އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ފަލަސްތީނުގެ 70 މީހަކު ޝަހީދުކޮށްލައިފި

ހާލުގައި ޖެހިފައިވާ ޣައްޒާގެ ކުޑަކުއްޖެއް

ޣައްޒާ (11 ފެބްރުއަރީ 2024) : އިސްރާއީލުން ޣައްޒާއަށް ހަމަލާދީ މިއަދުވެސް 70 މީހުން ޝަހީދުކޮށް 106 އަށްވުރެގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން މި 70 މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ހަތްތަނަކަށް އިސްރާއީލު ދިން ޙަމަލާތަކުގައެވެ. މީގެތެރޭގައި ޣައްޒާގެ ދެކުނުގެ ޒައިތޫނާ އަވަށާއި ރަފްހު ސިޓީ ހިމެނެއެވެ.

ހަމަލާދިން އިމާރާތްތަކުގެ ދަށުގެ ފުނޑުފުނޑުވެފައިވާ ބައިތަކުގެ ދަށުގައި އެތަށް ބަޔަކު ތާށިވެފައިވާކަމަށާ ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުންވެސް އިސްރާއީލު ސިފައިން ހަމަލާތައް ދެމުންގެންދާކަމަށް އެވުޒާރާ ބުނެއެވެ.

އިސްރާއީލުން ހަލާކުކޮށްލާފައިޥާ ޣައްޒާ

އިސްރާއީލުވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ބަރަކާތްތެރި ރަމަޟާންމަހުވެސް ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.

ހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުގައި ވަރުނެތިގެން ޣައްޒާގެ ކަމާލް އަދަވާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުޑަކުދިންގެ ތެރެއިން ތިން ކުއްޖަކު މިއަދުވަނީ ޝަހީދު ވެފައެވެ. ހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓް ވުމުގެ ސަބަބުން އިއްޔެވަނީ އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކާއި ޒުވާން އަންހެން ކުއްޖަކުވެސް ޝަހީދުވެފައެވެ.

ޣައްޒާއަށް ބޮންއަޅައި އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ އިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށް ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައިވެސް އާންމުން މަރަމުންނެވެ.

ޣައްޒާގައި ހައިހޫނުކަން ތަހައްމަލުކުރާ 7 ލައްކަމީހުން ތިބިއިރު ޣައްޒާގައި ހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދުވަނީ 30 އަށްވުރެ މައްޗަށް ގޮސްފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ޣައްޒާގެ އާއިލާއަކުން އެމީހުންގެ ހަލާކުކޮށްލާފައިވާ އެޕާޓްމަންޓް ބަލަނީ

2.3 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާއަށް މިއަދަކީ މުލަރޯދަ ދުވަހެވެ. ނަމަވެސް ޣައްޒާގެ އާންމު ރައްޔިތުންގެ ބޮލަށް އިސްރާއީލު ގެންދަނީ ބޮންއަޅައި ކޮންމެ ދުވަހަކު އެމީހުން މަރަމުންނެވެ. ޣައްޒާގެ 80 އިންސައްތަ މީހުންގެ ގެދޮރަށް ބޮންއެޅުމުގެ ސަބަބުން އެމީހުންވަނީ ރެފިއުޖީންގެ ގޮތުގައި މަގުމަތިވެފައެވެ. ވަންނާނެ ގެދޮރުނެތި މަގުމަތީގައި އުޅެންޖެހިފައެވެ.

ޣައްޒާގެ އެތަންމިތަނުގައިވަނީ ހައިހޫނުކަން އާންމުވެފައެވެ. މިއާއެކު ޣައްޒާގެ ތެރެއިން ފެންނަނީ ހިތްފަޅައިގެންދާވަރުގެ ހިތްދަތި މަންޒަރުތަކެވެ. ޒަޚަމްވެފައިވާ މީހުންނާއި ހައިހޫނުކަން ތަހައްމަލުކުރާ މީހުންގެ ވޭނާއި ކެކުޅުމުގެ އަޑުތަކާއި އިސްރާއީލުން ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތައް ކުނިވެފައިވާ މަންޒަރުތަކެވެ. ފާޚާނާއާއި ނަރުދަމާގެ ނިޒާމު އިސްރާއީލުން ހަލާކުކޮށްލާފައިވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ސާފުތާހިރު ވެވޭނެގޮތެއް ވެސް ނެތެވެ.

އިސްރާއީލުން ޣައްޒާގެ ހަތިޔާރުނެތް އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގުމުގައި އިސްރާއީލު ކުޅަދާނަވިޔަސް ހަމާސްގެ މުޖާހިދުންނާ ކުރިމަތިލުމުގައި އިސްރާއީލުވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ.

ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް އެމެރިކާގެ މޮޅު އަދި ވަރުގަދަ ހަތިޔާރާއެކު 4 މަސް ވަންދެން އިސްރާއީލުގެ ލަޝްކަރުތައް ހަނގުރާމަ ކުރިއިރުވެސް ހަމާސްގެ މުޖާހިދުންގެ މައްޗަށް އެއްވެސް ކާމިޔާބެއް އިސްރާއީލު ސިފައިންނަށް ލިބިފައެއް ނުވެއެވެ. ހަމާސްގެ ބާރު ކަނޑުވައިނުލެވުމުގެ އިތުރުން އަސީރަކު މިނިވަންކުރެވިފައެއްް ވެސް ނުވެއެވެ.

ހަމާސްގެ މުޖާހިދުން އުޅޭތަނެއް އެމީހުންގެ ކޮމާންޑް ސެންޓަރުތަކެއް ދެނެގަނެވިފައެއް ނުވެއެވެ. ހަމާސްގެ ބިންގަރާސްތަކުންވެސް ވަރަށް ކުޑަމިންވަރެއް މެނުވީ އިސްރާއީލަށް ހަލާކު ކުރެވިފައެއް ނުވެއެވެ.

އިސްރާއީލާ ދެކޮޅަށް ހަމާސްއިން ކުރާ މިނިވަންކަމުގެ ޖިހާދުގައި މިދިޔަ އޮކްޓޯބަރުމަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ 800 ވަރަކަށް މީހުން މަރާލާފައިވާއިރު 2000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ. މީގެތެރޭގައި ގިނައީ އިސްރާއީލުގެ ސިފައިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު