 ރުފިޔާއަށެވެ. އަދި ކުރުނބާ ފެން ފުޅިއެއްގެ އަގު ހުރީ 150 ރުފިޔާގައެވެ.
މިއަދު ކިއުކަމްބާގެ އަގު ހުރީ 15 ރުފިޔާގައެވެ. ކޮޕީ ފަތުގެ ތިން ފަތް 10 ރުފިޔާއަށް އުޅޭއިރު، ކަންކުންފަތް ބޮނޑިއެއްގެ އަގު އުޅެނީ ފަސް ރުފިޔާގައެވެ. އަދި ބޭރު އަނބު ކިލޯއެއް 150 ރުފިޔާއަށް ލިބެން ހުރި ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.
މީގެ އިތުރުން އާދައިގެ ފަޅޯ ގެ އަގު މިއަދު ބާޒާރުގައި އުޅެނީ 30 ރުފިޔާގައެވެ.