އިނގިރޭސިވިލާތުގެ ލަންޑަންގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި ކުރިއަށް ގެންދާ އިންޑިއާ ފޯރަމް 2024ގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބޮލީވުޑް ބަތަލާ ޕަރިނީތީއާއި ފިރިމީހާ ރާގަވް ޗައްދާ ބައިވެރިވުމަށް ދައުވަތު ލިބިއްޖެއެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ޝަރަފުވެރި ފޯރަމްގައި ބައިވެރިވެ ފިލްމީ ކެރިއަރުގެ ތަޖުރިބާތައް ހިއްސާކުރުމަށް ލިބުނު ފުރުސަތަށް ބަތަލާ ވަނީ ޝުކުރު އަދާކޮށް އިންސްޓަގްރާމް މެދުވެރިކޮށް ދިގު ޕޯސްޓެއް ކޮށްފައެވެ.
އިންޑިއާ ފޯރަމް 2024ގައި ތަގުރީރުދޭ މަންޒަރު ހިމެނޭ ފޮޓޯތަކާ އެކު ކުރި ޕޯސްޓެއްގައި ޕަރިނީތީ ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްވަރުދޭ މުއައްސަސާއެއްގައި ޕްރޮފެޝަނަލް ދާއިރާގެ ތަޖުރިބާތައް ހިއްސާކުރުމަށް ލިބުނު ފުރުސަތަކީ ލިބުނު ޝަރަފެއް ކަމަށް ބުނެފައެވެ.
ހާއްސަކޮށް ޕަރިނީތީގެ ދިރިއުޅުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ. އެހެންކަމާއެކު މިއަދުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް ބޭއްވޭ މަޝްވަރާތަކުގައި ބައިވެރިވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޕަރިނީތީގެ އިތުރުން ފިރިމީހާ ރާގަވް ޗައްދާ ވެސް ވަނީ ޒުވާން އުމުރުގައި ސިޔާސީ މައިދާނަށް ނުކުތްއިރު ދިމާވި ގޮންޖެހުންތަކާ ބެހޭގޮތުން މި ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާގެ އެންގޭޖްމެންޓް ހަފްލާގެތެރެއިން-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ
މި އަހަރުގެ އިންޑިއާ ފޯރަމަކީ ޕަރިނީތީގެ ދެމަފިރިންނަށް ވެސް ވަރަށް ހާއްސަ މުނާސަބަތެއް ކަމަށް ޕަރިނީތީއާއި ރާގަވް ވަނީ ބުނެފައެވެ. ސަބަބަކީ ދެ މީހުން ވެސް މަތީ ތަޢުލީމު ހާސިލުކޮށްފައިވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކަމަށްވެފައި ދެ މީހުންގެ ލޯބީގެ ފެށުމަކީ ވެސް މި ސްކޫލްގެ މާޙައުލު ކަމަށްވުމުންނެވެ.
ޕަރިނީތީއާއި ރާގަވް އެންމެ ފުރަތަމަ ބައްދަލުވީ އައިސީސީ ޔަންގް ލިޑާސް ފޯރަމްގައެވެ. މިއުޒިކީ ދާއިރާއިން ކެރިއަރެއް ބިނާކުރުމުގެ މަސައްކަތް ދާދިފަހުން ފެށި ބަތަލާ ބެލުންތެރިންނަށް އެންމެ އަވަހަށް ފެންނާނީ ކުރިޔަށް އޮތް އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އަމަރު ސިންގް ޗަމްކީލާ"އިންނެވެ.