އިސްރާއީލަށް ހަމާސް ބަލިނުކުރެވޭނެ: ޖާސޫސީ ރިޕޯޓާއި ތަޖުރިބާކާރުން

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްގެ މުޖާހިދުން

ވޮޝިންޓަން (12 މާޗް 2024): ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައިގެ މައި ލަނޑުދަނޑިއަކީ ހަމާސް ޖަމާއަތް އަސްކަރީގޮތުން ބަލިކުރުންކަމަށާއި ނަމަވެސް އެއީ ފަސޭހައިން ހާސިލު ކުރެވޭނެ ލަނޑުދަނޑިއެއް ނޫންކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ނެރުނު އަހަރީ ރިޕޯޓްގައިވާގޮތުން ހަމާސް އަސްކަރީ ގޮތުން ބަލިކުރުމަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ހަމާސް ބަލިކުރުމަށް ގިނަ އަހަރުތަކެއް ނެގުމަކީ ވަރަށް ގާތްކަމެކެވެ.

މި ރިޕޯޓް ބުނާގޮތުން ހަމާސްފަދަ ގެރިއްލާ ހަނގުރާމަކުރާ ޖަމާއަތްތައް (މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތައް) ބަލިކުރުމަކީ ފަސޭހަ ކަމެއްނޫނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ މިބާވަތުގެ ހަނގުރާމަތަކުގެ މާޒީއަށް ބެލިނަމަވެސް ފެންނަންއޮތް ހަގީގަތަކީ މިއެވެ.

މިރިޕޯޓް ބުނާގޮތުން އަރަބި ގިނަ ގައުމުތަކަކީ ހަމާސްއާ ދެކޮޅު ގައުމުތަކެއްކަމަށް ވިޔަސް ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމައިގައި ޣައްޒާގެ އާންމުންގެ ގިނަބަޔަކު މަރައި މުޅި ޣައްޒާ ފުނޑުފުނޑުކޮށްލުމުން އެގައުމުތަކުގެ ވިސްނުން މިހާރުވަނީ ވަރަށްބޮޑަށް އިސްރާއީލާ ދެކޮޅަށް ބަދަލުވެފައެވެ.

ހަތިޔާރުގެ ސިނާއަތުގައި ކުރީގައި އުޅޭ ގައުމެއްކަމަށްވާ އީރާނަކީ އެމެރިކާއާއި އިސްރާއީލުގެ އިންޒާރުތަކަށް ބެލުމެއްނެތި ހަމާސްއަށް ފާޅުގައި ވާގިވެރިވާ ގައުމެކެވެ. އީރާނުން ހަތިޔާރުގެ ޓެކްނޮލޮޖީ ހަމާސްއަށް ފޯރުކޮށްދެއެވެ.

ތުރުކީއަކީ ހަމާސްއަށް ހަތިޔާރުދޭ ގައުމަކަށް ނުވިނަމަވެސް ތުރުކީއަކީ ހަމާސްއަށް އިއުތިރާފުވާ އަދި އެޖަމާއަތާ ގުޅުންތައް ބާއްވާ އަދި އެޖަމާއަތަށް ވާގިވެރިވެ ހަމްދަރުދީ ފާޅުކުރާ ގައުމެކެވެ. އަނެއްކޮޅުން ހަމާސްއަކީ އާދައިގެ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި ކަމާބެހޭ އިންޖިނޭރުންވެސް ތިބި ޖަމާއަތެކެވެ.

މި ފެކްޓާތަކާއި މީގެއިތުރުން ޣައްޒާގެ ރައްޔިތުންގެ ގިނަ ބަޔަކު ހަމާސްއަށް ތާއީދުކުރުމަކީވެސް އެޖަމާއަތް ބަލިކުރަން އިސްރާއީލަށް ދަތިވާނެ ސަބަބުތަކެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓް މިގޮތަށް ބުނާއިރު އިސްރާއީލުގެ ކުރީގެ އަސްކަރީ މަސްއޫލުވެރިއެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ޔިސްރާއެލް ޒީވް ދާދިފަހުން ދީފައިވާ ބަޔާނެއްގައިވާގޮތުން ހަމާސްއިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަނީ ވަރަށް ވިޝަނަރީ ގެރިއްލާ ސްޓްރެޓެޖީއެއްގެ ދަށުންނެވެ. އެއީ ދިގުމުއްދަތަކުން އިސްރާއީލު ބަލިކުރުމުގެ ސްޓްރެޓެޖީއެވެ.

އިސްރާއީލުގެ ބަލިފަޔަކީ އެގައުމުގެ އާބާދީ ކުޑަވެފައި އާބާދީ އިތުރުވާރޭޓް މައިނަސްގައި ވާތީ ސިފައިން މަރުވުމަކީ ދިގުމުއްދަތަކަށް އިސްރާއީލަށް ތަހައްމަލު ކުރެވޭނެކަމެއް ނޫންކަން ދެކިގެން އެ ސްޓްރެޓެޖީގެ ދަށުންނެވެ.

1990ގެ އަހަރުތަކުގައި އިސްރާއީލު ސިފައިން ދެކުނު ލުބްނާނުން ފޭބީވެސް އެސަރަހައްދު މިނިވަންކުރުމަށްޓަކައި ލުބްނާނުގެ ހިޒްބުﷲ އިން މި ސްޓްރެޓެޖީ ބޭނުންކޮށްގެންނެވެ. ބޮން ގޮއްވައި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަދުމަދުން އިސްރާއީލު ސިފައިން މަރައި ހަނގުރާމަ ދިގުމުއްދަތަކަށް ދަންމާލުމުގެ ސްޓްރެޓެޖީއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނާ ދެކޮޅަށްވެސް ބޭނުންކުރީ މިސްޓްރެޓެޖީއެވެ. ނަތީޖާއަކީ 21 އަހަރަށްފަހު އަފްޣާނިސްތާނުން އެމެރިކާ ފައިބަން ޖެހުމެވެ. ރިޓަޔަޑް ޖެނެރަލް ޔިސްރާއެލް ޒީވް ބުނެފައިވާގޮތުން އިސްރާއީލު ސިފައިން ޣައްޒާގައި ކުރާ ހަނގުރާމަ ބިނާކޮށްފައިވަނީ އަވަސް ނަތީޖާތަކެއް ހާސިލްކުރާ އަސްކަރީ ޓެކްޓިކްސް ތަކެއްގެ މައްޗަށެވެ.

ހަމާސް ގެންގުޅޭ ފަދަ ދިގުމުއްދަތުގެ ސްޓްރެޓެޖީއެއްގެ މައްޗަކަށް ނޫނެވެ. އިސްރާއީލު ގެންގުޅޭ މިޓެކްޓިކްތައް ތަންފީޒުކުރުމުގައިވެސް އިސްރާއީލު ސިފައިންނަށް ކާމިޔާބު ނުލިބޭކަމަށާ މިއީ އިސްރާއީލު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމަށް ޒީވް ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު